ރާއްޖެއިން އިތުރު 36 މީހުން މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާންމުކުރި ވޭތުވެދިޔަ 24 ގަޑިއިރުގެ ތަފާސްހިސާބުތައް ދައްކާގޮތުން ޕޮޒިޓިވްވި 36 މީހުންގެ ތެރެއިން 29 މީހުންނަކީ ދިވެހިންނެވެ. އަދި ބަންގްލަދޭޝްގެ 5 މީހަކާއި އިންޑިއާގެ 2 މީހަކުވެސް މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެއެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގައި ބަލިޖެހުނު މީހުންގެ ޢަދަދު މިވަނީ ތިންހާހާ ގާތްކޮށްފައެވެ. މިހާރު ބަލިޖެހުނު މީހުންގެ ޖުމްލަ ޢަދަދަކީ 2,966 އެވެ.
މިހާރު ބަލިޖެހިގެން 574 މީހުންނަށް ފަރުވާދެމުންދާއިރު މިއަދު ބަލިން ރަނގަޅުވީ 8 މީހުންނެވެ. އަދި ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެތެރެއިން ބަލިން ރަނގަޅުވި މީހުންގެ ޢަދަދު 2362 އަށްވަނީ އިތުރުވެފައެވެ.
ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 15 މީހުން ވަނީ ނިޔާވެފައެވެ. މިބަލި ދެނެގަތުމަށް ސާމްޕަލް ނަގައި ޓެސްޓުކުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރަން ފަށާފައިވާއިރު ވޭތުވެދިޔަ 24ގަޑިއިރުގެ ތެރޭގައި 658 ސާޕްޕަލްވަނީ ނަގާފައެވެ. މިއާއެކު ރާއްޖޭގައި މިބަލި ދެނެގަތުމަށް މިހާތަނަށް ނެގި ސާމްޕަލްތަކުގެ ޢަދަދު 67264 އަރައެވެ.
ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންނާ ކޮންޓެކްޓްވާ މީހުންގެ ތެރެއިން ހައިރިސްކް މީހުންނާއި ރާއްޖެއިން ބޭރުން އައިސް 14 ދުވަހަށް މާލެ ސަރަހައްދުގައި ކަރަންޓީންވުމަށް ސަރުކާރުން ހަމަޖައްސާފައިވާ ފެސިލިޓީތަކުގައި ތިބި މީހުންގެ ޢަދަދު މަދުވަމުންގޮސް މިހާރު އެފެސިލިޓީތަކުގައި އެއްވެސް މީހަކުނެތްކަން އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. ބޭރު ޤައުމުތަކުން އަންނަ މީހުން މިހާރު ފޮނުވަނީ ހޯމް ކަރަންޓީންއަށެވެ.