ޚަބަރު

އަދީބުގެ މައްސަލަ ބާޠިލްކުރި ހުކުމަށް ޕީޖީގެ ބޮޑު ފާޑުކިޔުމެއް، ގާޒީ މައްސަލަ ޖޭއެސްސީއަށް


ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދަޢުވާ ކްރިމިނަލް ކޯޓުން ބާޠިލްކުރުމަށް ނިންމެވި ހުކުމަށް ޕްރޮސެކިއުޓާ ޖެނަރަލް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެޙުކުމުގައި ފާހަގަވި ކަންކަކަމަށް ބަލައި ޤާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)އަށް ހުށައަޅަން ނިންމަވައިފިއެވެ.

ޕީޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު، އަދީބުގެ މައްސަލަތައް ބާޠިލްކުރުމަށް ނިންމެވި ހުކުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޝަމީމް ވިދާޅުވީ ދަޢުވާތައް ބާޠިލްކުރައްވަން ގާޒީ ކުރެއްވި ހުކުމުގައި ދައުލަތުން ހުށަނާޅާ ލިޔުންތަކަކަށް ރިޢާޔަތް ކުރައްވާފައިވާއިރު އެއީ ކޮން ގޮތަކުން ޤާޒީއަށް ލިބިވަޑައިގެންނެވި މަޢުލޫމާތުތަކެއްކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އަދި އަދީބު ކޯޓުގައި ނުދައްކަވާ ވާހަކަތަކަށް ޙަވާލާދެއްވާފައި މައްސަލަ ނިންމެވިއިރު މިއީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ގައިދީންގެ ބޭސްފަރުވާގެ ކަންކަމަކީ ޕީޖީއާ ބެހޭކަމެއް ނޫންކަމަށް ކްރިމިނަލް ކޯޓުން ނިންމި ޙުކުމުގައިވާކަމަށާ، އެކަމަކީ އެއޮފީހާ ބެހޭ ކަމަކަށްނުވާއިރު ގައިދީންގެ ބޭސްފަރުވާގެ ކަންކަމުގެ މައުލޫމާތު ކޯޓުން ޕީޖީކުރެން ސާފުކުރަނީ ކީއްވެތޯ ޝަމީމް ވަނީ ސުވާލު އުފައްދަވާފައެވެ.

އަދީބު ބޭސްފަރުވާއަށް ފޮނުވާނީ ކުށަށް އިޢުތިރާފުވުމުން ކަމަށްބުނެ މަޖުބޫރުކޮށްފައިވާކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވި ނަމަވެސް ބޭސްފަރުވާއަށްފަހު އަދީބު ރާއްޖެ ވަޑައިގަތްފަހުން ތަހްގީގަށް ގިނަ ބަޔާންތަކެއް ދެއްވާފައިވާކަން ޝަމިމް ފާހަގަކުރެއްވިއެވެ.

"ޖުމްލަ ގޮތެއްގައި ކްރިމިނަލް ކޯޓުގެ މި ޤަޒިއްޔާ ނިންމާފައި އޮތްގޮތުން ހަމަ އެއްގޮތަކަށްވެސް ހަމައެއް ނުޖެހޭ. ޤާނޫނީ ގޮތަކުންވެސް ހަމައެއްނުޖެހޭ މައުޟޫޢީ ގޮތަކުންވެސް ހަމައެއްނުޖެހޭ، އަނެއްހެން އާދައިގެ އިންސާނަކު ވިސްނާ ވިސްނުމުން ވެސް ހަމައެއް ނުޖެހޭ. ނުލިބޭ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ބައިވަރު ވާހަކަ ލިޔުނީމަ ހަމައެއް ނުޖެހޭ." ޝަމީމް ވިދާޅުވިއެވެ.

ކުށަށް އިޢުތިރާފުވުމާއި ތަޙްޤީޤަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުން ބާޠިލްކަމަށް ކަނޑައެޅި ނަމަވެސް ދައުވާތައް އެއްކޮން ބާޠިލް ނުކުރެވޭނެ ކަމަށާއި ޤާޒީ ނިންމަވާފައިވާ ނިންމުމަކީ ޖިނާއީ އިޖްރާއަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފަށް ނިންމެވި ނިންމެވުމެއްކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ.