ވިޔަފާރި

ޗައިނާގެ 11 ކުންފުންޏަކާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅައިފި


ޗައިނާގެ 11 ކުންފުންޏަކާ ދެކޮޅަށް އެމެރިކާއިން އިޤްތިޞާދީގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފިއެވެ.

އެމެރިކާއިން ޗައިނާގެ 11 ކުންފުންޏަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ، ޗައިނާގެ ޒިއާންޖިންގައި އުޅޭ މުސްލިމުންނާ ދެކޮޅަށް ހިންގާ އިންސާނިއްޔަތާ ޚިލާފު އަމަލުތަކުގައި އެކުންފުނިތަކުގެ ބައިވެރިވުން އޮތްކަމަށް ބުނެއެވެ.

އެމެރިކާއިން ދަތި ކުރުމުގެ ފިޔަވަޅު އެޅި ކުންފުނިތަކުގެ ތެރޭގައި އެކި ބާވަތުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ކުންފުނިތައް ހިމެނެއެވެ. އޭގެތެރޭގައި ބަޔޯޓެކް ކުންފުނިތަކުން ފެށިގެން ގޭގައި ގެންގުޅޭ ސާމާނު އުފައްދާ ކުންފުނިތައްވެސް ހިމެނެއެވެ. އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުން މިކުންފުނިތަކުން ދަނީ ޒިއާންޖިންގ އަދި އެހެން ބައެއް ސަރަޙައްދުތަކުގައި އުޅޭ މުސްލިމުންލައްވާ ގަދަކަމުން މަސައްކަތްކުރުވަމުންނެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ކޮމާސް ވިލްބަރ ރޯސް ވިދާޅުވީ، ޗައިނާގެ ކުންފުނިތަކާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ދަށުން، އެމެރިކާގެ އެއްވެސް ކުންފުންޏެއްގެ އުފެއްދުމެއް ނުވަތަ ޓެކްނޮލޮޖީއެއް ޗައިނާގެ ކުންފުނިތަކަށް ވިއްކުން މަނާވާނެއެވެ. ނަމަވެސް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅި ޗައިނާގެ ކުންފުނިތަކާއެކު ވިޔަފާރިކުރާ އެމެރިކާގެ ކުންފުނިތަކަކީ ކޮބައިކަން ހާމަކޮށްފައެއް ނުވެއެވެ. ބައެއް ޚަބަރުތައް ބުނާގޮތުން އެޕަލް، ނައިކީ އަދި ކެލްވިން ކްލެއިންފަދަ އެމެރިކާގެ ބައެއް ބޮޑެތި ކުންފުނިތަކުން ދަނީ އެމެރިކާއިން ފިޔަވަޅު އަޅަން ނިންމި ކުންފުނިތަކާއެކު ވިޔަފާރިކުރަމުންނެވެ.

ޒިއާންޖިންގައި އުޅޭ މުސްލިމުންނަށް ކުރާ ލާއިންސާނީ އަނިޔާތަކާ ގުޅިގެން ޗައިނާގެ ކުންފުނިތަކަކާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅާފައިވާއިރު ޗައިނާއާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ ބޮޑު ހަނގުރާމައެއް ހިނގާތާ މިހާރު އެތައް ދުވަހެއްވެއްޖެއެވެ. ވިޔަފާރިއާއި ޓެކްނޮލޮޖީގެ ދާއިރާގައި ހިނގާ މިކޯޅުމުގެ ސަބަބުން، މިޤައުމުތަކުގައި ވިޔަފާރިކުރާ ކުންފުނިތަކަށްވެސް ދަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންނެވެ.

ޗައިނާގައި އުޅޭ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އަމަލުތައް ހިންގާކަމަށް ބައެއް ޤައުމުތަކުން ތުހުމަތުކުރާއިރު، ޗައިނާއިން ބުނަމުންދަނީ އެޤައުމުން ކުރާ މަސައްކަތަކީ ހަރުކަށި ފިކުރާއި ހައްދުފަހަނަ އެޅުމާ ދެކޮޅަށް ކުރާ މަސައްކަތެއްކަމަށެވެ. އަދި ޗައިނާއިން އަމަލުކުރަނީ އެޤައުމުގެ ޤާނޫނާއި ބައިނަލްއަޤްވާމީ އުސޫލުތަކުގެ ތެރެއިންކަމަށްވެސް ޗައިނާއިން ބުނެއެވެ.