ޚަބަރު

ސާފް ޗެމްޕިއަންޝިޕް ފަސްކޮށްފި


ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެއްސި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކޮށްފިއެވެ.

މި ގޮތަށް ނިންމީ އިއްޔެ ބޭއްވި ސާކް ގައުމުތަކުގެ ޖެނެރަލް ސެކްރެޓަރީންގެ ބައްދަލުވުމުގައެވެ. ނަމަވެސް ރާއްޖެއިން މިހާތަނަށް މިކަމާމެދު އެއްވެސް އެއްޗެއް ނުބުނެއެވެ.
މުބާރާތް އަންނަ އަހަރަށް ފަސްކުރީ މި އަހަރުގެ މުބާރާތް ބާއްވާ ޤައުމު ބަންގްލަދޭޝްގައި ކޯވިޑް-19 ފެތުރެމުންދާތީވެ މުބާރާތް ސެޕްޓެމްބަރުގައި ބާއްވަން އެ ޤައުމުން ދެކޮޅު ހެދުމުންނެވެ. އަދި މި އަހަރު ފަހުކޮޅު ވަރލްޑް ކަޕް ކޮލިފައިން މެޗުތައް ކުޅެން ފީފާއިން ޝެޑިއުލްކޮށްފައިވުމުން ސާފް ޗެމްޕިއަންޝިޕް ކުޅެން ވަގުތު ނެތް ކަމަށް ގިނަ ޤައުމުތަކުން ވަނީ ނިންމާފައެވެ.

މުބާރާތް އަންނަ އަހަރު ބާއްވާނެ ތާރީހެއް ސާކްގެ ފުޓްބޯޅަ ޖަމިއްޔާ ސާފުން އަދި ނުނިންމަ އެވެ. އެ ޖަމާއަތުން ބުނީ މުބާރާތް ބާއްވާނެ ތާރީހު ނިންމާނީ މެމްބަރު ގައުމުތަކާއި މުބާރާތުގެ ސްޕޮންސަރުންނާ ވެސް މަޝްވަރާކުރުމަށްފަހު ކަމަށެވެ. އަންނަ އަހަރު މުބާރާތް ބާއްވާނަމަ މާޗުގެ ކުރިން ނުވަތަ ސެޕްޓެމްބަރުގެ ފަހުން ބާއްވަން ސަރަހައްދީ ފުޓްބޯޅައިގެ އެންމެ ނުފޫޒުގަދަ ޤައުމު އަދި ސާފް ޗެމްޕިއަންޝިޕުގެ އެންމެ ކާމިޔާބު ޤައުމު އިންޑިޔާއިން ވަނީ އެދިފައެވެ. ސަބަބަކީ މިއީ އެ ޤައުމުގެ ފުޓްބޯޅަ ލީގު ކުރިއަށްދާ ދުވަސްވަރު ކަމަށްވުމުންނެވެ.

މި މުބާރާތް އެންމެ ފަހުން ކާމިޔާބުކުރީ ދިވެހިރާއްޖެއެވެ.