ޚަބަރު

ނިމިގެން ދިޔަ ރޯދަމަހަކީ އެތައް ގޮތަކުން ތަފާތު ރޯދަމަހެއް


ނިމިގެން މިދިޔަ ރަމަޟާން މަހަކީ ހުރިހާ ގޮތަކުންވެސް ތަފާތު ރަމަޟާން މަހެކެވެ. ރަމަޟާން މަހާއި ކުރިމަތިލި އިރު އެންމެންވެސް ތިބީ ކޯވިޑް-19ގެ ބިރުވެރިކަމާއި ހާސްކަމުގެ ތެރޭގައެވެ. އެހެންނަމަވެސް މިފަހަރުގެ ރަމަޟާންމަސް ވެގެންދިޔައީ، ގޭގައިތިބި އާއިލާތަކަށް އުފާވެރި، ޚަރަދު ކުޑަ އަދި ހިތްހަމަޖެހުން ގެނުވި ރަމަޟާން މަހަކަށެވެ.

ކޯވިޑް-19އާއި ގުޅިގެން ދުނިޔޭގެ ގިނަ ޤައުމުތައް ވަނީ ލޮކްޑައުންކޮށްފައެވެ. އިސްލާމީ ބޮޑެތި ޤައުމުތަކުގައި ޖަމާއަތުގައި ދީނީއަޅުކަން އަދާކުރުމުގެ ފުރުޞަތެއް ނެތެވެ. މިޙާލުގައި ރޯދަމަހާއި ކުރިމަތިލީއިރު މުސްލިމުންގެ ހިތްތަކަށް ވެރިވެފައި އޮތީ ނުހަނު ބޮޑު ނުތަނަވަސްކަމެކެވެ. ސަބަބަކީ އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ރޯދަމަސްއައި އިރު ލޮކްޑައުން އާއި ގުޅިގެން މިސްކިތްތައް ބަންދުކޮށްފައި އޮތުމުވެ. އެއާއިއެކު ތަރާވީސްކުރުމާއި ދަމުނަމާދުގެ ކުރުމުގެ ފުރުޞަތު ނެތުމުން އާއިލާ އާއި އެކު އަޅުކަމުގެ ޖަމާއަތްތައް ބާއްވަން ޖެހުނީ ގޭގައެވެ.

ރޯދަމަހަކީ ޢާއިލާ ތެރޭގައި ރޯދަ ވީއްލުންތައް ބާއްވައި ގުޅުން ބަދަހިކުރުމަށް އޮންނަ ފުރުސަތެއްގެ ގޮތުގައި ގިނަބަޔަކު އަބަދުވެސް ދެކެއެވެ. އެހެންނަމަވެސް ފުރަބަންދާއި ގުޅިގެން ގެއިން ބޭރަށް ދިޔުމާއި ގޭގައި ރޯދަވީއްލުމަށް މީހުންނަށް ދަޢުވަތުދިނުމާއި ރެސްޓޯރެންޓު ކެފޭތަކަށް ގޮސް ރޯދަވީއްލުން އޮތީ މުޅިން ހުއްޓިފައެވެ.

ރޯދަ މަސް ނިމިގެން ދުނިޔޭގެ ހުރިހާ ހިސާބަކުންވެސް މުސްލިމުން އީދާއި ކުރިމަތިލީ ރަމަޟާންމަހުގެ އާދަޔާ ޚިލާފު ބަރަކާތާއެކުގައެވެ. މީގެކުރިން އިހުސާސްވެސް ނުކުރެވޭ އަމާންކަމާއި އީމާންކަމުގެ ފޮނިކަން އިތުރުކުރިވި މައްސަރެއްގެ ގޮތުގައި މިއަހަރުގެ ރަމަޟާންމަސްވަނީ ވެގެންގޮސްފއިވާކަމަށް ގިނަބަޔަކު ދެކެއެވެ. ދަތިވާނެކަމަށް ބަލައިގެން ތިބި ރަމަޟާންމަސް އަލްވަދާޢުކީ އެތައް ފިލާވަޅުތަކަކާއި އެތައް ދަރުސެއް ލިބިދީފަކަމަށްވެސް މީހުން ޤަބޫލުކުރެއެވެ.

މިސްކިތްތައް ބަންދުކޮށް ތަރާވީޙާއި ދަމުނަމާދުގެ އިތުރު ފަރުޟު ނަމާދުތަކަށް މިއަހަރު ޖަމާޢަތް ހެދީ އަމިއްލަ ގޭގައެވެ. މަސައްކަތާއި ކިޔެވުމާއި އެނޫންވެސް ދިރިއުޅުމުގެ ބައެއް ކަންކަމާހުރެ މީގެ ކުރިން ރޯދަމަހު އަޅުކަމަށް ނުދެވޭ އިސްކަން މިއަހަރު ރޯދަމަހު ދެވިފައިވާކަމުގެ ޝުޢޫރުތައް އެތައް ބަޔަކު އަންނަނީ ހިއްސާކުރަމުންނެވެ.

ނޫރަން ނަމަކަށް ކިޔާ މީހަކު މިއަހަރުގެ ރަމަޟާންމަހު ޤުރުއާން އެއްކޮށް ޚަތިމުކުރެވުނުކަމަށް ބުނެފައިވެއެވެ. ނޫރަންގެ އިތުރަށްވެސް އެތައް ޒުވާނުންނެއް ޤުރުއާން ޚަތިމުކުރެވުނުކަމުގެ އުފާވެރިކަން ހިއްސާކޮށްފައިވާއިރު އެހެން ޒުވާނަކު ވަނީ ފުރަ ބަންދުގެ ސަބަބުން ދީނީކަންކަމަށް އިސްކަން ދެވުނު މިންވަރު އިތުރުވިކަން ފާހަގަކޮށްފައެވެ.

ލޮކްޑައުންގައި ގޭގައި ބަންދުވެގެން 2 މަސް ހޭދަވެގެން ދިޔައިރު ރަމަޟާންމަހާއި ބައްދަލުވެ ދީނީކަންކަމަށް ދިވެހި ޒުވާނުންވެސް ޝައުގުވެރިވެ ވަގުތު ދެވުނު މައްސަރަކަށް މިމަސްވެފައިވާކަމަށް ގިނަ ޒުވާނުންތަކެއްވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެގޮތުން ޤުރުއާން ޚަތިމުކުރުމާއި ދީނީ އެކި މަޢުލޫމާތު ހޯދުމާއި ދީނީ އެކި ޝިޢާރުތައް ދިރުވާ އާލާކުރުމުގެ ސަބަބުން މިއަހަރުގެ ރަމަޟާން މަހަކީ އީމާންކަން އިތުރުވި މަހެއްގެ ގޮތުގައި ބައެއް ދިވެހިން ބުނެފައިވެއެވެ. އަދި ޢާއިލީ ގުޅުންތައް ވަރުގަދަވި އުފާވެރިކަމުން ފުރިގެންވީ މަހެއްގެ ގޮތުގައި އެއްބަޔަކު ސިފަކުރިއިރު ފުރަތަމަ ފަހަރަށް ރޯދަމަހު ޤުރުއާން ޚަތިމް ކުރެވުނުކަން ބައެއް ދިވެހި ޒުވާނުންވެސް ވަނީ އުފަލާއެކު ހިއްސާކޮށްފައެވެ.

މިއަހަރުގެ ރޯދަމަސް ތަފާތުވި އަނެއް ސަބަބަކީ ކޮންމެ އަހަރެއްގައި ޢައިލާ އާއި ރައްޓެހިންނާއެކު ބާއްވަމުންއައި އަގުބޮޑެތި ރޯދަވީއްލުންތައް މިއަހަރު ނުބޭއްވުނުނަމަވެސް މިއަހަރުވަނީ ޚަރަދުކުޑަކޮށް އިސްރާފުގެ ބައި މަދު ރޯދަމަހަކަށްވެފައިކަމަށްވެސް ދިވެހި ޒުވާނަކުވަނީ ބުނެފައެވެ. ލޮކްޑައުންއާއި ގުޅިގެން ބޭރަށް ދެވެން ނެތުމުގެ ސަބަބުން ގިނަވަގުތު ޢާއިލާއާއެކު ހޭދަކުރަން ލިބިފައިވާ ރޯދަމަހެއްގައި އަންހެނުންނާ އެއްވަރަށް މިއަހަރު ފިރިހެނުންވެސް އައީ ބަދީގެއާއި ގޭތެރޭގެ އެކި މަސައްކަތްތަކުގައި ޙަރަކާތްތެރިވަމުންނެވެ.

ފުރަބަންދާއި ގުޅިގެން ގުޅިގެން މިއަހަރުގެ ރޯދަމަހަށް ތައްޔާރުވުމަށް ފަރުނީޗަރާއި ބަދިގެ ސާމާނު ބަދަލުކޮށް ނުލެވުނުނަމަވެސް މިއަހަރު ރޯދަމަސް ގިނަ ބަޔަކު ގޭގައި ހޭދަކުރީ ޢާއިލާއާއެކު ހިތްހަމަޖެހިގެންކަމަށްވެސް ޒައި ޙަމީދު ވަނީ ފޭސްބުކްގައި ލިޔެފައެވެ.

ރަމަޟާންމަހަށް ފަހު ބައްދަލުކުރި ފިތުރު ޢީދުވެސްވެގެންދިޔައީ ޒަމާނުއްސުރެ ދިވެހިން ފާހަގަކުރަމުން އައިގޮތާ މުޅި ޚިލާފު ޢީދަކަށެވެ. ބޭރަށް ނުދެވި ގޭގައި ބަންދުވެގެން ތިބި އިރު ޢީދު ނަމާދުގެ ޖަމާޢަތް ގޭގައި ހަދައިގެން އެތައްބަޔަކު ވަނީ ޢީދަށް މަރުހަބާ ކިޔާފައެވެ. ޢާއްމުގޮތެއް ޢީދާދިމާކޮށް ކުރިއަށްގެންދާ ކުލަޖެހުމާއި މިއުޒިކް ޝޯތައް މިއަހަރު ނުބޭއްވިނަމަވެސް ދިވެހިން ޢީދު ފާހަގަކުރީ އުފަލުންކަމަށް ބައެއް މީހުންވަނީ ބުނެފައެވެ. އަދި މިޙާލަތުގައި އަވައްޓެރިންނަށް ޢީދުގެ ހެޔޮއެދުންތައް މާލޭގެ ރައްޔިތުން ފޮނުވިތަން ފެނގެންދިޔައީ ބެލްކަނީގައި ތިބެގެންނާއި ކުޑަ ދޮރުތަކުގައި ޢީދުގެ ތަހުނިޔާ އެކި ޑިޒައިންތަކަށް ލިޔެގެންނެވެ.

އަމިއްލަ ގޭގައި ޢާއިލާއާއެކު އެއްބަޔަކު ޢީދު ފާހަގަކުރަމުންދިޔައިރު ޢާއްމުންގެ އެތައް ބައެއްގެ އެހީއާއެކު މުޅި ރަމަޟާން މަހުގައިޔާއި ޢީދަށް ޚާއްސަ ޢީދު ބިރިޔާނީ ކައްކާ އެންމެ ބޭނުންޖެހިފައިވާ މީހުންނަސް ބެހުމުގައިވެސް އެތައްބަޔަކުއައީ މަސައްކަތްކުރަމުން ދިޔައެވެ. އެގޮތުން ރަމަޟާން މަހު ބޭނުންޖެހިފައިތިބި މީހުންނަށް ކާބޯތަކެތި ފޯރުކޮށް ދިނުމަށް ޢާއްމުންގެ ތެރެއިން އިސްނަގައިގެން ފެށި 'ދަ އަވައްޓެރި އިނީޝިއޭޓިވް' ގެ ފަރާތުންވަނީ ރަމަޟާންމަހު ހަތްހާސް އެއްސަތޭކަ އަށްޑިހަ ފަސް މީހުނަށް ކާބޯތަކެތި ފޯރުކޮށްދީފައެވެ. އީ މުޅިން އައު ތަޖުރިބާއެއް ނަމަވެސް ދިވެހިން މިދަނޑިވަޅުގައިވެސް ދެއްކީ ޙާލަތު ބަދަލުވިޔަސް ގުޅުންތައް ދެމެހެއްޓުމަށް ހުރަހެއް ނެތްކަމެވެ. އެކަން އެންމެ ބޮޑަށް ފާހަގަވީ ރައްކާތެރިކަން ކަށަވަރުކޮށް އެއްރަށުން އަނެއް ރަށަށް ފޮނުވި ރޯދަ އަދި ޢީދު ހަދިޔާއިންނެވެ.

ކޯވިޑް-19އިގެ ފުރަބަންދާއި ގުޅިގެން ދުނިޔޭގެ ގުދުރަތީ ނިޒާމަށް އެތައް ފައިދާތަކެއް ކޮށްފައިވާކަމަށް ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންވަނީ ވިދާޅުވެފައެވެ. ފުރަބަންދުގެ ސަބަބުން ހިތްދަތި މަހަކަށްވާނެކަމަށް އެންމެން ހީކޮށްގެން ތިބިނަމަވެސް ފުރަބަންދުގައި ތިބި ރަމަޟާންމަސްވެގެން ގޮސްފައިވަނީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ތިބި މުސްލިމުންނަށްވެސް އަމާން ބަރަކާތްތެރި މަހަކަށެވެ.