ޚަބަރު

ޔާސިރު ޔަހުޔާގެ ހާލު ސީރިއަސްވެ އަނެއްކާވެސް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި


ހުލުމާލޭ ޖަލުގައި ހުރި ޔަމަނުގެ ރައްޔިތެއްކަމަށްބުނާ ޔާސިރު ޔަހުޔާގެ ހާލު ސީރިއަސްވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވާކަމަށް ކަރެކްޝަނަލް ސަރވިސުން ހާމަކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕިރިޒަންސް މުޙައްމަދު އަޙްމަދުފުޅު ވިދާޅުވީ އިމިގްރޭޝަން ގާނޫނާ ޚިލާފުވެގެން ރާއްޖެއިން ފުރުވާލެވެންދެން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައިވާ ޔަމަނުގެ ރައްޔިތެއްކަމަށްބުނާ މީހާ، ކެއުމަށް އިންކާރުކުރުމުގެ ސަބަބުން ހާލު ސީރިއަސް ވަމުންދާކަމަށް ފެންނާތީ އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާކަމަށެވެ.

މިދިޔަ އަހަރު ފަހުކޮޅުގައިވެސް އޭނާވަނީ ކެއުން ހުއްޓާލައި ބަނޑުހައި ހޫނުކަމުގެހަޅުތާލެއްކޮށްފައެވެ. ނަމަވެސް އޭރުވެސް ހޮސްޕިޓަލަށް ގެންގޮސްފަރުވާދިންފަހުން އޭނާވަނީ އަލުން ކާންފަށާފައެވެ.

2016ވަނަ އަހަރު ޔަމަނުގެ ޢަރަބި ޓީޗަރެއްގެ ގޮތުގައި ރާއްޖެ ގެނައި ޔާސިރު ޔަހުޔާއަކީ ޓެރަރިޒްޓެއްގެ ގޮތުގައި ބޭރުގެ މީޑިއާތަކުން ފާހަގަކުރުމާއި، ޓެރަރިޒަމާއި ގުޅުންހުރި ބެކްގްރައުންޑެއްވެސް އޭނާގެ އޮންނަކަން އެނގުމުން ކޯޓް ޢަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ 2017 ވަނަ އަހަރުގެ މާރިޗް މަހުގެ 3 ވަނަ ދުވަހުއެވެ.

ޔާސިރު ޔަހުޔާއަކީ ޓެރަރިޒަމާއި ގުޅުންހުރި މީހެއްކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެ ދޫކޮށް ދިއުމަށް އޭނާއަށް އެތައް ފަހަރެއްގެ މަތިން އަންގާފައިވާކަމަށާއި، ނަމަވެސް އޭނާ އެކަމަށް އިންކާރުކޮށް ޕާސްޕޯޓް ގެއްލިފައިވާކަމަށް ބުނަމުން އަންނަކަމަށް މިނިސްޓަރ އިމްރާން ވިދާޅުވެފައިވެއެވެ. އަދި ބައެއް ފަހަރު ޕާސްޕޯޓް ޔަމަނަށް ފޮނުވާލާފައިވާކަމަށްވެސް އޭނާ ބުނަމުން އަންނަކަމަށް މިނިސްޓަރ އިމްރާން މީގެކުރިންވަނީ ވިދާޅުވިއެވެ. އޭނާ ފުރަން އެއްބަސްވެއްޖެނަމަ އިމިގްރޭޝަން ކޮންޓްރޯލާއަށް ލިބިދީފައިވާ ބާރުގެ ދަށުން އޭނާ ފުރުވާލެވޭނެކަމަށް މިދިޔަ އަހަރު ހޯމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ދިވެއްސަކާއި ކައިވެނިކޮށްގެން ރާއްޖޭގައި އުޅެނިކޮށް ހައްޔަރުކޮށްފައިވާ ޔާސިރު ޔަހުޔާ ހައްޔަރުކޮށްފައި ހުންނަތާ 3 އަހަރަށްވުރެ ގިނަދުވަސް ވެފައިވާއިރު، އޭނާ ބަނޑުހައިހޫނުކަމުގެ ހަޅުތާލުކުރަމުންދަނީ ޝަރީޢަތަކާއިނުލާ އޭނާ ހައްޔަރުކޮށްފައިވާކަމަށް ބުނަމުންނެވެ.