ބޭނުން ކޮންމެ އިރަކު ބާސެލޯނާއަށް ދާން ފުރުސަތު ލިބޭ ގޮތަށް ގަތަރުގެ އަލްސާދުގެ ކޯޗު ޒަވީގެ ކޮންޓްރެކްޓް އައު ކޮށްފިއެވެ.
ކުރިއަށް އޮތް ސީޒަނަށް އަލްސާދަށް ކޯޗުކޮށްދޭން އޭނާ އެއްބަސްވިއިރު ބާސެލޯނާއަށް ކޯޗުކޮށްދިނުމަކީ މިހާރު އެންމެ ބޮޑު އަމާޒު ކަމަށް ޒަވީ ބުނެފައިވަނީ މީގެ ހަފުތާއެއް ކުރިންނެވެ.
ޒަވީގެ ކޮންޓްރެކްޓް އައު ކުރިއިރު ބޭނުން ކޮންމެ ވަގުތެއްގައި އޭނާގެ ކުރީގެ ކުލަބަށް ދިއުމުގެ ހުއްދަ ލިބޭ މާއްދާއެއް ހިމެނީ އަންނަ ސީޒަނުގައި ބާސެލޯނާގެ އޮފާއެއް ލިބުން ގާތް ކަމުގައިވާތީ ކަމަށް އަލްސާދުން ވަނީ ބުނެފައެވެ. ބާސެލޯނާގެ ކޯޗުކަމަށް އެ ޓީމުގެ ކުރީގެ ކެޕްޓަން ޒަވީ ގެންދިއުމަކީ އެކުލަބުން ވެސް ބޭނުންވާ ކަމެކެވެ. މި ގޮތުން ބާސެލޯނާއިން މި ސީޒަނުގައިދިން ފުރުސަތު އޭނާ ދޫކޮށްލީ ސީޒަނުގެ މެދުތެރެއިން ޓީމާ ހަވާލުވުމުގެ ބަދަލުގައި އާސީޒަނަކާއެކު ޓީމާ ހަވާލުވާން ބޭނުންވެގެންނެވެ.
ޒަވީ ހަވާލުނުވުމުން ބާސެލޯނާގެ ކޯޗުކަން ދީފައިވަނީ ރެއާލް ބެޓިސްގެ ކުރީގެ ކޯޗު ކީކޭ ސެޓިއެންއަށެވެ. ނަމަވެސް ނަތީޖާ ގޯސްވުމާއި ބައެއް ސީނިއާ ކުޅުންތެރިންނާ ގުޅުން ގޯސްވުމުގެ ސަބަބުން އަންނަ ސީޒަނުގައި އޭނާގެ ބަދަލުގައި ބާސެލޯނާއިން އާ ކޯޗަކު ހޯދާނެ ކަމަށް ވަނީ ބެލެވިފައެވެ.