ރާއްޖެއަކީ ރުބެއްލާ ނައްތާލެވިފައިވާ ޤައުމެއްކަމަށް ޑަބުލިޔުއެޗްއޯއިން ކަނޑައެޅުމުން ދޭހަ ކޮށްދެނީ ރާއްޖޭގައި ޢާއްމު ސިއްޙަތަށް ދޭ އަހަންމިއްޔަތުކަންކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ.ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.
ޑރ.ނަޒްލާ މިހެން ވިދާޅުވެފައި ވާއިރު ރާއްޖެއިން ރުބެއްލާ އެއްކޮށް ނައްތާލުމަށް އަމާޒު ހިފާފައިވަނީ 2023ގެ ކުރިންނެވެ.
މަދިރީގެ ސަބަބުން ޖެހޭ މިބަލި ނައްތާލުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ޤައުމީ ވެކްސިން ތާވަލުގައި ހިމަނައި ރަސްމީކޮށް އެމްއެމްއާރް ވެކްސިން ދޭންފަށާފައި ވަނީ 2007 ވަނަ އަހަރުގައެވެ.
ރާއްޖެއިން ބަލި އެއްކޮށް ނައްތާލުމަށް އަމާޒުހިފާފައި ވަނީ 2023 ވަނަ އަހަރުގެ ކުރިންނެވެ. އެހެންމަވެސް އޭގެ ކުރިން މިލަނޑުދަނޑިއަށް ރާއްޖެއިން ވާޞިލުވެފައިވުމުން ދޭހަކޮށް ދެނީ މިފަދަ ނުރައްކާތެރި ބަލިތަކާއި ޢާއްމު ސިއްޙަތަށް ރާއްޖެއިން ދޭ އަހަންމިއްޔަތު ކަންކަމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ.ނަޒްލާ ރަފީޤު ވަނީ ފާހަގަކުރައްވާފައެވެ.
މިކަން ފާހަގަކުރައްވައި ޑރ.ނަޒްލާ ކުރެއްވި ޓުވީޓެއްގައި ވެކްސިންގެ މުހިއްމުކަން ފާހަގަކުރައްވާ ވިދާޅުވީ މިހާރު ޙާސިލުކުރެވުނު މިލަނޑުދަނޑި މިގޮތުގައި ދެމެހެއްޓުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރަންޖެހޭކަމަށެވެ.
މިފަދަ ބަލިތަކާއި ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކޮށް މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުން ރާއްޖެ ސަލާމަތްކުރުމަށް އެޗްޕީއޭއިން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ރުބެއްލާގެ ސަބަބުން އެބަލި ހުންނަ މައިންނަށް ލިބޭ ކުދިން އުފަންވާއިރު ނުކުޅެދުންތެރިކަމާއި އައިބުތައް ހުންނަކުދިންނަށް ވުމުގެ ފުރުސަތު ބޮޑުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ރުބެއްލާއާ ދެކޮޅަށް ދުނިޔޭގެ ގިނަ ޤައުމުތަކަކުން ޑަބްލިއުއެޗްއޯއާއެކު މަސައްކަތްކުރަމުން އަންނައިރު މިހާތަނަށް 80އަށްވުރެ ގިނަ ޤައުމުން މިބަލި އެއްކޮށް ނައްތާލާފައިވާކަމަށް ޑަބްލިއުއެޗްއޯއިން ހާމަކުރައްވައެވެ.
މީގެތެރޭގައި ކުޑަ ޢާމްދަނީ ލިބޭ ޤައުމުތަކުގެތެރޭގައި މިބައްޔާ ދެކޮޅަށް ކުރާ މަސައްކަތުން ބޮޑެތި ކާމިޔާބީތައް ޤައުމުތަކުން ހޯދަމުން އަންނަކަމަށް އެޖަމިއްޔާއިން ވިދާޅުވެއެވެ. ރާއްޖޭގައި ރުބެއްލާ ނައްތާލެވިފައިވާ ބައްޔެއްގެ ގޮތުގައި މިއަދު ކަނޑައަޅާފައިވާއިރު 2018 ވަނަ އަހަރު މިބަލި ކޮންޓްރޯލްކޮށްފައިވާކަމަށް ނިންމާ މިދިޔަ އަހަރުވަނީ އެކަމުގެ އެވޯޑުވެސް ރާއްޖެއަށް އަރުވާފައެވެ.
