ޚަބަރު

ފުރަބަންދުގެ ތެރޭގައި ޖިންސީގޯނާގެ 46 މައްސަލައެއްގައި ދައުވާކުރި


ކޯވިޑް-19އާ ގުޅިގެން ފުރަބަންދުކުރި ފަހުން 46 މައްސަލައެއްގައި ދައުވާ އުފުލައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނަރަލް ހުސެއިން ޝަމީމް ކުރެއްވި ޓުވީޓެއްގައި ވަނީ ޖިންސީ ގޯނާކުރުމާ ގުޅޭ މައްސަލަތައް ތަޙްގީގުކޮށް ދައުވާ ކުރުމާ ގުޅޭ ތަފާސް ހިސާބެއް ހިއްސާ ކުރައްވާފައެވެ. ޝަމީމްގެ އެ ޓުވީޓްގައިވާ ގޮތުން މިދިޔަ އޭޕްރިލް 15 ވަނަ ދުވަހު މާލެ ފުރަބަންދުކުރި ފަހުން އިއްޔެއާ ހަމައަށް ޖިންސީ ގޯނާކުރުމުގެ ކުށްތަކުގައި ދައުވާކުރި މީހުންގެ އެވްރެޖް އުމުރަކީ 35 އަހަރެވެ.

ޖިންސީ ގޯނާއާ ގުޅޭ ގޮތުން ހުށައެޅޭ މައްސަލަތައް ތަހްގީގުކުރުމަށް އެވްރެޖްކޮށް ނަގާފައިވަނީ 88 ދުވަހެވެ. އަދި އެފަދަ މައްސަލަތަކުގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވުމަށް އެވްރެޖްކޮށް ދެ ދުވަސް ނަގާ ކަމަށް އެ ތަފާސް ހިސާބުގައިވެއެވެ.

ޖިންސީ ގޯނާގެ މައްސަލަތަކުގެ ތެރެއިން 15 މައްސަލައެއްގައި ދައުވާކުރީ އޭޕްރީލް މަހުގެ ތެރޭގައި އެވެ. އަދި މެއި މަހުގެ ތެރޭގައި 28 މައްސަލައެއްގައި ދައުވާކުރިއިރު ޖޫން މަހުގެ މިހާތަނަށް 3 މައްސަލައެއްގައިވަނީ ދައުވާކޮށްފައެވެ.