ޚަބަރު

ކޯވިޑް-19 : ފުރަބަންދަށް ލުއިދޭ ޙާލަތަކަށް މި އާދެވުނީ އެޗްޕީއޭގެ އިރުޝާދަށް އާންމުން ތަބާވުމުން


ފުރަބަންދަށް ލުއިދޭ ޙާލަތަކަށް މި އާދެވުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދެއްވަމުން ގެންދާ އިރުޝާދުތަކަށް އާއްމުން ބޯލަނބާ އަޑުއެހުމުންކަމަށް ޓެގްޓީމްގައި ހިމެނިވަޑައިގަންނަވާ ޑރ.ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

ނޭޝަނަލ؛ް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.ޝީނާ ވިދާޅުވީ މިހާރުވެސް ބަލި ފެތުރެމުންދާއިރު ފުރަބަންދަށް ލުއިތަކެއް ދިނުމަށް ނިންމާފައިވަނީ އެޗްޕީއޭއިން ދެމުންދާ އިރުޝާދުތަކަށް އާންމުން އިޖާބަ ދިނުމުގެ ސަބަބުންކަމަށެވެ. އަދި އެހެން މީހުގެ ފަރާތުން ބަލި ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލްވެފައިވާކަމަށާއި ބަލިވާ މީހުންނަށް ފަރުވާދެވޭނެ ހާލަތަކަށް ހޮސްޕިޓާތައްވެސް މިހާރު ތައްޔާރު ކުރެވިފައިވާކަމަށް ޑރ.ޝީނާ ވިދާޅުވިއެވެ.

ޑރ. ޝީނާ ވިދާޅުވީ ރިސޯޓްތަކުގައި ކަރަންޓީން ކުރުމުގެ އިތުރުން ހޯމް ކަރަންޓީން ކުރުމާ ގުޅިގެން ގޭގޭގައި ބަލި ފެތުރުން ވަރަށް ބޮޑަށް ކުޑަކުރެވިފައިވާކަމަށެވެ. މާލެއިން ކޯވިޑް-19 ފެނި ކޮމިއުނީޓި ސްޕްރެޑަކަށް ދިޔަތާ މިހާރު 6 ހަފްތާވެފައިވާއިރު ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ހޮސްޕިޓާތަކުގައި ފަރުވާ ދޭ މީހުންގެ އަދަދާއި އައިސީޔޫގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ނިސްބަތުން މަދުކަމަށެވެ.

"މިހާތަނަށް ބަލި ޖެހިފައިވާ މީހުންނަށް ބަލާއިރު ބައްޔަށް ހުށައެޅޭ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވެއްޖެ. ލޮކްޑައުންނަށް ލުއިދޭއިރު ގިނަ އަދަދެއްގެ ބިދޭސީ މީހުން ދިރިއުޅޭ ތަންތަން އެޗްޕީއޭއިން ދަނީ މޮނިޓަރ ކުރަމުން. އެންޓިބޮޑީ ޓެސްޓް ހެދި ބިދޭސީ އާބާދީގެ ގިނަ މީހުންގެ އެންޓި ބޮޑީސް ހުރިކަން ޓެސްޓަތަކުން ހާމަވެފައިވޭ. އެގޮތުން ބެލި 75 ޕަސެންޓް މީހުންގެ ފަރާތުން އެންޓި ބޮޑީޒް ފެނިފައިވޭ..މި މީހުންގެ ފަރާތުން ބަލި ޖެހުމުގެ ފުރުޞަތު ވަރަށް ބޮޑަށް ދައްކުރެވިފައިވަނީ. މި ގުރޫޕްގެ ތެރޭގައި 3.1 އިން 1.8 އަށް ބަލި ފެތުރުމުގެ ނިސްބަތް ދަސްކުރެވިފައި މިވަނީ."ޑރ، ޝީނާ މޫސާ ވިދާޅުވިއެވެ.

ޑރ. ޝިނާ މޫސާ ވިދާޅުވީ ކުރިން ހޮސްޕިޓާތަކުގައި މި ބަލިޖެހިގެން އެޑްމިޓްކޮށް ފަރުވާ ދޭ މީހުންގެ އަދަދު އިތުރުވާނެކަމަށް ލަފާ ކުރެވުނުނަވެސް ފުރަބަންދަށްފަހު ލުއި ދިނުމަށް ނިންމާފައިވާއިރު ކުރިން އަންދާޒާކުރެވުނުހާ ގިނަ މީހުންނަށް ހޮސްޕިޓާތަކުގައިި އެޑްމިޓްކޯސްގެން ފަރުވާދޭން ޖެހިދާނެކަމަށް މިހާރު އަންދާޒާ ނުކުރެވޭކަމަށެވެ. އެގޮތުން ފުރަބަންދޭ ލުއިތަކާއެކުވެސް މާރޗްމަހުގައި އަންދާޒާ ކުރިވަރަށް ހޮސްޕިޓާތަކުގައި ފަރުވާ ދޭން ޖެހޭނީ 200އެއްހާ މީހުންނަށްކަމަސް ޑރ.ޝީނާ ވިދާޅުވިއެވެ.