ކޯވިޑް-19 ގެ ލޮކްޑައުން މަޑުމަޑުން ހުޅުވެމުންދިޔަކަމުގައިވިޔަސް އިޖްތިމާޢީގޮތުންނާއި އިޤްތިޞާދީގޮތުން ހުރި ކަންބޮޑުވުންތައް މިދަނީ ދުވަހެއް ދުވަހަކަށް އިތުރުވެ ފުޅާވަމުންނެވެ. މިކަންބޮޑުވުމަކީ ޙައްޤުކަންބޮޑުވުމެވެ. ސަބަބަކީ ދުނިޔެއާއި އެކު ރާއްޖޭގެ އިޤްތިޞާދަށް އައި ހީނަރުކަން ބޮޑުކަމުންނެވެ. މިއީ އަޅުގަނޑުމެންގެ ޙަޔާތުގައި އަދި މިވީހާތަނަށް ކުރިމަތި ނުވާވަރުގެ ބޮޑު އަޑިގަނޑެކެވެ. މިކަމުން އަރައިގަނެ، އެދެވޭ ނަތީޖާއެއް ޙާޞިލްކުރުމަށް އިޖްތިމާޢީ ގޮތުންނާއި އިގްތިޞާދީ ގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. ތަޢުލީމީ ދާއިރާއާއި އިޖްތިމާއީ އެހެނިހެން ދާއިރާ ތަކާއި، އިޤްތިޞާދީ ހަރަކާތްތަކަށް ނިސްބަތްވާ އެކި އެކި ދާއިރާތަކުން ވަރަށް ގިނަ ބަދަލުތަކެއް ގެންނަންޖެހެއެވެ.
ކޯވިޑް-19 ގެ ފުރަބަންދަށް 3 މަހާއި ގާތްވާން ހަމަވެފައިވާއިރު، މިވަގުތު ހާމަވެގެން މިދަނީ އަޅުގަނޑުމެން މަސައްކަތްކުރަމުން އައި ގޮތްތަކާއި ވައްޓަފާޅި މިހާރު ބަދަލުވެއްޖެކަމެވެ. މަސައްކަތުގެ ދާއިރާގައާއި ޢާންމު ދިރިއުޅުމުގައި ގިނަ ކަންކަން ކުރިން ކުރަމުން އައި ގޮތް ނޫން އެހެން ގޮތަކަށް ކުރެވޭނެކަން ކޯވިޑް- 19ގެ ތެރެއިން އަޅުގަނޑުމެންނަށް ދަސްވެގެން ހިގައްޖެއެވެ. މި ބަދަލުތައް މިއައީ ހާލަތު ގެ ސަބަބުންނެވެ. ޒަރޫރީ ހާލަތުގައި ކަންކަން ކުރުމުގެ އިތުރު ގޮތްތައް ހޯދި، އެގޮތްތަކަށް ހޭނުމުން އެއީ މާ އުނދަގޫ ކަންކަމަކަށް ވެސް ނުވެއެވެ.
މުޅި ދުނިޔެއަށް ފެތުރިގެން މިދިޔަ ބަލިމަޑުކަމުގެ ސަބަބުން ދިގުމުއްދަތަށް ދެމިގެން ދާގޮތަށް ވަރަށް ބޮޑު ހީނަރުކަމެއް އިޤްތިޞާދަށް އަންނާނެ ކަމަށް ބެލެވެއެވެ. އާއްމު ދަރަންޏާއި ވަޒީފާއާއި އަދި އިންސާނީ ކުރިއެރުން މީގެތެރޭގައި ވަރަށް ބޮޑަށް ފަހަށް ޖެހިގެން ދާނެކަމަށް ވަރަށް ގިނަ ބޭފުޅުން ދެކެމުންގެންދެއެވެ.
