ކުޅިވަރު

ޖަރުމަން–ސްޕެއިން މެޗަށް ސަޕޯޓަރުން ވައްދަނީ


ނޭޝަންސް ލީގުގައި ޖަރުމަންވިލާތާއި ސްޕެއިން އަންނަ ސެޕްޓެމްބަރުމަހު ކުޅޭ މެޗަށް ސަޕޯޓަރުން ވައްދަން ޖަރުމަނުން މަސައްކަތް ފަށައިފިއެވެ.

ޖަރުމަނުގައި ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ކުޅޭ މެޗަށް ސަޕޯޓަރުން ވެއްދުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ފަށާފައިވާކަމަށް އެ ގައުމުން ވަނީ ބުނެފައެވެ. އެޤައުމުން މަސައްކަތް ކުރަމުންދަނީ ދަނޑު ބޭރުގައި ކޯވިޑް-19އަށް ޓެސްޓްކޮށް، އޭގެ ނަތީޖާ ވަގުތުން މޮބައިލް ފޯނަށް ލިބޭ ގޮތް ހެދުމަށެވެ.

ޖަރުމަނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ ގިނަ އަދަދަކަށް އެއްފަހަރާ އެތައް ބަޔަކު ޓެސްޓް ކުރުމުގެ ގާބިލްކަން ހޯދަމުން އަންނަ ކަމަށާއި އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރު ކޮށްފައިވާކަމަށެވެ.

ފެޑަރޭޝަނުން ބުނީ މިއީ އަންނަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ފަށާ ޖަރުމަނުގެ އާ ފުޓްބޯޅަ ސީޒަނުގެ މެޗުތަކަށް ސަޕޯޓަރުން ވެއްދުމަށް ކުރާ މަސައްކަތަށް ވެސް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށެވެ.

މިދިޔަ މާޗު މަހުން ފެށިގެން ފުޓްބޯޅަ މެޗުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޅެމުންދަނީ ސަޕޯޓަރުން ނުވައްދައެވެ. ނަމަވެސް އޮގަސްޓް ފަހުކޮޅު ނުވަތަ ސެޕްޓެމްބަރުގައި ސަޕޯޓަރުން ވެއްދުމަށް އިނގިރޭސިވިލާތާއި ސްޕެއިނުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.