ޚަބަރު

އިދިކޮޅުގެ ފާޑުކިޔުން ޕީޖީ ޝަމީމަށް


ޕްރޮސިކިއުޓަރ ޖެނަރަލްގެ މަޤާމުގައި ޙުސައިން ޝަމީމް ހުންނަވައިގެން އެމްއެމްޕީއާރުސީގެ މައްސަލަ ޤާނޫނާއެއްގޮތަށް ކުރިއަށް ގެންދެވޭނެކަމަށް ޤަބޫލުނުކުރާކަމަށް ބުނެ ޕީޖީގެ ނަޒާހަތްތެރިކަމާމެދު އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ސުވާލު އުފައްދައިފިއެވެ.

އިދިކޮޅު ޕްރޮގްރެސިވްކޮންގްރެސް ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޖީ ޝަމީމްއާ ގުޅޭ މައްސަލައެއް އަމިއްލަ ފަރާތަކުން ބާކައުންސިލަށް ހުށައަޅާފައިވާއިރު، އެކަމުގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރިކަމަށެވެ.

އެގޮތުން ޕީޖީ ޝަމީމް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތާއި، ޚިޔާނާތުގެ ފައިސާ ބެހިކަމަށް ބުނާ މީހާގެ ވަކީލުކަންކޮށްފައިވާކަން އެނގިފައިވާއިރު އެމްއެމްޕީއާރުސީގެ މައްސަލަ ޤާނޫނާ އެއްގޮތަށް ކުރިއަށްގެންދާނަމަ ހުސައިން ޝަމީމް މުޅި މައްސަލައިން ތަނާޒުލުވާންޖެހޭކަމަށެވެ.

މިއާއެކު އެމްއެމްޕީއާރުސީގެ މައްސަލާގައި ރައީސް ޔާމީނަށްކުރާ ދަޢުވާއަކީ މަސްލަހަތު ފުށޫއަރާ ވަކީލަކުހުރެގެން، ވަކީލާއި، މުވައްކިލާދެމެދު އޮންނަންޖެހޭ ސިއްރު މަޢުލޫމާތު ނަހަމަގޮތުގައި ބޭނުންކޮށްގެން ކުރިއަށްގެންގޮސްފައިއޮތް ދައުވާއެއްކަން މިހާރު ސާބިތުވެއްޖެކަމަށެވެ.

"މިމައްސަލާގައި ހިމެނޭ އެކެއްގެވެސް ވަކީލަކަށް ޝަމީމުވުމަކީ އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި، މުޅި މައްސަލާއިގެ ވަކީލަކަށްވުން އެހެންވީމަ މިއީ އަޅުގަނޑުމެންގެ ވަރަށްބޮޑު ކަންބޮޑުވުމެއް. އެމްއެމްޕީއާރުސީން ބޭރުވި ކޮންމެ ޗެކެއްވެސް ބޭރުވީ ޒިޔަތު އެޗެކެއްގެ ސޮއިކޮށްގެން އެހެންވީމަ ޒިޔަތުގެ ވަކީލަކަށް މުޅި އެމްއެމްޕީއާރުސީގެ މައްސަލައިން ތަނާޒުލްނުވެ މަސްލަހަތު ފުށުއެރުން ހުއްޓުވޭނެކަމަށް އަޅުގަނޑުމެންނަށް ޤަބޫލުކުނުކުރެވޭ" އަބްދުއްރަހީމް ވިދާޅުވިއެވެ.

ބާކައުންސިލަށް ޕީޖީއާ ގުޅޭގޮތުން ހުށައެޅި ޝަކުވާގައި މަސްލަހަތު ފުށުއެރުމުގެ އިތުރުން ޖިނާޢީ ތުހުމަތުތަކެއްވެސް ކުރެވޭ ވާހަކަތަކެއް ހުރުމުން އެމައްސަލަ އިންސާފުވެރިކަމާއެކު ބަލައިދިނުމަށް އިދިކޮޅު ކޯލިޝަނުންވަނި ގޮވާލާފައެވެ.