ގިނަ ޤައުމުތަކެއްގައި ގިނަ ބައެއްގެ ވަޒީފާ މިއަހަރުގެ މިހާތަނުގައި މިވަނީ ގެއްލިގެން ގޮސްފައިވެއެވެ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ވަރަށް ގިނަ ބައެއްގެ ވަޒީފާ މާޗްމަހާއި ހިސާބުން މިވަނީ ގެއްލިގެން ގޮސްފައެވެ. ބައިނަލްއަޤްވާމީ އެކި ބޭންކުތަކުން ދުނިޔޭގެ އިޤްތިޞާދަށް އަންނާނެ ބަދަލު ދަނީ ލަފާކުރަމުންނެވެ. އައި.އެމް.އެފް (އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް) އިން ދުނިޔޭގެ އިޤްތިޞާދަށް % 3 ގެ ހީނަރުކަމެއް މިއަހަރުތެރޭގައި އަންނާނެ ކަމަށް ލަފާކުރާއިރު، ދުނިޔޭގެ އިޤްތިޞާދަށް % 5.2 ހީނަރުކަމެއް އަންނާނެކަމަށް ވަރލްޑްބޭންކުން ވަނީ ލަފާކޮށްފައެވެ. އަދި އޭޑީބީ އިން ހާމަކޮށްފައިވާ ގޮތުން ރާއްޖޭގެ އިޤްތިޞާދު % 3 އަށް ދަށަށް ދާނެއެވެ.
ފައިނޭންޝަލް ޓައިމްސްއިން (10 ޖޫން 2020) ބުނާގޮތުގައި ދުނިޔޭގެ ދަރަނި މިވީހާތަނަށް ނުވާހައި ބޮޑުވެ، އެންމެ މައްޗަށް މިހާރު މިއޮތީ ދަރަނި އަރާފައެވެ. ދުނިޔޭގައި ހަނގުރާމައެއް ނެތި އަމަން އަމާންކަން ޤާއިމްވެފައި އޮތް ދަނޑިވަޅެއްގައި އެންމެ ބޮޑަށް ދަރަނި މައްޗަށްއެރި ދުވަސްވަރަކީ މިއީކަމަށް ވަރަށް ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ.
ޤައުމެއްގެ ނިސްބަތުން އެތަނެއްގައި ކުރާ މަސައްކަތްތަކެއް ހުންނާނެއެވެ. އެކި ދާއިރާތަކުގެ ، އެކި ގިންތީ ތަކުގެ މަސައްކަތެވެ. މީގެ ތެރޭގައި، ވިޔަފާރި ކުންފުންނިތައް ހިންގުމާއި އިޖްތިމާއީ އިޤްތިޞާދީ އެކި އެކި މުއައްސަސާތައް ހިންގުމާއި އާންމު ދިރިއުޅުމުގެ ކަންކަން ހިމެނެއެވެ. މިދެންނެވި ތަންތަން ހިންގުމާއި މަސައްކަތްތައް ކުރުމަށްޓަކައި ކޮންމެ ތަނެއްގައި އާންމުކޮށް ގެންގުޅޭ ތަރުތީބެއް އޮންނާނެއެވެ. ރޭވުން ތެރިކަމާއެކު ހިންގާ ތަންތަނުގައި މިދެންނެވި ތަރުތީބުތައް ލިޔެވިފައި ހުންނާނެއެވެ.
އަޅުގަނޑުމެން މިއަދު މިތިބަ ޙާލަތުން އަރައިގަތުމަށް ޚަރަދު ކުޑަކޮށް ކަންކަން ކުރެވޭނެ ގޮތްތަކެއް ހޯދަން އެބަޖެހެއެވެ. ޚަރަދުތައް ކުޑަކުރެވޭނީ އަޅުގަނޑުމެން މަސައްކަތްކުރަމުން އަންނަ ތަރުތީބު ބަދަލު ކުރެވޭނެ ގޮތްތަކެއް ހޯދައިގެންނެވެ. މިދެންނެވި ތަރުތީބު ބަދަލުކުރުމުން، މަސައްކަތް ކުރެވޭނެ ލުއި، ކުރުގޮތް ހޯދި، މަސައްކަތް ކުރުމަށް ނުވަތަ ނިންމުމަށް ބޭނުންވާ މީހުން މަދުކުރެވެއެވެ. އަދި މަސައްކަތައް ހޭދަވާ ވަގުތު ކުޑަ ވެގެން ދާނެއެވެ. މިއިން ކޮންމެ ބަދަލަކާ ގުޅިފައި މިހުންނަނީ ޚަރަދުވާނެ ފައިސާ އާއެވެ. ކުންފުންޏެއްގެ ނަޒަރަކުން ބަލާނަމަ މިއީ މިއަދު ވިސްނާލުން މުހިންމު ކަމެކެވެ.
