ކުޅިވަރު

މާޒިޔާގެ ކޯޗަކަށް ނިޒާމް ހަމަޖައްސައިފި


މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ހަމަޖައްސައިފިއެވެ.

މާޒިޔާގެ ކޯޗަކަށް މުހައްމަދު ނިޒާމް ހަމަޖެއްސީ އެޓީމަށް ކުރިން އިރުޝާދުދިން ކޯޗު މަރުޖާން ސެލުކޮސްލީގެ އެއްބަސްވުން ހަމަވުމުން މާޒިޔާއިން އޭނާ ދޫކޮށްލުމާއި ގުޅިގެންނެވެ. ސެކުލޮސްކީ ދޫކޮށްލުމާއެކު ދެން އެ ކްލަބާއި ހަވާލުވާނީ ދިވެހި ކޯޗެއްކަމަށް އެ ކްލަބުން ވަނީ މީގެކުރިން ބުނެފައެވެ.

މުހައްމަދު ނިޒާމް މާޒިޔާގެ ކޯޗު ކަމާއި ހަވާލުވީ އެއް އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުންނެވެ. އެގޮތުން ކުރިޔަށްއޮތް އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތާއި އަންނަ ސީޒަންގައި މާޒިޔާގެ ކޯޗަކަށް ހުންނަނީ ނިޒާމްބެއެވެ.

މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އިރުޝާދުގެ ދަށުން މާޒިޔާ ފުރަތަމަ ނުކުންނާނީ އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބަޝަންދުރަ ކިންގްސްއާއި ދެކޮޅަށެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ބާކީ ހުރި މެޗުތައް ރާއްޖޭގައި ކުޅުމުގެ ފުރުޞަތު ވަނީ ލިބިފައެވެ. އޭއެފްސީން ނެރެފައިވާ ޝެޑިއުލްގައިވާ ގޮތުން އޮކްޓޫބަރު މަހު ތޭވީހުން ނޮވެމްބަރު ހަތަރަކާ ދެމެދު ގްރޫޕް ސްޓޭޖު މެޗުތައް ކުޅޭނެއެވެ. މި މެޗުތައް ކުޅޭނީ މާލޭ ސިޓީ އާއި އައްޑޫ ސިޓީގައެވެ.

ނިޒާމްބެ އަކީ މާޒިޔާ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުން އެ ޓީމަށް ކޯޗުކޮށްދޭ ތިން ވަނަ ދިވެހި ކޯޗެވެ. ނިޒާމްބެގެ ކުރިން މާޒިޔާއާ އަށް އިރުޝާދުދިން ދެ ދިވެހި ކޯޗުންނަކީ އިސްމާއިލް މަހަފޫޒް (އިންމަ) އާއި އަލީ ސުޒޭން އެވެ.

މީގެ ކުރިން ނިޒާމްބެ ވަނީ ޓީސީ ސްޕޯޓްސް ކްލަބާއި ބަންގްލަދޭޝްގެ ސައިފް ސްޕޯޓިންގ ކްލަބަށްވެސް ކޯޗުކަންކޮށްދީފައެވެ. އެގޮތުން ޓީސީ ސްޕޯޓްސް ކްލަބާއެކު ނިޒާމްބެވަނީ ރަނގަޅު ކަމިޔާބީތަކެއް ހޯދާފައެވެ.

އެގޮތުން 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިޙް ކަމާލް އިންޓަރނޭޝަނަލް ކަޕްގެ ޗެމްޕިއަންކަން ޓީސީއަށް ހޯދައިދީފައެވެ. އަދި 2018 ވަނަ އަހަރު ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ޓީސީ ހޯދީ ނިޒާމްބެ ކޯޗުކަމުގެ ދަށުންނެވެ.

މީގެ އިތުުރުން ކޯޗިން ކެރިއަރުގައި ނިޒާމްބެ ކުރި މުހިއްމު މަސައްކަތްތަކަށް ބަލާލާއިރު 2014 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދީ، ފުރަތަމަ ޑިވިޝަންގައި ރަނގަޅު ހިސާބެއްގައި ޓީސީ ބޭއްވުމަށް ނިޒާމްބެ ވަނީ މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ.