ފުރަބަންދާއި ދިމާކޮށް ދިވެހި ބަހުގެ އެކަޑަމީން އޮންލައިންކޮށް ހިންގާ 3 ކޯހެއް ފަށައިފިއެވެ.
ދިވެހި ބަހުގެ އެކަޑަމީގެ ޑިރެކްޓަރ ޝަހުމާ ޢަލީ ޕީއެސްއެމްނިއުސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ބަހުގެ އެކަޑަމީން ފަށާފައި ވަނީ ޅެންވެރިކަން ދަސްކޮދޭ ކޯހަކާއި ދިވެހި ބަހުން ވާހަކަދެއްކުމުގެ ކޯހަކާއި ނާވިލު ލިޔުމުގެ ކޯހެއްކަމަށެވެ. އަދި އެކަޑަމީން މިއިން ކޮންމެ ކޯހަކަށް 25 ޖާގައަށް ހުޅުވާލިނަމަވެސް ކޮންމެ ކޯހެއްގައިވެސް ސަތޭކައަށްވުރެ ގިނަ މީހުން ބައިވެރިވުމަށް އެދިފައިވާކަމަށް ޝަހުމާ ވިދާޅުވިއެވެ. އެގޮތުން ޅެން ހަދަން ދަސްކޮށް ދޭ ކޯހުގައި އެކަނިވެސް 400އަށްވުރެ ގިނަ މީހުން ބައިވެރިވުމަށް އެދިފައިވާ ކަމުގައި ޝަހުމާ ވިދާޅުވިއެވެ. އެގޮތުން އެކި ގަޑިތަކަށް ބަހާލައިގެން ކުރިއަށްގެންދާ ކުލާސްތަކުގައި ވިއްސާ ފަސްދޮޅަހާއި ދެމެދުގެ ޢަދަކަށް މީހުން ކޮންމެ ކުލާހެއްގައި ތިބޭކަމަށް ބަހުގެ އެކަޑަމީގެ ޑިރެކްޓަރ ޝަހުމާ ވިދާޅުވިއެވެ.
"ހީކުރިވަރަށްވުރެ ގިނަ މީހުން ބައިވެރިވުމުން އަޅުގަނޑުމެން މިހާރު ނިންމާފައި ވާނީ ހުރިހާ ބޭފުޅުންނަށްވެސް ފުރުސަތުދޭ. އެގޮތުން މިހަރު ކޮންމެ ކޯހެއްގައިވެސް ގާތްގަނޑަކަށް އުޅޭ އެބަ ހަވަރަކަށް ހަތްވަރަކަށް ކުލާސް" ޝަހުމާ ވިދާޅުވިއެވެ.
ޢުމުރުން 7 އަހަރުން ފެށިގެން 65 އަހަރާއި ދެމެދުގެ ޢުމުރުފުރާގެ ގިނަ ބަޔަކު ކޯސްތަކުގައި ބައިވެރިވުމަށް އެދިފައިވާއިރު ބަހުގެ އެކަޑަމީން ކުލާސްތައް ބަހާލާފައި ވަނީ ޢުމުރުފުރާތަކަށް ބަހާލައިގެންކަމަށް އެކަޑަމީން ވިދާޅުވެއެވެ. ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް އޮންލައިންކޮށް ހިންގާ މިކޯސްތަކުގައި ބައިވެރިވެފައިވާއިރު ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންވެސް ކޯސްތަކުގައި ބައިވެރިވުމަށް އެދިފައިވާކަމަށް ބަހުގެ އެކަޑަމީން ވިދާޅުވެއެވެ.
އެކަޑަމީން ހިންގާ ޅެން ހަދަން ދަސްކޮށްދޭ ކޯހުގައި ކިޔަވައިދެއްވަނީ ބަހުގެ އެކަޑަމީގެ ރައިސް އަޝްރަފް ޢަލީއާއި ޒީނަތު ޢަލީއެވެ. ވާހަކަދެއްކުމުގެ ކޯހުގައި ކިޔަވައިދެއްވަނީ މުޙައްމަދު ނަޝީދާއި ޢަލީ އަމީރެވެ. ނާވިލު ލިޔުމުގެ ކޯހުގައި ކިޔަވައިދެއްވަނީ މަރިޔަމް ނިޝާ އަޒީޒެވެ.