ޚަބަރު

އަނެއްކާވެސް އޮޕަރޭޝަނެއް، އަނގައަށް ޕިން ނުލާ ފުއްޕާމޭ ހަލާކުވެދާނެ


ކުޑަ އަންހެން ކުއްޖެއްގެ ފުއްޕާމެއިން ބުރުގާ ޕިނެއް ނަގަން އޮޕަރޭޝަނެއް އައިޖީއެމްއެޗްގައި ކޮށްފިއެވެ. އެ ހޮސްޕިޓަލުން ބުނީ އިއްޔެ ކުރި މި އޮޕަރޭޝަންގައި ބުރުގާ ޕިނެއް ނަގާފައިވަނީ އުމުރުން އެންމެ 11 އަހަރުގެ އަންހެން ކުއްޖެއްގެ ފުއްފާމެއިންކަމަށެވެ. އަދި މި ކުއްޖާގެ ހާލު ރަނގަޅުކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

ބުރުގާ ޕިން އަނގައަށް ލައިގެން އުޅެނިކޮށް އެ ދިރިގެން ކުރަންޖެހޭ އޮޕަރޭޝަންގެ އަދަދު ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. މީގެކުރިންވެސް ބައެއް މީހުންނާއި ކުދިންގެ ނޭވާ ހޮޅިންނާއި ފުއްޕާމެއިން ޕިން ނަގާފައި އެބަހުއްޓެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރ މުހައްމަދު އަލީ ވިދާޅުވީ އަނެއްކާވެސް ބުރުގާ ޕިނެއް ފުއްޕާމޭގެ ތެރެއިން ނަގަން ޖެހުމަކީ ނުރައްކާތެރިކަމެއް ކަމަށެވެ. ޕިންކަހަލަ އެއްޗެތި އަނގަށް ނުލުމަށާއި ޕިން ދިރިގެން އެ ނެގުމަކީ އުދަނގޫ އަދި އޭގެ ސަބަބުން ފުއްޕާމޭ ހަލާކުވުން އެކަށީގެންވާ ނުރައްކާތެރިކަމެއްކަމަށްވެސް ޑރ މުހައްމަދު އަލީ ވިދާޅުވިއެވެ.

ޕިން ދިރިގެން އޮޕަރޭޝަން ކުރަންޖެހޭ އަދަދު އިތުރުވަމުން އަންނަ އިރު މި ފަދަ ކޭސްތައް ގިނައި ފެނިފައިވަނީ އުމުރުން 13 އަހަރާއި 30 އަހަރާއި ދެމެދުގެ އަންހެނުންގެ މެދުގައެވެ.