ޚަބަރު

ކޯވިޑް-19 : ފުރަތަމަ 100 ދުވަސް، ބަލިޖެހުނު މީހުންގެ އަދަދު 2065 އަށް


ރާއްޖެއިން އިތުރު 30 މީހުން ކޯވިޑް-19އަށް ޕޮޒިޓިވެ ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ އަދަދު 2065 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ރޭ އިރުއޮއްސި 6:00 އިން މިރޭގެ އިރުއޮއްސި 6:00 އާއި ހަމަށް ކޯވިޑް-19އަށް 30 މީހުން ޕޮޒިޓިވްވެފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، 16 ދިވެހިންނާއި، ބަންގްލަދޭޝްގެ 13 މީހުންގެ އިތުރުން ނޭޕާލްގެ މީހެކެވެ.

މިއާއެކު މިހާތަނަށް ބަލި ޖެހުނު ދިވެހިންގެ އަދަދު މިވަނީ 726 އަށް އަރާފައެވެ. އަދި ބިދޭސީންގެ އަދަދުވަނީ 1339 އަށް އިތުރުވެފައެވެ. ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވި ބިދޭސީންގެ ތެރެއިން އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. ރާއްޖޭގައި ދިރިއުޅޭ އެ ޤައުމުގެ 1087 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ.

ރާއްޖެއިން ކޯވިޑް-19 ފެނުނުތާ މިއަދަށް 100 ދުވަސް ވެފައިވާއިރު މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ބައްޔަށް ފަރުވާދެމުންދަނީ 515 މީހުންނަށެވެ. މީގެ ތެރެއިން 9 މީހުންނަށް ހޮސްޕިޓަލުގައިދަނީ ފަރުވާދެމުންނެވެ.

މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 70 އިންސައްތައަށްވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.