ޚަބަރު

ގުޅިފަޅު މަޝްރޫއުގެ މަސައްކަތް މިދަނީ ވަރަށް ގާތުން ބަލަމުން - އީޕީއޭ


ގުޅި
ފަޅު ހިއްކުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވަރަށް ގާތުން ބަލަމުންދާކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެއޭޖެންސީން މިހެން ވިދާޅުވެފައިވަނީ ގުޅިފަޅު ހިއްކުމަށް މިހާރު ކުރިއަށްގެންދާ ޕްރޮޖެކްޓްގެ ސަބަބުން ވިލިމާލޭ ފަރާއި ފަޅަށް ގެއްލުންތަކެއް ލިބެމުންދާކަމުގެ ޝަކުވާތަކެއް ޢާއްމުވުމާއި ގުޅިގެންނެވެ. ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖް ނުވަތަ މާލެ ތިލަފުށި ލިންކް މަޝްރޫއުގެ ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަންގެ މަސައްކަތްކުރުމަށް މާލެއާއި ވިލިމާލެއާއި ދެމެދު އަދި ވިލިމާލޭ ދެކުނު ފަރުމަތީގައި ބޯހޯލް ތޮރުފުމުގެ މަސައްކަތް ފަށަފައިވަނީ މިދިޔަ މާޗުމަހުގައެވެ.

ގުޅީފަޅު ޕްރޮޖެކްޓާއި ގުޅޭގޮތުން އީޕީއޭގެ ޓުވީޓް

ތިމާވެށި ޙިމާޔާތްކުރުމާއި ގުޅޭގޮތުން އަޑުއުފުލާ ގިނަބަޔަކު މިކަމާމެދު ހުރި ކަންބޮޑުވުންތައް އަންނަނީ ސޯޝަލް މީޑިއާގައި ހާމަކުރައްވަމުންނެވެ. އެގޮތުން މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްއިން ހާމަކުރައްވާގޮތުގައި ގުޅިފަޅު ހިއްކުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓްގެ ސަބަބުން ގްރޭޓަރ މާލޭ އޭރިއާގައި ހިމެނޭ 30 ޑައިވް ސައިޓެއް ހަލާކުވެދިޔުމުގެ ބިރުއެބަ އޮތްކަމަށެވެ. އަދި 1995 ވަނަ އަހަރުން ފެށިގެން ހިމާޔަތްކޮށްފައިވާ ޑައިވް ސްޕޮޓް ހާންސް ހާސް ޕްލޭސްވެސް ހިމެނޭކަމަށް މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓުން ފާހަގަކުރެއެވެ.

ގުޅޫީފަޅު ޕްރޮޖެކްޓާއެކު ހުރި ކަންބޮޑުވުންތައް ހިއްސާކޮށް މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓުން ކުރި ޓުވީޓް

ހައެއް ޕޮއިންޓް ހަތެއް ކިލޯ މީޓަރުގެ ބްރިޖު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް މިހަރު ކުރިއަށްދާއިރު މިމަސައްކަތުގެ ސަބަބުން ވިލިމާލޭ ފަޅާއި އަދި ފަރުމައްޗަށް ވެލި އެޅި ފަރަށް ބޮޑެތި ގެއްލުންތަކެއްވަމުންދާކަމަށް ވިލިމާލޭގައި ޑައިވިން ސެންޓަރެއް ހިންގަމުން އަންނަ މަޝްހޫރު ޑައިވް އިންސްޓްރަކްޓަރ ޒޫނާވެސްވަނީ ފާހަގަކޮށްފައެވެ. އެގޮތުން ފަރަށް އޮތް ނުރައްކަލާއި އޭގެ ކަންބޮޑުވުން ހިއްސާކުރައްވަމުން ޒޫނާ ވަނީ މިސަރަޙައްދުގައި އެއްވެސް އަގަކާއި ނުލާ ފަރުގެ ރީތިކަން ދެކިލަން ދިވެހިންނަށް ދެވެން އޮތް ހަމައެކަނި ސަރަޙައްދަކީ މިއީ ކަންފާހަގަކުރައްވާފައެވެ. އަދި މިއީ ޒަމާނުއްސުރެ ޑައިވިންކުރުމުގެ ގިނަ ކޯސްތަކާއި މޫދާއި ގުޅުންހުރި އެކި ޕްރޮގްރާމްތައް ސްކޫލް ކުދިންނަށް ވޭތުވެ ދިޔަ އެތައް އަހަރެއްގެ ތެރޭގައި ހިންގުމަށް ބޭނުންކުރަމުން އަންނަ މުހިއްމު ފަރެއްކަން އޭނާވަނީ ފާހަގަކުރައްވާފައެވެ.

މިމަހުގެ 11 ވަނަ ދުވަހު އީޕީއޭއިން ޢާއްމުކުރައްވާފައިވާ މިޕްރޮޖެކްޓްގެ އީއައިއޭ ރިޕޯޓުގައި މިޕްރޮޖެކްޓްގެ މަސައްކަތް ހިންގާ ދުވަސްވަރަކީ ރާއްޖޭގެ މުރަކަ ހުދުވާ ދުވަސްވަރެއްކަމަށް ލަފާކޮށްފައިވާ ދުވަސްވަރެއްކަމުން މިކަމާއި ގުޅިގެން ސަރުކާރުގެ އިދާރާތަކުން މަޝްރޫޢުއާއި މެދު އެއްވެސް ގޮތެއް ނިންމައިފިނަމަ ވަގުތުން ބޯލަބަންޖެހޭނެކަމަށްވަނީ ބަޔާންކޮށްފައެވެ. އަދި މިއަހަރަކީ ރާއްޖޭގެ ފަރުތައް ހުދުވުން ކުރީ އަހަރުތަކަށްވުރެ ބޮޑަށް ކުރިމަތިވާނެ އަހަރެއްގެ ގޮތުގައި މޯލްޑިވިސް މެރިން ރިސަރޗް ސެންޓަރުން މީގެ ކުރިންވަނީ ފާހަގަކުރައްވާފައެވެ.