ޢާންމުގޮތެއްގައި ވިޔަފާރިއެއްގެ ތެރޭގައި ވަރަށް ގިނަ ދާއިރާތަކެއްގެ މަސައްކަތްތަކެއް ހިންގަމުންގެންދާނެއެވެ. މިސާލަކަށް: ގަނެ ވިއްކުން، މުއައްޒަފުން ބެލެހެއްޓުން، ކަސްޓަމަރުންނަށް ޚިދުމަތް ދިނުން، އަދި ވިޔަފާރީގެ މައިގަނޑު ބައި ކަމުގައިވާ ޚިދުމަތެއް ނޫނީ އުފެއްދުމެއް ތައްޔާރުކުރުން ( ޕްރޮޑަކްޝަން) ހިމެނެއެވެ. މީގެ އިތުރުންވެސް ގިނަ ޑިޕާރޓްމަންޓްތަކެއްގެ މަސައްކަތްތަކެއް ހިނގަމުން ދާނެއެވެ. ވިޔަފާރި އެއް ހިންގުމުގެ ތެރޭގައި ހިމެނޭ މިދެންނެވި އެކި ދާއިރާ ތަކުގެ މަސައްކަތްތައް ކުރުމުގެ ތަރުތީބުތަކެއް ހުންނާނެއެވެ. އެކި ކުންފުނިތަކުގައި ތަރުތީބުތައް ތަފާތުވާނެއެވެ.
މިދުވަސްވަރަކީ މަސައްކަތް މަދު، ގިނަ ވިޔަފާރިތަކާއި އޮފީސަތަކުގެ މަސައްކަތްތައް ހުއްޓިފައި ހުރި ދުވަސްވަރަކަށްވާތީ މިއީ މަސައްކަތުގެ ތަރުތީބު މުރާޖަޢާކޮށް އަލުން ފެއްޓި ހިސާބަށް ރުޖޫޢަވެލައި، އެކަމާ ވިސްނާލަން ލިބޭ ފުރުޞަތެކެވެ. ކޮވިޑް -19 އާއި ގުޅިގެން މަސައްކަތް ކުރުމުގެ ތަރުތީބަށް ގެނެވުނު ބަދަލުތަކާއި ގުޅިގެން އާންމު ޙާލަތުގައި އެ ތަރުތީބު ގުޅުވާލާއި މަސައްކަތް އަލުން ރާވަންޖެހެއެވެ. ފެކްޓަރީ ސެޓިންގްއަށް ތަރުތީބު ރީސެޓްކޮށްލަންވީ ވަޤުތަކީ މިއީއެވެ.
މަސައްކަތް ކުރަމުން އައި ގޮތް މުރާޖާނުކުރާތާ ގިނަ ދުވަސްތަކެއްވެފައިވާނަމަ، އެ މަސައްކަތް ނުވަތަ ޓާސްކުގެ ތަރުތީބުގެ ތެރެއަށް ގިނަ ބޭކާރު ކަންތައްތަކެއް އިތުރު ވެފައި ހުރުމަކީވެސް އެކަށީގެންވާކަމެކެވެ. މަސައްކަތްކުރުމުގައި އުނދަގޫތައް ކުރިމަތިވަނީ މިހެންވެގެންނެވެ. އެހެންކަމުން، ހުރި ސަރުބީތައް ފިލުވާލައި ތަރުތީބު ލޫޅާފަތިކޮށްލުން މުހިންމެވެ. މިކަން ކުރެވިދާނެ މޮޑެލްތައް ދުނިޔޭގެ އެކި ތަންތަނުގައި ހަދާފައި ހުރެއެވެ.