ރުބެއްލާ ނުވަތަ ޖަރމަން މީސްލްސް ސަބަބުން ހުން އައިސް ކުދި ބިހިތަކެއް ގައިގައި ނަގައެވެ. އާދައިގެ ހުމެއް ނަމަވެސް މިބަލީގެ ނުރައްކާ ބޮޑުވަނީ މާބަނޑު އަންހެނުންނަށް ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އެގޮތުން މާބަނޑު އިރު މިބަލިޖެހޭ 90 އިންސައްތަ އަންހެނުންގެ ބަނޑުގައިވާ ދަރިފުޅަށް ބަލީގެ އަސަރުކުރާކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ހާމަކުރައްވައެވެ. އެގޮތުން ދަރިފުޅު ބައިގެން ދިޔުމާއި ދަރިފުޅު ބަނޑަށް މަރުވުމާއި، އައިބުތައް ހުރުމާއި އެހެނިހެން ސިއްޙީ މައްސަލަތަކާއެކު އުފަންވުމުގެ ފުރުސަތު ބޮޑުކަން އެޖަމިއްޔާއިން ފާހަގަކުރައްވައެވެ.
ރާއްޖެއިން އަންނަނީ ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލިތައް ކޮންޓްރޯލްކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި ގުޅިގެން މަސައްކަތްކުރަމުންނެވެ. އެގޮތުން ނުރައްކާތެރި ބަލިތައް ކަމުގައިވާ ޕޯލިއޯއާއި ލެޕްރަސީ އާއި ފައިލޭރިއާ އަދި މީސްލްސް ފަދަ ބަލިތައް ވަނީ ރާއްޖެއިން ނައްތާލެވިފައެވެ.
"ލިމްފެޓިކް ފިލޭރިއޭސިސް" ނުވަތަ ފައިލޭރިއާއަކީވެސް ރާއްޖެއިން ކުރިން ފެންނަމުން އައި އެކަމަކު މިހާރު ރާއްޖެއިން މުޅިން ނައްތާލެވިފައިވާ ބައްޔެކެވެ.
މި ބަލި ޖެހުމުން ހަށިގަނޑުގެ ގުނަވަންތަކުގެ ސިފަތަކަށް ބަދަލުއާދެއެވެ. އައިބުވާ މިންވަރަށް ސިފަ ބަދަލުވާއިރު، ގިނައިން މި އައިބުކަން ފެންނަނީ ފައިންނެވެ. ރާއްޖޭގައި ފައިލޭރިއާ ކޮންޓްރޯލް ކުރުމަށް ގައުމީ ފެންވަރުގައި 1968 ވަނަ އަހަރު ފެއްޓެވި މަސައްކަތުން ރާއްޖެއިން ފައިލޭރިއާ މުޅިން ނައްތާލެވުނީ، 2007 ވަނަ އަހަރުގައެވެ.
މީގެއިތުރުންވެސް މީސްލްސް ނުވަތަ ހިމަބިހި ރާއްޖޭގައި ނައްތާލެވިފައިވާ ބައްޔެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައި ވަނީ 2017 ވަނަ އަހަރުގައެވެ. 2020 ވަނަ އަހަރު ދެކުނު އޭޝިއާ ސަރަޙައްދުން މިބަލި އެއްކޮށް ނައްތާލެވިފައިވާ ފުރަތަމަ 2 ޤައުމުގެ ތެރޭގައި ރާއްޖެ ވަނީ ހިމެނިފައެވެ.
އެހެންނަމަވެސް މިބަލި 2019 ވަނަ އަހަރުގެތެރޭގައި ރާއްޖެއިން އަލުން ފެނުމާއި ގުޅިގެން ސަރުކާރުން އެކަމަށް އެކަށައަޅާފައިވާ އުސޫލުގެ ދަށުން އަންނަނީ ވެކްސިން ދިނުމުގެ ޚާއްސަ ކެމްޕެއިންތައް ކުރިއަށް ގެންދަމުންނެވެ.