ރޭ ބެންކޮކްގައި ދިން ބޮމުގެ ޙަމަލާގެ އަސަރު އެއްވެސް ދިވެއްސަކަށް ކޮށްފައިނުވާކަމަށް ދިވެހި ޚާރިޖިއްޔާއިން ހާމަކޮށްފިއެވެ.އެ ވުޒާރާއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ބެންކޮކްގައި ތިބި ދިވެހިންގެ ކަންތައްތައް ރާއްޖޭގެ އޮނަރަރީ ކޮންސުލްއިން ވަރަށް ގާތުން ބަލަމުންދާކަމަށެވެ.ބެންކޮކްގައި ދިން ޙަމަލާގައި މިހާތަނަށް އަށާރައަށްވުރެ ގިނަ މީހުން މަރުވެ ސަތޭކައަށްވުރެ ގިނަ މީހުން ޒަޚަމަވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިހަމާލާއާއި ގުޅިގެން ބެންކޮކްގެ ސްކޫލްތައްވެސް ވަނީ ބަންދުކޮށްފައެވެ.ތައިލެންޑްގެ ސަރުކާރުން ބުނެފައިވަނީ މިއީ ފަތުރުވެރިންނަށް އަމާޒުކޮށް ދީފައިވާ ޙަމަލާއެއްކަމަށާއި މިޙަމަލާގެ ފަހަތުގައިވަނީ އެޤައުމުގެ އިގްތިސާދު ހަލާކޮކޮށްލުން ކަމަށެވެ.މިޙަމަލާއާ ގުޅިގެން ތައިލެންޑްގެ ބޮޑުވަޒީރު ޕްރަޔުތް ޗާން އޮޗާ ވިދާޅުވެފައިވަނީ މިޙަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހަކު ސީސީޓީވީ ފުޓޭޖުން ފެނިފައިވާކަމަށާއި އެމީހާ ހޯދުމުގެ މަސަކަތް ކުރަމުންދާކަމަށެވެ. އަދި މިއީ އެޤައުމުގެ ތާރީޚުގައިވެސް ދިން މިފަދަ އެންމެ ނުރައްކާތެރި ޙަމަލާ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.