ޚަބަރު

85 އަހަރަށްފަހު ހާޔާ ސޯފިޔާ މިސްކިތެއްގެ ގޮތުގައި ހުޅުވާލައިފި


ތުރުކީގެ އެންމެ ފާހަގަކޮށްލެވޭ ބިނާކަމުގައިވާ ހާޔާ ސޯފިޔާ މިސްކިތެއްގައި ގޮތުގައި ހުޅުވާލުމަށް ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ނިންމަވައިފިއެވެ.

1500 އަހަރުވެފައިވާ ހާޔާ ސޯފިޔާ މިސްކިތެއްގެ ގޮތުގައި ހުޅުވާލުމަށް ތުރުކީގެ ރައީސް ނިންމަވާފައި މިވަނީ، ދާރުލްއާސަރަކަށް އެބިނާ ބަދަލުކުރުމަށް 1935 ވަނަ އަހަރު ތުރުކީގެ ސަރުކާރުން ނިންމި ނިންމުން އެޤައުމުގެ އެންމެ މަތީ ކޯޓުން ބާތިލްކުރުމާ ގުޅިގެނެވެ.

ކޯޓުގެ ނިންމުން ހާމަކުރިތާ ގަޑިއިރެއްގެ ތެރޭގައި އުރްދުޣާން ވަނީ ހާޔާ ސޯފިޔާ މިސްކިތެއްގެ ގޮތުގައި ހުޅުވާލުމަށް ނިންމިކަން އިޢުލާންކޮށްފައެވެ. މިއީ މީގެ ވިއްސަކަށް އަހަރުކުރިން ތުރުކީގެ ވެރިކަމަށް ވަޑައިގަތީއްސުރެ އުރުދުޣާން ކުރަން ބޭނުންފުޅުވި އެންމެ ބޮޑު އެއް މަސައްކަތެވެ.

މީލާދީން 360 ވަނަ އަހަރު ބިނާކުރަން ފެށި، އަދި މީލާދީން 537 ވަނަ އަހަރު މަސައްކަތް ނިންމާލި ހާޔާ ސޯފިޔާއަކީ ޢިމާރާތްކުރުމުގެ ފަނުގައި ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ބިނާއެވެ. ކްރިސްޓިއަން ބައިޒެންޓައިންގެ ވެރިކަމުގައި ނަސާރާއިންގެ ފައްޅިއެއްގެ ގޮތުގައި ބޭނުންކުރި މިބިނާ، އެންމެ ފުރަތަމަ މިސްކިތެއްގެ ގޮތުގައި ބޭނުންކުރަން ފެށީ މީލާދީން 1453 ވަނަ އަހަރު އުސްމާނީ ޚިލާފަތުން ކޮންސްޓަންޓިނަޕޯލް ނުވަތަ މިހާރުގެ އިސްތަންބޫލް ފަތަހަކުރުމަށްފަހުއެވެ.

މީލާދީން 1453 ވަނަ އަހަރުން ފެށިގެން 1935 ވަނަ އަހަރާ ހަމައަށް މިސްކިތެއްގެ ގޮތުގައި ބޭނުންކުރުމަށްފަހު، ހާޔާ ސޯފިޔާ ދާރުލްއާސާރަކަށް ބަދަލުކުރުމަށް ނިންމީ، ތުރުކީގައި އޭރު ވެރިކަންކުރަމުންދިޔަ ދީނާ ދުރު، ސެކިއުލާ ވިސްނުމުގެ ރައީސް މުސްތަފާ ކަމާލް އަޓާޓުރްކްއެވެ.

85 އަހަރަށްފަހު އަނެއްކާވެސް ހާޔާ ސޯފިޔާ މިސްކިތަކަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ބިނާ ކައިރިއަށް އެއްވެ އުފާ ފާޅުކޮށްފައެވެ. ނަމަވެސް އެމެރިކާއާއި ހުޅަނގުގެ ބައެއް ޤައުމުތަކުންނާއި، ނަސާރާއިން ދަނީ ޔުނެސްކޯގެ ހެރިޓޭގް ސައިޓެއްގެ ގޮތުގައި އޮތް ހާޔާ ސޯފިޔާ މިސްކިތަކަށް ބަދަލުކުރުމުން އެކަމަށް ފާޑުކިޔާފައެވެ. ނަމަވެސް ތުރުކީގެ ރައީސް އުރުދުޣާން ވަނީ ހުޅަނގުން ކުރާ މަސައްކަތަކީ ތުރުކީގެ އިސްތިޤްލާލާ ބެހުންކަމަށް ބުނެ، ފާޑުކިޔުންތައް ބަލައިނުގަންނާނެކަމަށް ވިދާޅުވެފައެވެ.

ޑިމޮކްރަސީ

ސާބަހޭ ތިހެންތިބޭނި މުސްލިމްވެރިން???