އައްޑޫގައި ކޯވިޑް-19އަށް ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.
އެހޮސްޕިޓަލުން ވިދާޅުވީ ކޯވިޑްގެ ވައިރަސް ހަށިގަނޑުގައި ހުރިތޯ ދެނެގަތުމަށް ހަދާ ޕީސީއާރް ޓެސްޓު އެހޮސްޕިޓަލުގައި ހެދޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައި ވާކަަމަށެވެ. އެގޮތުން މިހާރު ޕީސީއާރް ޓެސްޓުކުރުމަށް ބޭނުންވާ ޓެސްޓް ކިޓުތައް ހޮސްޕިޓަލަށް ލިބިފައިވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. އައްޑޫއަކީ މާލެ ފިޔަވާ ރާއްޖޭގެ އެހެން ސަރަޙައްދަކުން ކޯވިޑަށް ޓެސްޓުކުރަން ފެށި ފުރަތަމަ ސިޓީއެވެ.
އައްޑޫގައި ކޯވިޑަށް ޓެސްޓުކުރެވޭނެ އިންތިޒާމު މިއަދު ހަމަޖައްސާފައިވާއިރު އައްޑޫއިން މިދިޔަ ހުކުރު ދުވަހުވަނީ ފުރަތަމަ ފަހަރަށް ކޯވިޑަށް މީހަކު ޕޮޒިޓިވްވެފައެވެ. އައްޑޫއިން ޕޮޒިޓިވްވެފައި ވަނީ އައްޑޫ އީކުއޭޓަރ ވިލެޖުގައި ކަރަންޓީނުކޮށްފައި ހުރި މީހެކެވެ. މިއާއެކު އައްޑޫގައި ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު އެންއީއޯސީން ވަނީ ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްކުރައްވަމުންދާކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގައި މިހާތަނަށް 2000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު ބަލިން ރަނގަޅުވާ މީހުންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ބަލި ޖެހުނު މީހުންގެ 60 އިންސައްތަ މީހުން ބަލިން ރަނގަޅުވެ މިހާތަނަށް ޖުމުލަ 1200އަށްވުރެ ގިނަ މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.