ބޭރު ޤައުމުތަކުން އިނގިރޭސިވިލާތަށް ދަތުރުކުރާ މީހުން ކަރަންޓީނުކުރަން އެ ޤައުމުން ނިންމައިފިއެވެ.
އިނގިރޭސިވިލާތުގެ ސަރުކާރުންވަނީ ބޭރު ޤައުމުތަކުން އެޤައުމަށް އަންނަ މީހުން ކަރަންޓީނުކުރަން ނިންމާފައިވާކަން އިޢުލާނުކޮށްފައެވެ. އިނގިރޭސިވިލާތުގެ ދާޚިލީ ވަޒީރު ޕްރިތީ ޕަޓޭލް ވިދާޅުވީ ޤައުމުގައި އެންމެ ހަލުވިކޮށް ކޯވިޑް-19 ފެތުރުނު މުއްދަތު ފަހަނައަޅާ ގޮސްފައިވާކަމަށާއި ކުރިއަށް އޮތްތަނުގައި ބޭރު ޤައުމުތަކުން އަންނަ ދަތުރުވެރިންގެ ފަރާތުން އެ ނުރައްކާތެރި ބަލިމަޑުކަން އިތުރަށް ފެތުރުނަ ނުދިނުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެކަމަށެވެ. އެގޮތުން އިނގިރޭސިވިލާތުގެ ރައްޔިތުންވެސް ހިމެނޭގޮތަށް ޖޫން މަހުގެ 8ވަނަ ދުވަހުން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރާ އެންމެން 14 ދުވަހުގެ މުއްދަތަށް އަމިއްލައަށް އެކަހެރިވާން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. އެ މީހުން އެކަހެރިވެގެން ތިބޭ ތަނުގެ މަޢުލޫމާތު ސަރުކާރާ ހިއްސާކުރަން ޖެހޭނެކަމަށާއި ކަރަންޓީނުގެ އުސޫލުތަކަށް ޢަމަލުނުކުރާ ފަރާތްތައް 1،000 ޕައުންޑުން ޖޫރިމަނާކުރާނެކަމަށް އެޤައުމުގެ ސަރުކާރުންވަނީ ބުނެފައެވެ.
ސަރުކާރުގެ ނިންމުމަށް ވައިގެ ދަތުރުފަތުރުކުރާ ކުންފުނިތަކުންނާއި ވިޔަފާރިތަކުންނާއި ސިޔާސީ ފަރާތްތަކުންދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެ ނިންމުމުގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ސިނާޢަތަށް ބޮޑެތި ގެއްލުންތައް ވާނެކަމަށް އެ ވިޔަފާރިތަކުންދަނީ ބުނަމުންނެވެ. އެ ވިޔަފާރިތަކުން ބުނީ ސަރުކާރުން އިޢުލާނުކުރި އުޞޫލަކީ ހަރުދަނާ ގޮތެއްގައި ތަންފީޒުކުރެވޭނެ އުސޫލެއް ނޫންކަމަށާއި އެ އުޞޫލުތަކަށް މީހުން ޢަމަލުކުރޭތޯ ބަލަން އުނދަގޫވާނެކަމަށެވެ.
ގިނަ ބަޔަކު ދެކޭ ގޮތުގައި ބައިނަލްއަޤްވާމީ ވިޔަފާރިއަށް އެ ނިންމުމުގެ ނޭދެވޭ އަސަރުކޮށް ޤައުމާމެދު އިންވެސްޓަރުންނަށް އޮންނަ އިތުބާރު ގެއްލޭނެއެވެ. އަދި އެއީ ޤައުމުގެ އިޤްތިޞާދު އަލުން ކޮޅަށް ޖަހަން މަސައްކަތްކުރާ ދަނޑިވަޅެއްގައި ހެދޭނެ އެންމެ ބޮޑު ގޯސްކަމަށް ބައެއް ފަރާތްތަކުންދަނީ ބުނަމުންނެވެ.