ޚަބަރު

ޙައްޖާޖީން މައްކާއަށް ވަނުމުގެ ކުރިންނާއި ވަނުމަށްފަހު ކަރަންޓީނު ވާންޖެހޭނެ


މިއަހަރުގެ ޙައްޖާޖީން ހައްޖަށް، މައްކާއަށް ވަނުމުގެ ކުރިންނާއި ފަހުން ކަރަންޓީނުގެ މުއްދަތެއް ހަމަކުރަންޖެހޭނެކަމަށް ސައުދީ ސަރުކާރުން ކަނޑައަޅައިފިއެވެ.

ސައުދީ ސަރުކާރުން ބުނީ މިއަހަރު ހައްޖަށްދާ މީހުން، 27 ޒުލްޤައިދާއިން 3 ޒުލްހިއްޖާއާ ހަމައަށް، ޖުމްލަ 7 ދުވަހު ތިބޭނީ ކަރަންޓީނުގައިކަމަށެވެ. އަދި މައްކާއަށް ވަނުމަށްފަހު ހައްޖުމަހުގެ 8ވަނަ ދުވަސް އަންނަން ދެން އިތުރު 4 ދުވަހު ކަރަންޓީނުގައި ތިބެންޖެހޭނެއެވެ.

ސައުދީން ހާމަކުރާ ގޮތުން މި ފަހަރުގެ ހައްޖުވެރިން ކުރާނީ "ޙައްޖު އިފްރާދް"އެވެ. "ޙައްޖު އިފްރާދް" ގައި ޙައްޖުގެ ކުރިން ކުރާ އުމްރާ ކުރާކަށް ނުޖެހޭނެއެވެ. އަދި ހައްޖުގައި ހަދްޔުގެ ގޮތުގައި އެއްޗެއް ކަތިލާކަށްވެސް ނުޖެހޭނެއެވެ. އެހެންނަމަވެސް ހައްޖުގައި ދެންހުންނަ ހުރިހައިކަމެއް ފުރިހަމަ ކުރާނެއެވެ. މިގޮތުން މިނާ މުޒްދަލިފާގައި ރޭ ކުރުމާއި ޖަމްރާއަށް ހިލަ އުކާނެއެވެ.

ޙައްޖުވެރިން މައްކާ ކަރަންޓީނުގައި ތިބުމަށްފަހު ޙައްޖުމަހުގެ 8ވަނަ ދުވަހު ޔައުމުއްތަރްވިޔާ (އިޙްރާމް ބަންނަ ދުވަސް)ގައި ހުރިހާ ހައްޖުވެރިންވެސް އިޙްރާމް ބަންނާނީ ޤަރުނުލްމަނާޒިލް (ތާއިފް ކައިރީގައި) ހުންނަ މީގާތުންނެވެ. އަދި އެއަށްފަހު ހައްޖުވެރިންނަށް ޚާއްސަކޮށް މިނާގައި ކަނޑައަޅާފައިވާ ތަންތަނަށް ގެންދާނެއެވެ.

މިފަހަރު ހައްޖަށްދާ ހައްޖާޖީން މޮނީޓަރިންގެ ކަންކަން ބެލުމަށް އަތުގައި އަޅާ ޚާއްސަ ސްމާޓް ބްރެސްލެޓެއް ވަނީ ތައްޔާރުކޮށްފައެވެ. މި އެތީގެ އެހީގައި މޮނީޓަރިންގައި ހުންނަ މީހާގެ ހަރަކާތްތައް ދެނެގަނެވޭނެއެވެ.

ސަޢުދީން މިހާރު ވަނީ މިއަހަރުގެ ހައްޖުގެ ތައްޔާރީތައް ވާން ފަށާފައެވެ. މިގޮތުން މުޒްދަލިފާގައި ހައްޖުވެރިން ތިބޭއިރު ރައްކާތެރިކަމާއެކު ގައިދުރުކަމާއެކު ތިބެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. އަދި ޙައްޖުކުރުމަށް ހުއްދަދޭ ފަރާތަކުން ނޫން މީހަކު ހައްޖުގެ އަޅުކަމަށް ޚާއްސަކުރެވިފައިވާ އެއްވެސް ސަރަހައްދުތަކަށް މިއަދުން ފެށިގެން މިމަހުގެ 29ގެ ނިޔަލަށް ވަނުން ވަނީ މަނާކޮށްފައެވެ. އަދި މިނިންމުމާ ޚިލާފުވާ ފަރާތްތައް ދިހަ ހާސް ރިޔާލުން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ.

މިއަހަރު ހައްދުގެ އަޅުކަން އަދާކުރުމަށް ސަޢުދީ ސަރުކާރުން ހުއްދަ ދީފައިވާ އެޤައުމުގައި އުޅޭ ބިދޭސީންނާއި ޤައުމުގެ ރައްޔިތުން ހިމެނޭގޮތަށް ޖުމްލަ 10،000 މީހުންނަށެވެ. މީގެތެރެއިން %70 އިންސައްތަ ދިނުމަށް ހަމަޖެހިފައިވަނީ އެޤައުމުގައި އުޅޭ އެހެން ޤައުމުތަކުގެ ރައްޔިތުންނަށެވެ.

މިިދިޔަ އަހަރު ހައްޖުގެ އަޅުކަމުގައި 2.5 މިލިއަން މީހުން ވަނީ ބައިވެރިވެފައެވެ. އޭގެތެރެއިން 1.85 މިލިއަން މީހުންނަކީ އެކި ޤައުމުތަކުން މައްކާއަށް އެތެރެވި މީހުންނެވެ.