ރާއްޖޭގެ 5 ސަރަހައްދެއްގައި ކޯވިޑް-19އަށް ފަރުވާދިނުމަށް ސަރުކާރުން ޤާއިމްކޮށްފައިވާ މަރުކަޒުތަކުގެ ތެރެއިން ބ.އޭދަފުށްޓާއި ށ.ފުނަދޫގައި ހެދި މަރުކަޒުތައް ހުޅުވައި ޙިދުމްތަދޭން ފަށައިފިއެވެ.
ދުނިޔޭގައި ހަލުވިކާމާއެކު ކޯވިޑް-19 ފެތުރެން ފެށުމާއެކު ދިވެހި ސަރުކާރުން ވަނީ އެބަލިން ރައްކާތެރިވުމަށް ހަރުދަނާ ފިޔަޅުތަކެއް އަޅުއްވަން ފަށްޓަވާފައެވެ. އެގޮތުން ދިވެހި ރާއްޖޭގައި ދިރިއުޅޭ އެންމެންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން އެޅުއްވި ފިޔަވަޅުތަކުގެތެރެއިން އެންމެ މުހިންމު އެއް ފިޔަވަޅަކީ ރާއްޖޭގެ 5 ސަރަހައްދެއްގައި ކޯވިޑް-19އަށް ފަރުވާދިނުމަށް ޚާއްސަ މަރުކަޒުތަކެއް ޤާއިމްކުރުމެވެ.
ރާއްޖޭގެ 5 ސަރަހައްދެއްގެ ތެރެއިން ށ.ފުނަދުއާއި ބ.އޭދަފުށީގައި ޤާއިމްކުރި ކޯވިޑް-19އަށް ފަރުވާދޭ މަރުކަޒުތައް ހުޅުވައި ރައްޔިތުންނަށް ޚިދުމަތްދޭން މިވަނީ ފަށާފައެވެ. މި ދެމަރުކަޒު ހުޅުވުމަށް އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ބ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރާއި ށ.ފުނަދޫ ހޮސްޕިޓަލްގެ މެނޭޖަ ވިދާޅުވީ މުވައްޒަފުން މިކަމަށް ތަމްރީންވެ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ތައްޔާރަށް ތިބިކަމަށެވެ.
ކޯވިޑް-19އަށް ފަރުވާދިނުމަށް ހެދި މި ސެންޓަރުތަކުން 24 ގަޑިއިރު ޚިދުމަތް ލިބޭނެއެވެ. އަދި ޒޯން އޭ ގައި ޤާއިމްކޮށްފައިވާ މަރުކަޒުގައި 20 އައިސީޔޫ ބެޑާ 30 އައިސޮލޭޝަން ބެޑްވަނީ ހަދާފައެވެ.
ބ.އޭދަފުށިގައި ޤާއިމް ކޮށްފައިވާ ކޯވިޑް-19އަށް ފަރުވާ ދޭ މަރުކަޒުގައި އެއްފަހަރާ ޖުމްލަ 20 މީހުންނަށް ފަރުވާ ދެވޭނެއެވެ. މި ސެންޓަރުގައި 3 ވެންޓިލޭޓަރ އެނދައި 5 އައިސީޔޫ އެނދާއި 37 އައިސޮލޭޝަން ބެޑްވަނީ ބަހައްޓާފައެެވެ. މިސެންޓަރ ހުޅުވުމާއެކު ބ.އަތޮޅު އޭދަފުށިން މިވަނީ ކޯވިޑް-19އަށް ޓެސްޓް ކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސާފައެވެ.
ށ.ފުނަދުއާއި ބ.އޭދަފުށީގައި ޤާއިމްކުރި ކޯވިޑް-19އަށް ފަރުވާދޭ މަރުކަޒުތައް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމެވެ.