ޚަބަރު

ޔަމަނުގެ ޙާލަތު ވަރަށް ގޯސް، އަވަސް އެހީތެރިކަން ބޭނުންވޭ: އދ


ކޯވިޑް-19 ފެތުރޭތީ ޔަމަނުގެ ޙާލަތު ވަރަށް ގޯސްވެފައިވާކަމަށާއި އެ ޤައުމަށް އަވަސް އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަމަށް އދން ބުނެފިއެވެ.

އދގެ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އިދާރާގެ ތަރުޖަމާނު ޖެންސް ލެއަކޭ ވިދާޅުވީ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާޢަތްތަކުން ޔަމަނުގައި މަސައްކަތްކުރަމުންދަނީ އެ ޤައުމުގައި ހަލުވިކަމާއެކު ބަލިފެތުރޭކަމަށް ބަލައިގެންކަމަށެވެ. ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ޔަމަނުގެ ޞިއްޙީ ނިޒާމަށް ވަރަށް ބޮޑަށް ބާރުބޮޑުވެފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ޔަމަނުގެ ޙާލަތު ވަރަށް ގޯސްވެފައިވާކަމަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާޢަތްތަކުން ބުނެފައިވާކަމަށެވެ. އެ ޖަމާޢަތްތަކުން ސިފަކުރާގޮތުގައި ޔަމަނުގެ ޞިއްޙީ ނިޒާމު އޮތީ އެއްކޮށް ހަލާކުވެފައެވެ. އެ ޖަމާޢަތްތަކުން ބުނާގޮތުގައި ޞިއްޙީ ފަރުވާދޭނެ ސާމާނު ނެތުމުގެ ސަބަބުންނާއި ރައްކާތެރިކަމުގެ ހެދުންފަދަ ސާމާނު ނެތުމުން އެތައް ބަޔަކަށް ފަރުވާނުދީ ފޮނުވާލަން މަޖުބޫރުވެފައިވާކަމަށެވެ.

ޢަރަބި ޤައުމުތަކުގެ ތެރެއިން އެންމެ ފަޤީރު ޤައުމުކަމަށްވާ ޔަމަނުގައި ކާބޯތަކެތި ނުލިބުމުގެ ސަބަބުން އެތައް ހާސްބަޔަކުވަނީ ހާލުގައި ޖެހިފައެވެ. އެމީހުންގެ ޞިއްޙީ ޙާލަތު ހުރި ގޮތުން ކޯވިޑް-19ފަދަ ބަލިތައް ޖެހުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. ޔަމަނުގެ ސަރުކާރުން ބުނީ އެ ޤައުމުގައި ކޯވިޑް-19 ޖެހިފައިވަނީ 184 މީހުންނަށްކަމަށާއި މަރުވި މީހުންގެ ޢަދަދަކީ 30ކަމަށެވެ. ނަމަވެސް އެޤައުމުގެ ހަޤީޤީ ޢަދަދުތައް އެއަށްވުރެ އިތުރުވާނެކަމަށް ލެއަކޭ ވިދާޅުވިއެވެ.

ޞިއްޙީ ފަރުވާ ފޯރުކޮށްދޭ ޖަމްޢިއްޔާއެއްކަމަށްވާ ޑޮކްޓާސް ވިތައުޓް ބޯޑާސުން ބުނީ ޔަމަނުގައި ކޯވިޑް-19އަށް ފަރުވާދޭ މައި މަރުކަޒުގައި ފާއިތުވި ދެ ހަފުތާގެ ތެރޭގައި 68 މީހުން މަރުވެފައިވާކަމަށެވެ. އެއީ ޔަމަނުގެ ސަރުކާރުން އިޢުލާނުކޮށްފައިވާ ޢަދަދަށްވުރެ ދެގުނަ އިތުރު ޢަދަދެކެވެ. ޑޮކްޓާސް ވިތައުޓު ބޯޑާސުން ބުނީ އެ ޢަދަދުތަކުން ދޭހަކޮށްދެނީ ބޮޑު ކާރިޘާއަކާ ޔަމަނުން ކުރިމަތިލާން ޖެހިފައިވާކަމެވެ.

އދން ބުނީ ޔަމަނުގައި ހިންގާ އިންސާނީ އެހީތެރިކަމުގެ މަސައްކަތްތައް މިއަހަރުގެ ނިޔަލަށް ހިނގުމަށް 2 ބިލިއަން އެމެރިކާ ޑޮލަރު ހޯދަން މަސައްކަތްކުރާނެކަމަށެވެ. ލެއަކޭ ވިދާޅުވީ އދއާއި ސަޢުދީ ޢަރަބިއްޔާއިން ގުޅިގެން ޖޫން މަހުގެ 2ވަނަ ދުވަހު އެހީ ހޯދުމުގެ ޙަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. ދުނިޔޭގެ ޤައުމުތަކުން ޔަމަނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ޤައުމުގެ މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ވަރަށް މުހިންމު ކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.