އިތުރު 16 މީހަކު ބަލިން ރަނގަޅުވެ ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 1829އަށް އިތުރުވެފައެވެ. މިހާރު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވާ މީހުންގެ އަދަދު ވަނީ 80 އިންސައްތައަށްވުރެ މަތިވެފައެވެ.
އެހެންކަމުން ރާއްޖޭގައި މި ބަލި ޖެހިގެން ފަރުވާ ދެމުން އަންނަ މީހުންނަށްވުރެ ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މިމަސް ފެށުނީއްސުރެ ކޯވިޑް-19އިން ބަލިން ރަނގަޅުވާ މީހުންގެ ޢަދަދު އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ރާއްޖެއިން ދަނީ ކޯވިޑް-19 ކޮންޓްރޯލްކޮށް ބަލި ޖެހޭ މީހުންގެ އަދަދު މަދު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިކަމުގައި އާންމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ކަމާގުޅުންހުރި ފަރާތްތަކުންދޭ އިރުޝާދުތަކަށް ތަބާވުން ވަރަށް މުހިންމެވެ.