ކުޅިވަރު

ސިޓީ އާއި ދެކޮޅަށް ކުޅެން ރެއާލް އިނގިރޭސިވިލާތަށް ދިއުމާމެދު ޔޫއޭފާއިން ގޮތެއް ނިންމަނީ


ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފަހު ލެގު ކުޅެން ސްޕޭނުގެ ރެއާލް މެޑްރިޑް އިނގިރޭސިވިލާތަށް ދިއުމާމެދު ގޮތެއް ނިންމަން ޔޫއޭފާ ތައްޔާރުވެއްޖެއެވެ.

ޔޫރަޕުގެ މައި ފުޓްބޯޅަ އިދާރާއިން މިކަމާމެދު ގޮތެއް ނިންމާނީ އަންނަ ހުކުރު ދުވަހު ބާއްވާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް މެޗުތަކުގެ ގުރުނެގުމުގެ ކުރިންނެވެ. މި މެޗު ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ކުޅުމާމެދު މިހާތަނަށް ގޮތެއް ނުނިންމައި އޮތީ އިނގިރޭސިވިލާތުގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާތީއެވެ. ނަމަވެސް އިނގިރޭސި ޕްރެމިއާ ލީގާއި ޗެމްޕިއަންޝިޕުގެ ކުޅުންތެރިންނާއި އޮފިޝަލުން އިއްޔެ ކޯވިޑަށް ނެގެޓިވްވެފައިވާތީވެ ސިޓީން އަންނަނީ މެޗު އެޓީމުގެ ދަނޑުގައި ކުޅުމަށް ބާރު އަޅަމުންނެވެ.

މީގެ އިތުރުން ބާސެލޯނާ އާއި ބަޔާން މިއުނިކް ފަދަ ޓީމުތަކުންވެސް ދަނީ ދެވަނަ ބުރުގެ ފަހުލެގު އަމިއްލަ ދަނޑުގައި ކުޅުމަށް ހުއްދަދިނުމަށް ޔޫއޭފާއަށް ޕްރެޝަރު ކުރަމުންނެވެ. ނަމަވެސް ކުއާޓާ ފައިނަލުން ފެށިގެން މުބާރާތް ކުރިއަށްދާނީ ހޯމް އެންޑް އަވޭ އުސޫލުގެ ބަދަލުގައި ޕޯޗުގަލްގައި ކަމަށް ޔޫއޭފާއިން ވަނީ ނިންމާފަ އެވެ. މިއީ ކޮވިޑް19އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.