ތެޔޮ ވިއްކައިގެން ލިބޭ ފައިސާއިން އަރަބި މަހުޖަނުން ފުޓްބޯޅަ ހަލާކުރަމުންދާ ކަމަށް ސްޕެނިޝް ލީގުން ބުނެފިއެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު އެއް ލިގުގެ ރައީސް ހާވިއާ ޓަބޭސް މިހެން ބުނީ އިނގިރޭސި ޕްރެމިއާ ލީގުގެ މެންޗެސްޓާ ސިޓީ އަށް ޔޫރަޕުގެ މުބާރާތްތަކުގައި ނުކުޅެވޭގޮތަށް ކޮށްފައިވާ ސަސްޕެންޝް ދުނިޔޭގެ ކުޅިވަރާބެހޭ އެންމެ މަތީ ކޯޓުން އިއްޔެ ބާތިލް ކުރުމުންނެވެ. ސިޓީ އަކީ އަބޫދާބީގެ މަހުޖަނަކު ހިންގާ ކުލަބެކެވެ.
ފީފާ ފައިނޭންޝަލް ފެއާޕްލޭއާ ޚިލާފުވީ ކަމަށްބުނެ ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާއިން ސިޓީ ސަސްޕެންޑްކުރީ މި އަހަރުގެ ކުރީކޮޅުގައެވެ. ނަމަވެސް ކޯޓް އޮފް އާބިޓްރޭޝަން (ކާސް)އިން މައްސަލަ ބެލުމަށްފަހު ނިންމީ ސިޓީގެ ސަސްޕެންޝަން އުވާލައި އެ ޓީމުގެ 30 މިލިއަން ޔޫރޯގެ ޖޫރިމަނާ 10 މިލިއަނަށް ކުޑަކުރުމަށެވެ. ނަމަވެސް ސިޓީން ޔޫއޭފާގެ ފައިސާ ހަރަދުކުރުމުގެ އުސޫލުތަކާ ހިލާފުވެފައިވާކަން ކާސްއިން ވެސް ބުނެފައިވެއެވެ.
މި މައްސަލާގައި ނުރުހުން ފާޅުކޮށް ޓަބޭސް ބުނީ ކާސް އަކީ ފުޓްބޯޅައިގެ ނިންމުންތައް ނިންމުމަށް އެންމެ ރަނގަޅު އޮގަނައިޒޭޝަން ކަމާމެދު އިތުރަށް ވިސްނަންޖެހޭ ކަމަށެވެ. އޭނާ އަދި ބުނީ ކާސްގެ މައި އިދާރާ ހުންނަ ސްވިޒަލޭންޑަކީ ދުނިޔޭގެ ވަރަށް ގިނަ އާބިޓްރޭޝަން އޮފީސް ހިންގާ ގައުމެއް ކަމަށާއި ނަމަވެސް އެފަދަ ތަންތަނާ އެއްފެންވަރެއްގައި ކާސް އޮތް ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
ޓަބޭސް ވަނީ ކާސް އިން ސިޓީގެ ސަސްޕެންޝަން އުވާލުމުގެ ފަހަތުގައި ކޮރަޕްޝަން ހިމެނޭކަމަށް ވެސް ނުސީދާކޮށް ތުހުމަތުކޮށްފައެވެ.
ސިޓީގެ ސަސްޕެންޝަން އުވޭނެ ކަމަށް އެ ކުލަބުގެ ވެރިން ކުރިން ވެސް ދިޔައީ ބުނަމުން. އަދި ކާސްއިން ކުރި ތަހުގީގުތަކަށް ސިޓީން އެންމެ ފުރިހަމައަށް އެއްބާރުލުން ވެސް ދީފައިނުވެއެވެ.
ޓަބޭސް ބުނީ އަރަބިން ފުޓްބޯޅަ އަށް ހޭދަކުރަނީ އިމެއް ނުބަލައި ކަމަށާއި މީގެ ސަބަބުން ފުޓްބޯޅައިގެ އަގު ދަށްވެ، ފުޓްބޯޅައިގެ ބޮޑެތި ބްރޭންޑްތަކަށް ލޮޅުން އަރަމުންދާ ކަމަށެވެ. އަދި މި ގޮތަށް މިކަންދާނަމަ އަރަބި މަހުޖަނަކު ނެތް ކޮންމެ ޓީމެއްގެ ކުރިމަގު ބަނަވެގެން ހިނގައިދާނެ ކަމަށްވެސް ޓަބޭސް ބުންޏެވެ.