ޚަބަރު

އަނިޔާގެ މައްސަލަތައް މިދިޔަ މަހުން ފެށިގެން ވަނީ އިތުރުވެފައި: ޖެންޑަރ މިނިސްޓަރ


މިދިޔަ މަހުގެ ފަހުކޮޅުންފެށިގެން އަނިޔާގެ މައްސަލަތައް ހުށައެޅޭ އަދަދު އިތުރުވެފައިވާކަމަށް ޖެންޑަރ މިނިސްޓަރ ޢައިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ފެމިލީ ޖެންޑަރ އެންޑް ސޯޝަލް ސަރވިސް އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ލޮކްޑައުން ފެށުނުއިރު އަނިޔާގެ ކޭސްތައް މަދުކަން ފާހަގަ ކުރެވުނު ނަމަވެސް މިހާރު އަނިޔާ އާއި ގުޅުންހުރި ކޭސްތައް އިތުރުވެފައި ވާކަމަށެވެ. އެގޮތުން މޭމަހުގެ ފަހުކޮޅުން ފެށިގެން ޖޫންމަހުގެ މިހާތަނަށް ކޭސްތައް ރިޕޯޓުކުރާ މިންވަރު އިތުރުވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިގޮތުން ޖިސްމާނީ އަނިޔާގެ މައްސަލަތައް އިތުރުވެފައި ވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަނިޔާތަކުގެ މައްސަލަތަކަށް ބަލާއިރު މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން މޭއިމަހުގެ ނިޔަލަށް ކުޑަކުދިންނަށް ކުރި އަނިޔާގެ ތިންސަތޭކަ އަށްޑިހަ ހަތް މައްސަލަ ރިޕޯޓުކޮށްފައިވާއިރު މީގެތެރެއިން ދުއިސައްތަ އެކާވީސް މައްސަލައަކީ އަންހެންކުދިންނަށް އަނިޔާކޮށްގެން ހުށައަޅާފައިވާ މައްސަލަތައްކަމަށް ޖެންޑަރ މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަތޭކަ ފަސްދޮޅަސް ހަ މައްސަލައަކީ ފިރިހެންކުދިންނަށް އަނިޔާކުރުމުގެ އެކި މައްސަލަތައްކަމަށް ޖެންޑަރ މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ގެވެށިއަނިޔާގެ އެކި މައްސަލަތަކުގެ ތެރޭގައި ޖެނުއަރީ މަހުން ފެށިގެން މެއިމަހުގެ ނިޔަލަށް ސަތޭކަ ބާރަ މައްސަލަ ހުށައެޅިފައި ވާކަމަށާއި މީގެތެރެއިން އަށްޑިހަ ނުވަ މައްސަލައަކީ އަންހެނުންނަށް އަނިޔާކުރުމުގެ އެކި މައްސަލައަށްވާއިރު 9 މައްސަލައަކީ ފިރިހެނުންނަށް އަނިޔާކުރުމުގެ މައްސަލަތައްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އޭޕްރީލް މަހު މަދުކަމަށް ފެނުނުކަމަށް އަޅުގަނޑުވާނީ ކުރިން ދަންނަވާފަ. ރޯދަމަހުވެސް އެގޮތަށް އޮތްކަމަށް ފާހަގަކުރެވުނު. އެހެންނަމަވެސް އަޅުގަނޑު ދަންނަވާނީ މޭއިމަހުފަހުކޮޅު ޖޫންމަހު އަޅުގަނޑުމެނަށް ލިބުނު ކޭސްރައް އިތުރުވެއްޖެކަމަށް. ގިނަވި އަދަދުތަކުގެ ތެރޭގައި ބޮޑަށް ފާހަގަކުރެވުނީ ޑޮމެސްޓިކް ވައިލެންސް. ޑޮމެސްޓިކް ވައިލެންސްގެ ތެރެއިންވެސް ފިޒިކަލް ވައިލެންސް ބޮޑަށް ފާހަގަކުރެވިގެންދިޔައީ." މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ގެވެށިއަނިޔާގެ މައްސަލަތައް މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު އެވްރެޖްކޮށް ހުރީ އެއްވަރެއްގައި ކަމަށެވެ. ގެވެށިއަނިޔާގެ މައްސަލަތަކާއި އެކު ނަފްސާނީ ބަލީގެ މައްސަލަތަކާއި ގުޅިގެންވެސް މިނިސްޓްރީން ކުރެވުނު މަސައްކަތްތައް އިތުރުވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކޯވިޑް-19އިގެ ސަބަބުން ހާލުގައި ޖެހުނު ގިނަ ބަޔަކަށް ޖެންޑަރ މިނިސްޓްރީން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އިންކަމް ސަޕޯޓުގެ ގޮތުގައި ވަޒީފާ ގެއްލުނު މީހުންނާއި، ނޯޕޭލީވްގައި ތިބި މީހުންނާއި، މުސާރަޔާއި އިނާޔާތް ކުޑަކުރި މީހުންނަށް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެއިތުރުން ކުލިނުދެއްކިގެން ގެއިން ނުކުންނަންޖެހުނު މީހުނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.