ފުރަބަންދަށް ލުއިތަކެއް ލިބިފައިވާ މިދަނޑިވަޅުގައި ރައްޔިތުންނަށް ޢަމަލުތައް ބެހެއްޓޭ ގޮތަކުން މުޅި މުޖުތަމައަށް އޭގެ އަސަރުކުރާނެއެވެ. އެއީ ރަނގަޅު ގޮތުގައި އަންނަ ބަދަލަކަށް ނުވަތަ އެއީ މުޅި ޤައުމަށް ކުރިމަތިވާ ނުރައްކަލަކަށްވެސް ވެގެން ހިނގައިދާނެއެވެ.
ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަޙާއްދުގައި ޢިއުލާންކޮށްފައިވާ ފުރަބަންދުގެ ޙާލަތަށް ލުއިތަކެއްދީ މިހާރު ވަނީ ފަތިހު 5ން ހެނދުނު 8 ޖެހުމާއި ހަމައަށް ޢުމުރުން ދުވަސްވީ މީހުން ބޭރަށް ނުކުމެ އުޅުމުގެ ހުއްދަ ދީފައެވެ. އަދި ވިޔަފާރިކުރުމަށާއި އެނޫން ބޭނުންތަކަށް ހެނދުނު 9 އަކުން ފެށިގެން ރޭގަނޑު 10 ޖެހުމާއި ހަމައަށް ނުކުމެ އުޅުމަށް ވަނީ ހުއްދަ ދީފައެވެ. ކުޑަކުދިންނަށްވެސް ހަވީރު 4ން އިރުއޮއްސި 6އަށް ބޭރަށް ނުކުމެ އުޅުމަށް ހުއްދަ ދީފައިވެއެވެ.
ފުރަބަންދަށް ދިން ލުއިތަކާއި އެކުވެސް އެޗްޕީއޭއިން ވަނީ އެއްވެ ނޫޅުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރައްވާފައެވެ. ބޭރަށް ކޮންމެހެން ނިކުންނަންޖެހިގެން ނޫނީ ނުނުކުތުމަށާއި ގިނައިރު ބޭރުގައި ނޫޅުމަށްވެސް އަންނަނީ ނަސޭޙަތްދެއްވަމުންނެވެ. އެހެންނަމަވެސް މަގުމަތިން ފެންނަނީ މިމަންޒަރެއް ނޫނެވެ.
ފުރަބަންދަށް ލުއިތަކެއް ދިނީ އެއްގޮތަކަށްވެސް ބަލީގެ ނުރައްކާ ކުޑަވެގެން ނޫނެވެ. އަދި ލުއިތަކުގެ ބޭނުން ނުރަނގަޅުގޮތުގައި ހިފާކަމުގައިވާނަމަ އޭގެ ނުރައްކާ ބޮޑުވެ ކޯވިޑް-19ގެ ޙާލަތު ކޮންޓްރޯލުން ނެއްޓިގެން ދިޔުމުގެ ބިރު ބޮޑުކަމަށް އެޗްޕީއޭއިން ވަނީ ހާމަކުރައްވާފައެވެ.
އެޗްޕީއޭއިން މިހެން ވިދާޅުވެފައި އޮތްއިރުވެސް ބައެއް ފަރާތްތަކުގެ ޢަމަލުތައް ހުރިގޮތުން ފުރަބަންދުގެ ލުއިތަކުން ނުރައްކާތެރި ހާލަތަކާއި ދިމާއަށް ދެވޭކަމުގެ ބިރުވެރި މަންޒަރު މަގުމަތިން ފެންނަމުން ދާކަމަށް އެންއީއޯސީގެ ޕްރެސްކޮންފަރެންސްގައި އެޗްޕީއޭގެ އެޕިޑަމޮލިޖިސްޓް ޑރ.އިބްރާހީމް އަފްޒަލްވަނީ ފާހަގަކުރައްވާފައެވެ. އަދި ދިގުމުއްދަތުގެ ފުރަބަންދަކަށްފަހު ނިކުތުމުގެ ފުރުސަތާއެކުވެސް ރައްކާތެރިކަމަށް ސަމާލުވުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.
