ޒަމާނީ ވަސީލަތްތަކާއި ތަކެތި ނެތް ޒަމާނުގައިވެސް ރާޅާއަޅަން ދިޔުމަކީ ދިވެހި ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި މަޤުބޫލު ކުޅިވަރެކެވެ. ބޮޑުއައްޓާއި އެނޫންވެސް އެނދުތަކުގެ މަޅުތައް ހިފައިގެން ރާޅާއަަޅަން ކުދިން ގޮސް އުޅޭއިރު، ރަށްފުށުގެ މިއާދަ އަދިވެސް އޮތް އެއްރަށަކީ ހދ ވައިކަރަދޫއެވެ.
ހދ.ވައިކަރަދޫ ޒުވަނުންގެ މެދުގައި ރާޅާއެޅުމަކީ ޒަމާނުއްސުރެ އެކަމުގެ ފޯރި ބޮޑު ޙަރަކާތެއްކަމަށް އެރަށު މީހުން ބުނެއެވެ. އެގޮތުން އަހަރުގެ ވަކި ދުވަސްވަރެއްގައި އުދަ ބޮޑުވާއިތު އެ ދުވަސްވަރު މިފޯރި އިތުރުވީނަމަވެސް މިއަހަރުގެ މިދުވަސްވަރު ރާޅާއެޅުމަށް ރަށުގައި އޮތް ފޯރި އެހެން އަހަރުތަކަށްވުރެ ބޮޑުވެފައިވާކަމަށް ވައިކަރަދޫ ކައުންސިލްގެ ރައިސް އަޙްމަދު ނަސީމް ވަނީ ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވާފައެވެ. މީގެ ސަބަބެއްކަމަށް ނަސީމް ފާހަގަކުރެއްވީ ކޯވިޑް-19ގެ ސަބަބުން ރިސޯޓުތަކުގައި ތިބި ރަށުގެ ޒުވާންފުރައިގެ ހުރިހާކުދިން ކަހަލަގޮތަކަށް އެނބުރި ރަށަށް އައިސްފައި ވުމެވެ. އެގޮތުން ވައިކަރަދޫގެ ގިނަ ޒުވާނުންނަކީ ރިސޯޓުތަކުގައި ވޯޓަރ ސްޕޯޓްސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކެއްކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.
ވައިކަރަދޫގައި ރާޅާއެޅުމުގައި ޙަރަކާތްތެރިވާ ޒުވާނެއްކަމަށްވާ ޙުސެއިން ވަޙީދު ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެމުން ބުނީ މިއީ ރަށުގައި އާދަޔާ ޚިލާފަށް ރާޅާއެޅުމުގެ ފޯރި ބޮޑުދުވަސްވަރެއްކަމަށެވެ. އެގޮތުން ޒުވާނުންނާއި ކުޑަކުދިންވެސް މިޙަރަކާތުގައި މިދުވަސްވަރު ފޯރީގައި ބައިވެރިވަމުންދާކަމަށް ޙުސެއިން ވަނީ ފާހަގަކޮށްފައެވެ. އަދި ބައެއް ކުދިންގެ އަތުގައި ސަރފިން ބޯޑު ނެތްނަމަވެސް މި އުފަލުގައި ބައިވެރިވުމަށް ކުދިން އަންނަނީ ގޭގެ އެނދުގައި އާޅާފައި ހުންނަ މަޅުތަކާއި ފުޅިމަދު ފޮށިތަކުގެ ބައިތައް ބޭނުންކުރަމުން ކަމުގައި އޭނާ ބުންޏެވެ. އަދި މިއީ ރާޅާއެޅުމުގެ ކުރީގެ ގޮތްތައްކަން ފާހަގަކޮށް ހުސެއިން ބުނީ މިއީ ބަލާލަން ހިތްގައިމު އަދި މަޖާކަމެއްކަމަށެވެ.
ރާޅާއެޅުމުގެ ކަންކަން ކުރިއަށްގެންދާއިރު ކުޑަކުދިންގެ ރައްކާތެރިކަމަށް ސަމާލުކަން ދޭކަން ހުސެއިން ފާހަގަކުރިއެވެ. ހުސެއިން ބުނީ މިއީ ފުރަބަންދާއި ގުޅިގެން ސްކޫލްތައް ބަންދުވެ ވަޒީފާއަށް ނިކުންނަން ނުޖެހި ގޭގައި އަބަދު ތިބެ މާޔޫސްވުމުގެ ބަދަލުގައި ހިތްއުފާކޮށްލާ މަޖާކޮށްލުމުގެ ބޭނުމުގައި ކުރާކަމެއް ކަމަށެވެ.
ރާޅާއެޅުމަކީ ޒުވާނުންގެ މެދުގައި މަޤުބޫލޫ ހަރަކާތަކަށްވާއިރު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސަރފިން މަޝްހޫރު ޕޮއިންޓުތައްވެސް ހުރެއެވެ. އަދި މިފަދަ ސަރަޙައްދުތަކަށް ރާޅާއެޅުމަށް ދާ ޒުވާނުންވެސް މަދެއް ނޫނެވެ.
ފުރަބަންދުގެ ސަބަބުން ރަށުގައި އެންމެ ޖަމާވެފައި ތިބެން ލިބުނު މިފުރުސަތުގައި ވައިކަރަދޫ ޒުވާނުން އަންނަނީ ފުރުސަތުގެ ބޭނުން ކިތަންމެހާވެސް ރަނގަޅަށް ހިފަމުންނެވެ. އަދި ރަސްމީގޮތެއްގައި މިދާއިރާ ކުރިއެރުވުމަށް ކައުންސިލުގެ ފަރާތުން މީގެކުރިން މަސައްކަތްތަކެއް ކޮށްފައިނުވިނަމަވެސް މިއަހަރު ރާޅާއެޅުމަށް އޮތް ފޯރިއާއި ޝައުގުވެރިކަން ފެނިގެންދިޔުމުގެ ސަބަބުން މިދާއިރާ އިތުރަށް ކުރިއެރުވުމުގެ މަސައްކަތް ކުރުމަށް ވައިކަރަދޫ ކައުންސިލުންމިހާރުވަނީ ނިންމަވާފައެވެ. މިއީ އެރަށުގެ ޒުވާނުންނަށް އުފާވެރި ޚަބަރަކަށްވެގެންދާނެކަން ޔަގީނެވެ.