ޚަބަރު

ކައުންސިލްތަކުގެ މުވައްޒަފުންގެ ގިނަ ކަންކަން ރަނގަޅުކުރަންޖެހޭ: ދިރާސާ


ރާއްޖޭގެ ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުންގެ ހުނަރުތަކަށް ބަލާއިރު އެންމެ ބޮޑަށް ރަނގަޅުކުރަންޖެހޭ ހުނަރަކީ ވިޔަފާރި އާއި ފަތުރުވެރިކަމާއި ގުޅޭ ހުނަރުތަކާއި ޕްރޮޖެކްޓް މެނޭޖްކުރުމާއި ގުޅޭ ހުނަރުތައްކަމަށް އެލްޖީއޭ އާއި ހަޔަރ އެޑިޔުކޭޝަނުން ކުރި ދިރާސާއަކުން ދައްކައިފިއެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީއާއި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ގުޅިގެން ކުރިއަށްގެންދިޔަ މިދިރާސާއަކީ ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރާއި ފަންނުވެރިކަން ހުރި މިންވަރު ދެނެގަތުމަށާއި އިތުރަށް ތަމްރީނު ބޭނުންވާ ދާއިރާތައް ދެނެގަތުމަށް ކުރިއަށްގެންދިޔަ ދިރާސާއެއްކަމަށް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވެއެވެ.

ލޯކަލް ކައުންސިލްތަކަށް ޚާއްސަކޮށްގެން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ކުރިއަށްގެންދިޔަ މިދިރާސާއިން ދައްކާގޮތުގައި ކައުންސިލްތަކުގައި ތިބި މުވައްޒަފުންނަށް މިހާރު އެންމެ ބޮޑަށް ބޭނުންވާ ހުނަރަކީ ވިޔަފާރިތައް ކުރިއެރުވުމަށާއި ފަތުރުވެރިކަމާއި އެނޫންވެސް ކަންކަމާއި ގުޅިގެން ހިނގާ ޕްރޮޖެކްޓްތައް މެނޭޖްކުރުމުގެ ހުނަރެވެ.

ހަމައެއާއެކު އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އައިސީޓީ ދާއިރާ އާއި ޕަބްލިކް ވޯކްސް އާއި ގުޅުންހުރި ތަމްރީނުތަކެވެ. މީގެ އިތުރުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ތިމާވެއްޓާ ގުޅޭ ދާއިރާތަކުންވެސް ކޮންމެހެން ތަމްރީނު ބޭނުންވާކަމަށް މިދިރާސާއިން ވަނީ ދައްކާފައެވެ. އެގޮތުން ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެތެރެއިން މިދާއިރާތަކުގެ ހުނަރު ހުރި މުވައްޒަފުންގެ ނިސްބަތް 20 އިންސައްތައަށްވުރެ ދަށެވެ.

އެލްޖީއޭއާއި ހަޔަރ އެޑިއުކޭޝަނުން ކުރިއަށްގެންދިޔަ މި ދިރާސާއިން ދައްކާގޮތުގައި ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކިބައިގައި މިވަގުތު އެންމެ އެކަށޭނެ މިންވަރަކަށް ހުރިކަމަށް ފާހަގަކުރެވިފައިވާ ހުނަރަކީ މުއާމަލާތްކުރުމުގެ ހުނަރެވެ. މީގެ އިތުރުން އޮފީސް މާޙާއުލަށް ބޭނުންވާ އެހެނިހެން ބައެއް ހުނަރުތައްވެސް 50 އިންސައްތަ މުވައްޒަފުންނަށް އެނގޭކަމަށް މިދިރާސާގެ ނަތީޖާއިން ދައްކައެވެ.

މިދިރާސާއިން ދައްކާގޮތުގައި ރާއްޖޭގެ ލޯކަލް ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެތެރެއިން 70 އިންސައްތަ މުވައްޒަފުންނަކީ އިދާރީ މުވައްޒަފުންނެވެ. އަދި ޓެކްނިކަލް މުވައްޒަފުންނަކީ 30 އިންސައްތައެވެ.

ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް ކަމާއި ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ލޯކަލް ގަވަމަންޓް އޮތޯރިޓީން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.