ސްޕްރިންޓްކިޔާ މޮޑެލްއެއްގެ އެހީގައި މަސައްކުރުމުގެ ތަރުތީބު ބަދަލުކުރުމުގެ ތަޖުރިބާ އަޅުގަނޑުކުރީމެވެ. މަސައްކަތުގެ ތަރުތީބު ބަދަލުކުރެވޭނެ ގޮތްތަކެއް ފަސްދުވަހުގެ ތެރޭގައި އެކުލާވާލާނެ ގޮތެއް އެމޮޑެލްގައި ވެއެވެ. އަޅުގަނޑު ވަޒީފާއަދާކުރަމުން އަންނަ މުއައްސަސާގައި އޮޅުން ގަނޑެއްތެރޭގައި އޮތް އެއްގަމު ދަތުރުފަތުގެ ލޮޖިސްޓިކްސް ހަމަ މަގަށް އެޅުވުމަށްޓަކައި ސްޕްރިންޓް މޮޑެލް ބޭނުންކުރީމެވެ. މިމޮޑެލްގައި ބުނާ ގޮތުން 5 ނޫނީ 7 މީހުންގެ ގެ ޓީމަކުން 5 ދުވަހުގެ ތެރޭގައި ތަރިތީބު ދެނެގަނެ އައު ތަރުތީބެއް އެކުލަވާލެވިދާނެއެވެ.
ފުރަތަމަ ދުވަސް
- ކަންކުރަމުން އައި ގޮތް މުރާޖާކޮށް އައު ތަރުތީބު އެކުލަވާލާނެ ޓީމެއް ކަނޑައަޅައިލީމެވެ. މި ޓީމުގައި ހިމެނެނީ އައު ތަރުތީބު އެކުލަވާލަން ކަނޑަ އެޅުނު މަސައްކަތުގައި ހިމެނޭ މީހުންގެ ތެރެއިން 5 މީހުންނެވެ. ފުރަތަމަ ދުވަހު މަސައްކަތުގެ ޚިދުމަތް ލިބިގަންނަމީހާގެ ދަތުރުގެ އެކި މަރްޙަލާތައް ދެނެގަތީއެވެ. މިއާއެކު ޚިދުމަތް ލިބިގަންނަ ފަރާތްތަކާއި، ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވާ އިސް ފަރާތްތަކާއި ކަމުގެ ތަޖްރިބާ ހުރި މީހުންގެ ޚިޔާލު ހޯދައި، ކުރަން ބޭނުންވާ މަސައްކަތުގެ މަޤްޞަދު ޙާޞިލްކުރެވޭނެ ގޮތް ކަނޑައަޅާނީއެވެ.
ދެވަނަ ދުވަސް
- މި ޚިޔާލު ތަކުގެގެތެރޭގައި ހުރި ޙައްލުތަކަކީ ކޮބައިތޯ ދެނެގަނެ، މީގެ ތެރެއިން ޙައްލުނެރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި، ކަނޑައަޅާނީއެވެ. މިކަން ކުރާނީ ބްރެއިން ސްޓޯރމިންގ ސެޝަންއެއް ބާއްވައި ހުރިހާ ޚިޔާލުތަކާ މެދު މަޝްވަރާ ކޮށްގެންނެވެ.
ތިންވަނަ ދުވަސް
- ހުރިހައި ބޭފުޅުންގެ ޚިޔާލުތައް ހާމަކޮށް، އޭގެ ތެރެއިން ތިންހަތަރު ގޮތެއް/ ކަނޑައަޅާނީއެވެ. އަދި އެންމެ ރަގަޅު ޙައްލެއް ކަނޑައަޅާނީ މަސައްކަތްކުރާ މުޅި ޓީމުގެ މަޝްވަރާއާއި، އެއްބަސްވުމުގެ ތެރެއިން ނެވެ.
ހަތަރުވަނަ ދުވަސް
- ސްޓޯރީ ބޯޑެއް ގޮތަށް މިތަރުތީބުތައް އެކުލަވާލައި، ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ފީޑްބެކް ހޯދޭނީއެވެ.
