ޚަބަރު

ޖިންސީ އަނިޔާކުރިކަމުގެ ތުހުމަތުތަކާއެކު ޑާރކްރެއިންގެ މަސައްކަތްތަކުން ޖުމައްޔިލް ވަކިކޮށްފި


ޖިންސީ އަނިޔާގެ ތުހުމަތު ކުރެވުމާ ގުޅިގެން ފިލްމީ ތަރި ޖުމައްޔިލް ނިމާލްއާއެކު ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުން އޭނާ ވަކިކޮށްފައިވާކަމަށް ޑާރކްރެއިން އެންޓަރޓެއިންމަންޓުން ބުނެފިއެވެ.

އާންމުންގެ މަގުބޫލުކަން ހޯދާފައިވާ ތަފާތު ފިލްމުތަކެއް އުފައްދާފައިވާ މަޝްހޫރު ޕްރޮޑަކްޝަން ހައުސް، ޑާރކްރެއިން އެންޓަޓެއިންމަންޓުން ބުނީ އެކުންފުނީގެ ގިނަ ފިލްމުތަކަކުން ފެނިގެންގޮސްފައިވާ ޖުމައްޔިލް ނިމާލް އާ ގުޅިގެން ކޮށްފައިވާ ކަންބޮޑުވާންޖެހޭ ތުހުތަމަތުތައް އެ ކުންފުންޏަށްވެސް އެނގިފައިވަނީ، އެ ތުހުމަތުތައް ސޯޝަލް މީޑިއާގައި އާންމުވީ ހިސާބުންކަމަށެވެ.

ޖުމައްޔިލްއާއެކު އެންމެ ފަހުން ތައްޔާރުކުރި ފިލްމުގެ ހުރިހާ މަސައްކަތެއް އޭރު ނިމި، މިއަހަރު ޖުލައިގައި އަޅުވަން ކުރިން ތައްޔާރުވެފައިވާއިރު، މިފަދަ އަމަލެއްގެ ތުހުމަތު ކުރެވުނު ހިސާބުން ޖުމައްޔިލާއެކު، ކުރުމަށް މިހާރު ހަމަޖެހިފައިވާ ހުރިހާ މަސައްކަތްތަކުން އޭނާ ވަކިކޮށްފައިވާކަމަށެވެ.

ޖިންސީ އަނިޔާއާއި، ރޭޕް ގެ އެއްވެސް އަމަލެއްވެސް އަދި އެކަމަށް ހިތްވަރުދޭ އެއްވެސް ވިސްނުމެއް ޑާރކްރެއިން އެންޓަޓެއިންމަންޓުން އެއްވެސް އިރެއްގައި ގަބޫލުނުކުރާނެކަމަށްވެސް އެކުންފުނިންވަނީ ބުނެފައެވެ. އަދި މިފަދަ އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހުންނާއެކު އެ ކުންފުނިން އަބަދުވެސް ތިބޭނެކަމަށް ވަނީ ބުނެފައެވެ.

ޖުމައްޔިލްގެ ދެބެންގެދެދަރި އަންހެން ކޮއްކޮއެއްކަމަށްބުނާ އަންހެންކުއްޖަކުވަނީ އޭނާގެ އުމުރުން 17 އަހަރުގައި ފިލްމީ ތަރި ޖުމައްޔިލްގެ ޖިންސީ ޝިކާރައަކަށްވި ކަމަށް ބުނެ އޭނާއަށް ޖުމައްޔިލްގެ ފަރާތުން ކުރިމަތިވި ޖިންސީ އަނިޔާގެ ވާހަކަ ޓުވިޓަރގައި ހިއްސާކޮށް، އިންސާފު ހޯދުމަށް ހިތްވަރާއެކު މަސައްކަތްކުރާނެކަމަށް ބުނެފައެވެ.

2016 ވަނަ އަހަރު ފަހުކޮޅު ހިނގި މިކަމުގެ ދައުވާގެ ކަންކަން އޮތީ ކިހިނެތްތޯއާއި މިކަމުގައި ޕީޖީ އޮފީހަށް ކުރެވިދާނެ ކަންކަން ބައްލަވައިދެއްވާނެކަމަށް ޕީޖީ ޝަމީމް ވިދާޅުވެފައިވާއިރު، ޕީޖީ އޮފީހުން ވަނީ ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރި ކަމަށްބުނެ ފިލްމީ ތަރި ޖުމައްޔިލް ނިމާލްގެ މައްޗަށް ތުހުމަތުކޮށް ޕީޖީ އޮފީހަށް ފުލުހުން ފޮނުވާފައިވާ މައްސަލަ ހެކި ނެތުމުން ދައުވާ ނުކުރަން އެއޮފީހުން އޭރު ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެމައްސަލަ ރިވިއުކުރުމަށް ނިންމައި އެމަސައްކަތް މިހާރު ކުރަމުންދާކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

އޭރު ޖުމައްޔިލްގެ މައްޗަށް ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލައާއި އޮރިޔާން ކާޑު ގެންގުޅުނު މައްސަލާގައި ދައުވާކުރަން ފުލުހުން ފޮނުވާފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.