އަންނަ މަހުގެ 15ވަނަ ދުވަހު ރާއްޖޭގެ ބޯޑަރ ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މީހެން ވިދާޅުވީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ބޯޑަރު ޖުލައި މަހުގެ 15 ވަނަ ދުވަހު ބައިނަލް އަޤްވާމީ ދަތުރުތަކަށް ހުޅުވާލާނެކަމަށެވެ. އަދި އެއާއެކު ރާއްޖޭގެ ރިސޯޓްތައް ހުޅުވާލެވޭނެކަމަށާއި ކުރިއަށް އޮތް އޮގަސްޓް މަހުގެ ތެރޭގައި ގެސްޓް ހައުސްތައް ހުޅުވާލުމަށް ހުއްދަދިނުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ މައި ބޯޑަރު ކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ހުޅުވާލާއިރު އެންމެ ބޮޑު އެއް ހިންހަމަ ޖެހުމަކީ ރާއްޖެއަކީ ދަތުރުކުރުން ރައްކާތެރި ޤައުމެއްކަން، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރްތްކުރާ ޖަރުމަނުވިލާތާއި، ޔޫއޭއީގެ ދޫބާއީންވެސް ކަނޑައަޅާފައިވުންކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މިއާއެކު ރާއްޖެވެގެންމިދަނީ މި ސަރަހައްދުން މިގޮތަށް ފާހަގަކުރެވޭ ހަމައެކަނި ޤައުމުކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމަށް ވިސްނާއިރު، އަޅުގަނޑުގެ ވިސްނުންހުރީ އިޤްތިސާދީ އަވަސް ރިކަވަރީއަކަށް ވާސިލުވުމަށް. އެކަމައްޓަކައި ކަމާގުޅޭ ހުރިހާ ދާއިރާތަކެއްގެ ބައިވެރިވުމާއި ޚިޔާލާއި، މަޝްވަރާގެ މަތިން ކުރާނެކަންކަން ރާވައި ހިންގުމާއި މިކަންކަމަށް ފައިސާ ހޯދަން ކުރަންޖެހޭ ކަންކަން ކުރުމަށް މިވަނީ ނޭޝަނަލް ޓާސްކްފޯހެއް އެކުލަވާލާފައި" ރައީސް ވިދާޅުވިއެވެ.
މިމަސައްކަތަކީ ސަރުކާރާއި، ސިވިލް ސޮސައިޓީއާއި މުއައްސަސާތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދެވޭ ޤައުމީ މަސައްކަތަކަށްކަމަށް ރައީސް ވިދާޅުވިއެެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ހުޅުވާލާނީ ހުރިހާ ޤައުމުކަމަށްކަމަށާއި ޗާއިނާފަދަ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރްތްކުރާ ޤައުމުތަކުންވެސް ފަތުރުވެރިން ފޮނުވަން ނިންމާފައިވާކަމަށެވެ. އެހެން ނަމަވެސް އެކި ޤައުމުތަކުން މީހުން ފޮނުވުމާއި އަނބުރާ ޤައުމަށް ގެންދާއިރު ކަރަންޓީނުކުރުމުގައިވަކި އުސޫލުތަކެއް ކަނޑައަޅާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަމުގައި ވަކި ޤައުމަކުން ޚާއްސަ އުސޫލަކުން ކަންކަން އިންތިޒާމުކުރަން އެދިއްޖެނަމަ އެކަންކަން ކޮށްދޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެގޮތުން ވަކި މުއްދަތެއްނުވާ ޕީސީއާރު ޓެސްޓުގެ ނަތީޖާއެއް ޤައުމުތަކަށްދާ މީހުންގެ އަތުގައި އޮންނަންޖެހޭއިރު ޗައިނާގެ ފަތުރުވެރިން ރާއްޖެއިން ފުރާއިރު ޓެސްޓްހެދޭނެ އިންތިޒާމު ހަމަޖައްސާނެކަން ރާއްޖެއިން އެޤައުމަށް އަންގާފައިވާއިރު އެކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެކަން އެ ޤައުމުން އަންގާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޗައިނާ ސަރުކާރަށް ޔަގީންކަން ދީފިން އެއެދޭގޮތަށް ޗައިނާ ޓޫރިސްޓުން ފުރާއިރު ޓެސްޓްހެދޭނެ އިންތިޒާމު އަޅުގަނޑުމެން ހަމަޖައްސާނަން. އެއާއެކީގައި ޗައިނާ ސަރުކާރުން އޭގެ ޓެސްޓިން ސިސްޓަމެއް އެއަރޕޯޓުގައި އެބަތައްޔާރުކުރޭ. ދުވާލަކު 1000 ޓެސްޓް ހެދޭވަރުގެ. ޗައިނާއާއެކު އަޅުގަނޑުމެން ގެންދާނީ އެގޮތަށް" ރައީސް ވިދާޅުވިއެވެ.
ފަތުރުވެރިކަން ފަށައިގަތުމަށް ބޭނުންވާ އެސްއޯޕީތައް މިހާރު އެކުލަވާލާ ނިމިފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ކޯވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތަކުގައި ރަހުމަތްތެރި ޤައުމުތަކާއި އެހީދޭ ޖަމާއަތްތަކުންދޭ އެހީތަކަށް ރައީސްވަނީ ޝުކުރު އަދާކުރައްވާފައެވެ.