ފަސްވަނަ ދުވަސް
- މިޚިދުމަތް ލިބިގަންނަ ފަރާތްތަކާއެކު އައު ތަރުތީބު ޙިއްޞާކޮށް ޓެސްޓު ކުރާނީއެވެ. މިއީ އައު ތަރުތީބު ޓެސްޓްކުރުމުގެ މަރުހަލާއެވެ. މިހިހިސާބުން އެންމެންނަށް އެއްބަސްވެވުނު އައު ތަރުތީބު އެކުލަވާލެވުނީއެވެ. މިއީ ވަކި މަސައްކަތެއް ކުރާގޮތުގެ އައު ތަރުތީބެއް އެކުލަވާލުމަށް ބޭނުންކުރެވިދާނެ މޮޑެލްއެކެވެ. އަޅުގަނޑު މި މޮޑެލް ބޭނުންކުރީމެވެ. އަޅުގަނޑުމެންގެ އެއްގަމު ދަތުރުފަތުރު ކުރާގޮތުގެ ލޮޖިސްޓިކްސް ތަރުތީބު އަލުން އެކުލަވާލައި އައު ތަރުތީބަކުން މަސައްކަތް ކުރުމުން، ނަތީޖާ ރަގަޅު ގޮތަކަށް ފެނިގެން ދިޔައެވެ
މި މަސައްކަތުގެ ތެރެއިން ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އައުތަރުތީބު ޑޮކިއުމަންޓްކުރުމާއި މިކަމަށް ބޭނުންވާނެ ސްފޮޓްވެއަރ އެއް ހޯދުމާއި މިކަމުގައި ޝާމިލުވާ އެންމެނަށް މިކަން ކިޔައިދީ އައުތަރުތީބަށް މަސައްކަތް ބައްޓަން ކުރުމެވެ. އައު ތަރުތީބެއް އެކުލަވާލައި، އެ ކަރުދާހަށް ނޭޅުވި، އަދި މަސައްކަތުގައި ޝާމިލުވާ އެއްމެން އެތަރުތީބަށް އަހުލުވެރި ނުކުރެވިއްޖެނަމަ ކުރިން ކަން ކުރަމުން އައިގޮތަށް އިސާހިތަކު ތަރުތީބު ބަދަލުވެގެން ހިނގައިދާނެއެވެ.
މި އެކުލަވާލި އައު ތަރުތީބުގެ ނަތީޖާއަކީ ކުންފުނީގެ ތެރޭގައި ދަތުރު ފަތުރު ކުރުމުގައި ހަމަޖެހިފައި ހުރި އުސޫލުތައް ޚިދުމަތް ހޯދާ މުއައްޒަފުންނަށް ސާފުކޮށް އަންގައި ދިނުމާއި އަދިވެސް އިތުރަށް ޚަރަދު ކުޑަކުރެވޭނެ ގޮތްތައް ހޯދައި، ޑިޕާރޓްމަންޓްގެ މުއައްޒަފުންނަށް ވިސްނަން ފައްޓައިގަތުމެވެ.
ރިފަރެންސް
https://theprint.in/economy/capitalism-needs-the-great-reset-button-covid-19-is-showing-the-way/435628/ https://www.ft.com/content/498b43bf-4813-40f8-9953-022e0d7820b5
ނެޕް.ޖޭ، ޒެރެޓްސްކީ.ޖޭ، ކޮވިޑްސް.ބީ، ސްޕްރިންޓް- ހައުޓު ސޮލްވް ބިގް ޕްރޮބްލަސް އިން ފައިވް ޑޭސް، 2016، ސައިމަން އެންޑް ޗޫސްޓަރ
އަލީ ޚާލިދަކީ ޓެލެވިޒަން މޯލްޑިވްސްގެ ސީއީއޯގެ މަގާމު ފުރުއްވާ ސަރުކާރުގެ ބައެއް އެހެން ކުންފުނިތަކުގެ އިސް މަގާމުތައް ވެސް އަދާކުރެއްވި ބޭފުޅެކެވެ. ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ އަލީ މިވަގުތު ފުރުއްވަމުން ގެންދަވަނީ ޕަބްލިކް ސާރވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރގެ މަޤާމެވެ.