ޚަބަރު

ސިވިލް ކޯޓުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ބާއްވަން ތައްޔާރުވެއްޖެ


އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި ސިވިލް ކޯޓުން ޝަރީޢަތްތައް ކުރިއަށް ގެންދާނެ އުސޫލެއް ހަދައި މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.

"ސިވިލް ކޯޓުގައި މައްސަލަތައް ދުރުން ހިންގުމާއި ޚިދުމަތްތައް ދިނުމުގައި ޢަމަލު ކުރާނެގޮތުގެ އުޞޫލު"ގެ ނަމުގައި އަމަލުކުރަން ފެށި މި އުސޫލުގައި ވާ ގޮތުން ޝަރީއަތް ބާއްވާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އަދި މައްސަލަތައް ކޯޓަށް ހުށައަޅާނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށާއި ޕޯޓަލް މެދުވެރިކޮށް ހުށައެޅެން ނެތް ނަމަ މައްސަލަތަކާ ގުޅޭ އެންމެހާ ލިޔެކިޔުތަކާއެކު މެއިލް ކުރެވިދާނެ ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މައްސަލަ ރަޖިސްޓްރީ ކުރުމުގެ މަރުޙަލާގައި ދައުވާ ފޯމާއި ގުޅިގެން އަންގަންޖެހޭ
އެންގުންތައް އެންގުމަށާއި ފޮނުވަންޖެހޭ ލިޔުންތައް ފޮނުވުމަށް ބޭނުންކުރާނީ ދަޢުވާކުރާ
ފަރާތުން ފޯމުގައި ބަޔާންކޮށްފައިވާ އީމެއިލުއަށް ކަމަށް އެ އުސޫލުގައިވެއެވެ. އަދި އީމެއިލުން މުޢާމަލާތު ކުރެވެން ނެތް ޙާލަތެއްގައި މައްސަލަ ހުށަހަޅާ ފޯމުގައި އެފަރާތަކާއި ގުޅޭ ނަންބަރުކަމުގައި ބުނެފައިވާ ނަންބަރަށް ވަޓްސްއެޕް ނުވަތަ ވައިބަރ ފަދަ އެޕްލިކޭޝަނަކުން މުޢާމަލާތު ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

އަދިއެހެންމެ ރަޖިސްޓްރާރގެ ނިންމުމުގެ ހާޑް ކޮޕީ ބޭނުންވާނަމަ އެކަން ބަޔާންކޮށް އީމެއިލް
ކުރުމުން، އެލިޔުމެއް ލިބޭނެގޮތުގެ އިންތިޒާމު ކޯޓުން ހަމަޖެއްސާނެ ކަމަށާއި މިގޮތުން
އެލިޔުމެއްގެ ހާޑް ކޮޕީ ލިބޭނެ އިންތިޒާމު ހަމަޖެއްސޭނީ އެއިރެއްގައި އޮންނަ ސިއްހީ ސަލާމަތީ ހާލަތައް ބެލުމަށްފަހު ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

ނަމަވެސް ކޮންމެހެން ބާއްވަން ޖެހޭފަދަ މައްސަލައެއްގައި ޚަޞްމުންނަށް ލިބެންހުރި ވަޞީލަތްތަކުގެ މައްޗަށް ރިޢާޔަތްކޮށް ޓެލެކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށް ގެންދެވެން ނެތް ނަމަ އެފަރާތްތައް ކޯޓަށް ހާޒިރުކުރުމަށް މި އުސޫލުގައި ހުއްދަކުރެއެވެ.

ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގައި ސުޕްރީމް ކޯޓާއި އަދި ދަށު ކޯޓުތަކުންވެސް ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ބާއްވަން ފަށާފައެވެ. އަދި ފެމިލީ ކޯޓުން ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދޭންވެސް ފަށާފައެވެ.