ޚަބަރު

އައްޑޫގައި ފުރަތަމަ ފަހަރަށް ކޯވިޑް-19އަށް ޓެސްޓުކޮށްފި


އައްޑޫ ސިޓީގައި ކޯވިޑް-19އަށް ފުރަތަމަ ފަހަރަށް ޓެސްޓުކޮށްފިއެވެ. މިކަން ހާމަކޮށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ކުރި ޓުވީޓެއްގައިވަނީ އެހޮސްޕިޓަލުގެ ލެބޯޓްރީގައި ފުރަތަމަ ފަހަރަށް ޕީސީއާރް ބަޔޯ ފަޔަރ މެޝިންގައި ކޯވިޑް-19އަށް ޓެސްޓުކޮށްފައިވާ ކަމަށެވެ.

ކޯވިޑް-19ގެ ވައިރަސް ހަށިގަނޑުގައި ހުރިތޯ ދެނެގަތުމަށް ހަދާ ޕީސީއާރް ޓެސްޓު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ހެދޭނެ އިންތިޒާމް ހަމަޖައްސާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އެމެޝިނުން ދުވާލަކު 24 ސާމްޕަލް ޓެސްޓްކުރެވޭނެ ކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުންވަނީ ހާމަކުރައްވާފައެވެ.

އައްޑޫ ސިޓީއަކީ މާލެ ފިޔަވާ ރާއްޖޭގެ އެހެން ސަރަޙައްދަކުން ކޯވިޑަށް ޓެސްޓުކުރަން ފެށި ފުރަތަމަ ސިޓީއެވެ.

އައްޑޫގައި ކޯވިޑަށް މިއަދު ޓެސްޓުކުރަން ފަށާފައިވާއިރު އައްޑޫއިން މިދިޔަ ހުކުރު ދުވަހުވަނީ ފުރަތަމަ ފަހަރަށް ކޯވިޑަށް މީހަކު ޕޮޒިޓިވްވެފައެވެ. އައްޑޫއިން ޕޮޒިޓިވްވެފައި ވަނީ އައްޑޫ އީކުއޭޓަރ ވިލެޖުގައި ކަރަންޓީނުކޮށްފައި ހުރި މީހެކެވެ.

އެންއީއޯސީން ވަނީ ރާއްޖޭގެ 5 ސަރަޙައްދެއްގައި ކޯވިޑަށް ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްކުރައްވަމުންދާކަމަށް ވިދާޅުވެފައެވެ.

މާލޭގައި ފުރަބަންދުގައި ތާށިވެފައިތިބި މީހުންގެ ތެރެއިން ރަށަށް ދާން ބޭނުންވާ މީހުންނަށް މިހާރު އެފުރުސަތު ދެމުން އަންނައިރު 14 ދުވަހުގެ ޓްރާންސިޓް ކަރަންޓީންގައި މާލޭގައި މަޑުކުރުމަށްފަހު ރަށަށް ދިޔުމަށްފަހުވެސް 14 ދުވަހުގެ ހޯމް އައިސޮލޭޝަނެއް ނުވަތަ ގޭގައި އެކަހެރިވެވޭނެ އިންތިޒާމު ނެތް ފަރާތްތަކަށް އެރަށެއްގެ ވަކި ތަނެއްގައި 14 ދުވަހުގެ ކަރަންޓީންގައި ހުރެވޭނެ އިންތިޒާމު ސަރުކާރުންވަނީ ހަމަޖައްސަވާފައެވެ.