ޚަބަރު

ވަގުތީގޮތުން ރަށަށް ބަދަލުވާ ދަރިވަރުންނަށް ރަށު ސުކޫލުން ފުރުސަތުލިބޭނެ - އެޑިއުކޭޝަން މިނިސްޓްރީ


ކޯވިޑް-19ގެ ސަބަބުން ވަގުތީގޮތުން ރަށަށް ބަދަލުވާ ދަރިވަރުންނަށް އެރަށެއްގެ ސްކޫލުގައި ކިޔެވުމުގެ ފުރުސަތުލިބޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވެއްޖއެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޑރ.ޢައިޝަތު ޢަލީ ވިދާޅުވީ މިޙާލަތުގައި މާލޭގައި ތަޢުލީމު ޙާސިލުކުރާ ބައެއް ދަރިވަރުން ވަގުތީގޮތުން ރަށަށް ބަދަލުވެފައިވާތީ އެކުދިންގެ ކިއޔެވުމުގެ ކަންކަން މެދުނުކެނޑޭނެ ފަދަގޮތަކަށް ކަންކަން އިންތިޒާމް ކުރަމުންދާކަމަށެވެ.

އެގޮތުން ރަށަށް ގޮސްތިބި ކުދިންނަށް ސްކޫލްތައް ފެށުމުން، އެކުއްޖާ ކިޔަވަމުންދިޔަ ގްރޭޑްގައި ކިޔެވުމަށް ރަށު ސްކޫލުން ޖާގަލިބޭނެކަމަށެވެ. އަދި މިޙާލަތުގައި ދަރިވަރު ސްކޫލަށް ދިއުމަށް ކުރިންލީ ޔުނީފޯމްވެސް ބޭނުންކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެއެވެ. މީގެ އިތުރުން ޙާލަތު ރަނގަޅުވެ ދަރިވަރުން އަންބުރާ މާލެއަންނައިރު އެކުދިން ކިޔެވި ސްކޫލުގެ ޖާގަ ނުގެއްލޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އެރަށެއްގެ ސުކޫލުން އެދަރިވަނުންނަށް ފުރުސަތު ލިބިގެންދާނެ. އަދި އެއީ ޓެމްޕަރަރީ މޫވްއެއް ކަމުގައިވިޔަސް، މާލޭގެ ސްކޫލުގެ ފުރުސަތު ގެއްލިގެން ނުދާނެ. އެދަރިވަރު އެރަށެއްގައި ހުންނަހާ ދުވަހެއްގައި އެރަށެެއްގެ ސްކޫލުން އެދަރިވަރަށް ތައުލީމް ލިބިގެންދާނެ. އެހެންވީމަ އަޅުގަނޑުމެން އެކަން އެންޝުއަރކޮށްދޭނަން" އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން ސްކޫލްތައް ބަންދުކުރުމަށްފަހު އަންނަ ޖުލައި މަހުގެ 1ވަނަ ދުވަހު ސްކޫލްތައް ހުޅުވުމަށް އެޑިއުކޭޝަން މިނިސްޓްރީންވަނީ ނިންމާފައެވެ.