ޚަބަރު

އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަމަލުކުރާނެ ގޮތުގެ ގަވާޢިދަށް އަމަލުކުރަން ފަށައިފި


އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ، ޢަމަލުކުރާނެ ގޮތުގެ ގަވާއިދު އާއްމުކޮށް އެ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ. މި ގަވާއިދަކީ 2012 ވަނަ އަހަރު ފާސްކުރި އާއްމު ސިއްހަތާ ބެހޭ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދެކެވެ.

އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު އިއުލާންކޮށްފައިވާއިރު މިހާތަނަށް އަމަލު ކުރަމުން އައިސްފައިވަނީ އާއްމު ސިއްހަތާ ބެހޭ ގާނޫނުގެ ދަށުންނެވެ.

އާންމު ޞިއްޙަތާއި ބެހޭ ޤާނޫނު ވުޖޫދަށްއައިތާ 8 އަހަރުފަހުން އެކުލަވާލާ އަމަލުކުރަން ފެށި މި ގަވާއިދުގެ މަގުސަދެއް ކަމަށް ބުނެފައިވަނީ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ޞިއްޙަތާއި ފުރާނަ ރައްކާތެރި ކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި، އެފަދަ ހާލަތެއް މެދުވެރިވުމުން ޢަމަލުކުރާނެ ގޮތާއި، އެ ހާލަތުގައި ނެރޭނެ އަމުރުތައް ނެރުމުގައި އަމަލުކުރާނެ ގޮތް ބަޔާން ކުރުން ކަމަށެވެ.

އެގޮތުން އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާނެ ގޮތާއި ޑިރެކްޓަރ ޖެނަރަލް އޮފް ހެލްތު މި ހާލަތުގައި އަމަލުކުރަންޖެހޭނެ ގޮތާއި އަދި އަމުރުތައް ނެރެން ޖެހޭނެ ގޮތް ބަޔާންކޮށްފައިވެއެވެ. އަދި އެފަދަ ހާލަތެއްގައި އާއްމުން ރައްޔިތުންނަށް ވެކްސިން ދޭން ޖެހިއްޖެނަމަ އަމަލުކުރާނެ ގޮތާއި މީހުން ކަރަންޓީނުގައި ބެހެއްޓުމުގައި އަމަލުކުރާނެ ގޮތުގެ ތަފްސީލްވެސް އެ ގަވާއިދުގައިވެއެވެ.

ހަމަ އެހެންމެ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ކިޔަވައިދޭ ތަންތަން ބަންދުކުރުމާއި މީހުން އެއްވެ އުޅުން މަނާކުރާނެ ގޮތާއި ދަތުރުފަތުރުކުރުން ހުއްޓުވުމުގައި އަމަލުކުރާނެ ގޮތްވެސް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން ވަކިގެއެއް ނުވަތަ އިމާރާތެއް ކަރަންޓީނު ކުރާނެ ގޮތާއި ފަރުވާ ދިނުމަށް މީހަކު ނުރުހޭނަމަ އަމަލުކުރާނެ ގޮތާއި ސާމްޕަލް ނެގުމުގައި އަމަލުކުރާނެ ގޮތާއި ކޯޓު އަމުރަށް އެދޭނެ ގޮތްވެސް އެ ގަވާއިދުގައިވެއެވެ. މި ގަވާއިދުގައިވާ ގޮތުން އާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވެއްޖެކަމަށް ވަޒީރު އިޢުލާނު ކޮށްފައިވާ ދަނޑިވަޅެއްގައި، ކޯޓު އަމުރެއް ހޯދުމަކާ ނުލައި، މީހުން ދިރިއުޅޭ ތަނަކަށް، ނުވަތަ މީހުން ދިރިނޫޅޭ ތަނަކަށް، ނުވަތަ އާންމު ތަނަކަށް ވަނުމުގެ ހުއްދަ، ޑިރެކްޓަރ ޖެނެރަލަށް ނުވަތަ ޑިރެކްޓަރ ޖެނެރަލް ކަނޑައަޅާ އެހެން ފަރާތަކަށް ލިބިގެންވެއެވެ.

އާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ، އެކަމަށް ޚަރަދުކުރުމަށް ކޮންމެ އަހަރަކުވެސް ވަކި އަދަދެއްގެ ފައިސާ ދައުލަތުގެ ބަޖެޓުގައި ކަނޑައަޅަންވާނެ ކަމަށްވެސް ބުނެފައިވެ އެވެ.