ޚަބަރު

ގޭގެއަށް ދިމާވާ ކަރަންޓްގެ މައްސަލަތައް ސްޓެލްކޯއިން ހައްލުކޮށްދޭނެ


މިދުވަސްވަރު މާލެސިޓީގެ ގޭގެއިން ކަރަންޓް ކެނޑިއްޖެނަމަ ސްޓެލްކޯއަށް އެންގުމުން ސްޓެކްލޯގެ މުވައްޒަފުން ގޮސްގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކޮށްދޭނެކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ މިދުވަސްވަރު ވަކި ގޭބިސީތަކުގައި ކަރަންޓު ކެނޑުމުގެ މައްސަލައެއް ދިމާވެއްޖެނަމަ ސްޓެލްކޯއަށް އެންގުމުން އެކަމަށް ސްޓެލްކޯއިން ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ.

މުޣްނީ ވިދާޅުވީ މިއީ ޢާއްމުކޮށް ދޭ ޚިދުމަތެއް ނޫންކަމަށެވެ. އަދި މިއީ މިދުވަސްވަރު ޓެކްނީޝަނުން ހޯދާ އެމައްސަލަ ބެލުމަކީ ޢާއްމުންނަށް އެކަމުގައި ގިނަ ދަތިތަކެއް ކުރިމަތިވާނެ ދުވަސްވަރެއްކަމުން އެކަމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ސްޓެލްކޯއިން ވަގުތީ ގޮތުން ދެމުން އަންނަ ހިލޭ ޚިދުމަތެއްކަމަށް މުޣްނީ ވިދާޅުވިއެވެ.

"ގޭގައި އެއްވެސް މައްސަލައެއް ދިމާވެގެން ކަރަބްޓު ކެނޑިއްޖެނަމަ އަޅުގަނޑުމެނަށް ގުޅުމުން ސްޓެލްކޯގެ މުވައްޒަފުން އެގެއަކަށް ގޮސް ކަރަންޓަށް ދިމާވެފައިވާ މައްސަލައެއް ޙާއްލުކޮށްދޭނެ. މިދުވަސްވަރު ކަރަންޓުގެ މައްސަލަތައް ޙައްލުކުރުމަށް ބަޔަކަށް ގުޅައިގެން ގެއަށް ގެނެސް އެކަންކުރުންވާނީ ރައްޔިތުންނަށް ވަރަށް ދަތިކަމަކަށްވާތީ އަޅުގަނޑުމްނެ މިޚިދުމަތް ފެށީ" މުޣްނީ ވިދާޅުވިއެވެ.

ކޯވިޑް ނަވާރައާ ގުޅިގެން އައި ފުރަބަންދާއެކު ގިނަ ޚިދުމަތްތަކެއް މެދުކަނޑާލުމަށްފަހު މިހާރު ބައެއް ޚިދުމަތް ދޭންފަށުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އެގޮތުން ޢާއްމުންގެ ގިނަ ބައެއްގެ އެދުމާއެކު ގޭބިސީތަކަށް ކަރަންޓު ލައިދިނުމުގެ ޚިދުމަތް ފެށުމަށް ތައްޔާރުވެފައިވާކަމަށްވެސް ސްޓެލްކޯއިން ވިދާޅުވެއެވެ.

މީގެ އިތުރުން ސްޓެލްކޯގެ ސޭލް ސެންޓަރު ކޮންމެ ދުވަހަކު ހެނދުނު ދިހައަކުން ދޭއް ޖެހުމާ ހަމައަށް ހުޅުވާފައި ހުންނާނެކަމަށާއި އޮންލައިންކޮށް ސޭލް ސެންޓަރުން ޚިދުމަތް ލިބޭނެކަމަށްވެސް ސްޓެލްކޯއިން ވިދާޅުވެއެވެ. މީގެ އިތުރުން ބިލްދެއްކުމަށް ކައުންޓަރުތަކުން އަދިވެސް ޚިދުމަތް ނުފެށިނަމަވެސް ބޮޑެތި ޢަދަދުން ފައިސާ ދައްކާ ފަރާތްތަކަށް ޗެކު އަދި އޮންލައިން މުޢާމަލާތްތައް މެދުވެރިކޮށް ފައިސާދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.