ޚަބަރު

އަސްލަމަށް މަގާމުގެ ފަތްކޮޅު ދެއްވައިފި


މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރކަމުގެ މަގާމަށް މުޙައްމަދު އަސްލަމް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ހަމަޖައްސަވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މުޙައްމަދު އަސްލަމްވަނީ މަޤާމުގެ ހުވާކުރައްވާފައެވެ. އެމަނިކުފާނަށް ހުވާލާއިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރެވެ. މިރަސްމިއްޔާތުގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަމައްދު ޞާލިޙުވަނީ މަޤާމުގެ ފަތްކޮޅު މުޙައްމަދު އަސްލަމާ ޙަވާލުކޮށްފައެވެ.

އެމަޤާމަށް މުޙައްމަދު އަސްލަމް ރައިސުލްޖުމްހޫރިއްޔާ ހަމަޖއްސަވާފައިމިވަނީ މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ނަމަށް ރައިސުލްޖުމްހޫރިއްޔާ ބަދަލުކުރެއްވުމާ ގުޅިގެންނެވެ. މިގޮތަށް ހަމަޖެއްސުމާ ގުޅިގެން ކުރިން މިނިސްޓްރީ އޮފް ހައުސިން އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރަމުންގެންދިޔަ ހުރިހާ މަސައްކަތްތައް ދެން ކުރަމުންގެންދާނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިންނެވެ. އަދި އެ މަސައްކަތްތައް ކުރެއްވުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިން އެންޑް އަރބަން ޑިވެލޮޕްމަންޓްގައި ތިބި މުވައްޒަފުން އާ މިނިސްޓްރީއަށް ބަދަލުކުރެއްވުމަށް ނިންމާފައިވާކަމަށް ރައިސް އޮފީހުން ވިދާޅުވެއެވެ.

މިނިސްޓްރީ އޮފް ހައުސިން އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލާފައިވަނީ އެމިނިސްޓްރީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި އާމިނަތު އާތިފާ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެކަމަނާ މަޤާމުން އިސްތިއުފާދެއްވާފައިވަނީ ސިއްޙީ ހާލުކޮޅު ހުރިގޮތުން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އުޒުރުވެވަޑައިގަތުމާއި ގުޅިގެންކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.