ކުޅިވަރު

16 އަހަރު ފަހުން ޕްރެމިއާ ލީގަށް ލީޑްސް ޔުނައިޓެޑް ކޮލިފައިވެއްޖެ


16 އަހަރު ފަހުން ޕްރެމިއާ ލީގަށް ލީޑްސް ޔުނައިޓެޑް ކޮލިފައިވެއްޖެއެވެ.

އިނގިރޭސި ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރެއްގެ ގޮތުގައި ދުވަސްކޮޅަކު ފެނުނު ޓީމު ކޮލިފައިވީ ޗެމްޕިއަންޝިޕުގައި ރޭ ހަޑްސްފީލްޑް އަތުން ވެސްޓްބްރޮމް ރޭ 2-1އިން ބަލިވުމުންނެވެ.

މިވަގުތު ޗެމްޕިއަންޝިޕުގެ ކުރީގައި އޮތީ ވެސް ލީޑްސްއެވެ. އެ ޓީމަށް 87 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނާގައިވާ ވެސްޓްބްރޮމް އަށް ލިބިފައިވަނީ 82 ޕޮއިންޓެވެ.

ލީޑްސްގެ ކޯޗު އާޖެންޓީނާގެ މާސެލޯ ބިއެލްސާ ބުނީ އޭނާގެ ދެ ވަނަ ސީޒަނުގައި ޓީމަށް ލިބިފައިމިވަނީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
އޭނާގެ ގެ ކައިރިއަށް އެއްވި ސަޕޯޓަރުންނާ ބައްދަލުކުރުމަށްފަހު ބިއެލްސާ ބުނީ މިދިޔަ ސީޒަނުގެ ތިން ވަނަ ލިބުނު ޓީމު މި ސީޒަނުގައި ޗެމްޕިއަންކަން ހޯދާނެ ކަމަށް އެކަކު ވެސް ހީނުކުރާ ކަމަށާއި ޕްރެމިއާ ލީގަށް ކޮލިފައިވުމަކީ ޓީމަށް ކުރިމަތިވި އިތުރު ޒިންމާއެއް ކަމަށެވެ.

އަދި ލީޑްސްގެ ތާރީހުގައި ކުޅުންތެރިން ބޮޑުއަގުގައި ގަނެގެން ލިބުނު ފިލާވަޅުން މިފަހަރު އިބުރަތް ހާސިލްކޮށް ފުރަތަމް ބަލަންވީ ޕްރެމިއާ ލީގުގައި ހިފަހައްޓަން ކަމަށެވެ.

ލީޑްސް ކޮލިފައިވުމުން އެ ޓީމުގެ ކުރީގެ ތަރި އަދި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ރިއޯ ފާޑިނަންޑް ވެސް ވަނީ މަރުހަބާކިޔާފައެވެ.