މި ސީޒަނުގައި ސްޕެނިޝް ލީގު ބާސެލޯނާއަށް ދިފާއު ނުކުރެވުމުން ދެރަވާ ކަމަށާއި އެކަމުގެ ޒިންމާ ކުލަބުގެ އެންމެން ނަގަންޖެހޭނެ ކަމަށް ކެޕްޓަން ލަޔޮނަލް މެސީ ބުނެފިއެވެ.
އޭނާ ބުނީ ބާސެލޯނާއަށް ވަރަށް ފަސޭހަ މެޗުތަކުން ގިނަ ޕޮއިންޓްތަކެއް ގެއްލުނު ކަމަށެވެ. މެސީބުނީ ބާސާއަށް ލީގު ދިފާއުނުކުރެވުނީ ހީ ނުކުރާގޮތަކަށް ގިނަ ޕޮއިންޓްތަކެއް ގެއްލިގެން ކަމަށާއި، އުންމީދު ނުކުރާ ކިތަންމެ ކަމެއް މިސީޒަންގައި ކުރިމަތިވިކަމަށެވެ. އަދި މިކަމުގައި ހުރިހާ އެންމެންވެސް ޒިންމާވާން ޖެހޭކަމާއި، ވަކި މީހަކު އިސްތިސްނާ ނުވާނެ ކަމަށް މެސީބުންޏެވެ.
އޭނާ ބުނީ ކުރިއަށް އޮތް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވޭ ވަރުގެ ޓީމެއް ބާސެލޯނާގައި އެބައޮތް ކަމަށާއި ނަމަވެސް ތަށި ލިބޭނީ ކުޅުންތެރިންނާއި މެނޭޖްމަންޓް ގުޅިގެން ކުރާ މަސައްކަތުން ކަމަށެވެ.
މެސީ ބުނީ ބާސެލޯނާގެ ޓީމުގައި ރަނގަޅު ކުރަންޖެހޭ ގިނަކަންކަން އެބަހުރި ކަމަށާއި ނަމަވެސް އެވާހަކަ މީޑިޔާގައި ދައްކަން އޭނާ ބޭނުންނުވާ ކަމަށާއި ބޭނުންވަނީ ގުޅިގެން ކަންކަން ހައްލުކުރަން ކަމަށެވެ.