ފުރަބަންދަށް ދޭ ލުޔާއިއެކު ގިނަ ޤައުމުތަކުގައި ޢާއްމުންގެ ޢަމަލުތައް ބެހެއްޓޭގޮތުން ވައިރަހުގެ ނުރައްކާ އިތުރުވެގެންދާތަން އަންނަނީ ފެންނަމުންނެވެ. ތަފާސްހިސާބުން އެކަން ސާބިތުކޮށްދެއެވެ. އެގޮތުން އެންމެ ގާތުގައި އޮތް އަވައްޓެރި އިންޑިއާގައިވެސް އަދި ވައިރަހުގެ ނުރައްކާ ބޮޑުވެފައިވާ އެމެރިކާގައިވެސް ބަލިއިތުރުވަމުން އަންނަ އެއް ސަބަބަކީ އެޤައުމުތަކުގައި އޮތް ފުރަބަންދަށް ދިން ލުއިތަކާއެކު ޢަމަލުކުރުމަށް އަންގާފައިވާ ގޮތާ ޚިލާފަށް ޢާއްމުންގެ ޢަމަލުތައް ބެހެއްޓުމުގެ ސަބަބުންނެވެ.
ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން އެފަދަ ޤައުމުތަކުގެ ޙާލަތު މިސާލު ދައްކަވައި ރާއްޖެއަށް އެގޮތް މެދުވެރިނުވުމަށް އެދޭނަމަ ލުއިތައް ދިންނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. ހަމައެއާއެކު ކުރީގައި ހުރި ބައެއް އާދަތައް ދޫކޮށްލުމަށް މިހާރު އޮތް ޙާލަތުންވަނީ މަޖުބޫރުވެފައެވެ.
މިދުވަސްވަރު އާދަތަކަށް ބަދަލުތަކެއް ގެނެސްގެން ނޫނީ މިބަލިމަޑުކަމުން އަރައެއް ނުގަނެވޭނެއެވެ. އަދި ވޭތުވެދިޔަ 2 މަސްދުވަހު ގޭގައި ތިބިތިބުން މުޅިން ބޭކާރުވެގެން ހިނގައިދާނެއެވެ. ގަވައިދާ އެއްގޮތަށް ނިކުމެ އުޅޭ ބައެއް ފަރާތްތަކުން އަންނަނީ އެހެން މީހުންގެ ބައެއް އާދަތަކާއި ޢަމަލުތައް ހުންނަ ގޮތުގެ ސަބަބުން ބަލި ފެތުރިދާނެކަމުގެ ކަންބޮޑުވުންވެސް ފާޅުކުރަމުންނެވެ.
ބޭރަށް ނިކުތުމުގެ ހުއްދަ ލިބުނުނަމަވެސް ގުރޫޕުހަދާފައި ސަކަރާތްޖެހުމަށް އެއްވެ އުޅުމަކީ އެއްގޮތަކަށްވެސް މިދަނޑިވަޅުގައި ކޮށްގެންވާނެކަމެއް ނޫންކަމަށް އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެކި ފަހަރުމަތިން އެކި ބޭފުޅުން ތަކުރާރުކޮށް އަންނަނީ ވިދާޅުވަމުންނެވެ. އެހެންކަމުން ކެފޭ ރެސްޓޯރެންޓުތަކުގައި ކޮފީބުއިމާއި ކެއުމަށް ގުރޫޕުހަދާފައި ގޮސްތިބެވޭކަށް ނެތެވެ. ރަޙުމަތްތެރިންގެތެރޭގައި ނޭނގިނަމަވެސް ވައިރަސްހުރި މީހަކާ ބައްދަލުވެއްޖެނަމަ މުޅި ގުރޫޕަށް ވައިރަސް ފެތުރުނީއެވެ. މިހާހިސާބުން އެއިން ކޮންމެ މީހެއްގެ ގޭގައި ގެއިން ބޭރަށް ނުނިކުމެ ތިބި މުސްކުޅި މައިންބަފައިންނާއި ދަރިންނަށްވެސް އޮންނާނީ ވައިރަސް ފޯރުކޮށްދެވިފައެވެ. މިއީ އެއްވެސް މީހަކު ބޭނުންވާނެކަމެއް ނޫނެވެ.
މީގެއިތުރުން މަގުމައްޗަށް ކުޅުޖެހުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އެއީ ސާފުތާހިރުކަމުގެ މިންގަނޑުންބަލާއިރު ބަލައިގަނެވޭނެކަމެއް ނޫނެވެ. އަދި ކޯވިޑް-19އަކީ ވައިރަހުގެ ޒަރީއްޔާއިން ފެތުރޭ ބައްޔަކަށްވާއިރު މަގުމައްޗަށް ކުޅުޖެހުމަކީ މިބަލި އިތުރަށް ފެތުރެން މެދުވެރިވާނެކަމެއްގެ ގޮތުގައި އެޗްޕީއޭއިން މީގެކުރިންވެސްވަނީ ވިދަޅުވެފައެވެ. ވައިރަސް ކުޅުގައި ހުންނައިރު މަގުމައްޗަށް ޖަހާ ކުޅުގައި ވައިރަސް މަރުނުވެ އެތައް ގަޑިއިރަކަށް ހުންނަކަމަށް ދިރާސާތަކުން ދައްކައެވެ. އެހެންކަމުން އޭގެ އަސަރު މަގުން ހިންގާމީހުނަށް ކުރާނެއެވެ. އެހެންކަމުން އެއާދަ އަޅުގަނޑުމެން އެއްކޮށް ދުރުވާންޖެހެއެވެ.
ހަމައެއާއެކު މިދުވަސްވަރު ފުރަބަންދަށް ލުއިތަކެއް ދެމުންދާއިރު ޢާއްމުގޮތެއްގައި ބޭރަށް ނިކުމެ އުޅޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށްވަނީ އިތުރުވެފައެވެ. މިއާއެކު ގައިދުރުކަމަށް ކުރިއަށްވުރެ ބޮޑަށް ސަމާލުކަން ދޭންޖެއެވެ. އެކަކު އަނެކަކާ ގައިދުރުކަން ނުބޭއްވޭ ގޮތަށް ހުންނަ ކޮންމެ ތަނަކަށް ވަންނަމަ މާސްކު ކޮންމެހެންވެސް އެޅުމަށް އެޗްޕީއޭއިންވަނީ އިރުޝާދުދެއްވާފައެވެ. އެހެންނޫންނަމަ ތިމާގެ ސަބަބުން އެހެން މީހުނަށް ނުވަތަ ބަލި ހުރި އެހެން މީހެއްގެ ސަބަބުން ތިމާއަށް ބަލި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
މިދުވަސްވަރު ބޭރަށް ވިޔަފާރިކުރުމަށް ދެވުނުނަމަވެސް އޭގެ އެންމެ ރައްކާތެރިގޮތަކީ އަދިވެސް ހަމަ އޮންލައިންކޮށް ވިޔަފާރިކުރުމެވެ. އެހެންކަމުން ކޮންމެހެން ދާންނުޖެހޭނަމަ ބޭނުންވާތަކެތި ގަތުމަށް ހަމަ އޮންލައިން ވަޞީލަތްތަކުގެ ބޭނުން ހިފުމަކީ މުހިއްމުކަމެއްގެ ގޮތުގައި އެޗްޕީއޭއިން ފާހަގަކުރައްވައެވެ. ހަމައެއާއެކު ވިޔަފާރިކުރުމަށް ފިހާތަރަކަށް ދިޔަނަމަވެސް ފައިސާގެ މުޢާމަލާތްތައް ކުރުމުގެ ބަދަލުގައި ބޭންކް ޓްރާންސްފަރ ނުވަތަ ކޭޝް ކާޑުގެ ބޭނުންކުރުމަށްވެސް އެޗްޕީއޭއިންވަނީ ނަސޭޙަތްތެރިވެފައެވެ.
ކޯވިޑް-19 މިވަނީ ތަކުލީފު ބޮޑު ދިރިއުޅުމުގެ އާދަތަކަކަށް ދާން މަޖުބޫރުކޮށްފައެވެ. ކުޑަކުޑަ ބަދަލުތަކެއް ނަމަވެސް އާދަތަކެއް ބަދަލުކުރުމަކީ ފަސޭހަކަމަކަށްނުވިނަމަވެސް މިވަގުތު އެހެން ގޮތެއް ނެތެވެ. ޢާއްމުންގެ އެތައް ބަޔަކު އެދިއެދި ތިއްބާ ލިބިގެން ދިޔަ ލުޔާއިއެކު ރައްކާތެރިވުމަށް ކުރެވޭނެ ހަމައެކަނިކަމަކީ ތިމާގެ އާދަކާދަ ބަދަލުކުރުމެވެ. އެނޫން ޙައްލެއް މިވަގުތުނެތެވެ. ނޫންނަމަ ފުރަބަންދަށް ލުއިދިން އެހެން ގިނަ ޤައުމުތަކުން ފެންނަ ހިތްދަތި މަންޒަރު މިކުޑަ ރާއްޖެއިންވެސް ފެނިގެންދިޔުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ. އެކަން އެގޮތަސް ނުވާނީ އަޅުގަނޑުމެންގެ އާދަތައް ބަދަލުކޮށްގެންނެވެ.