އެމްއެމްޕީއާރުސީގެ ޙިޔާނާތާއި ގުޅިގެން ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާ ބާތިލުކުރި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް ޕީޖީ ހައިކޯޓްގައި އެދިވަޑައިގެންފިއެވެ. މި މައްސަލާގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ވާހަކަދައްކަވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ޝަރީއަތް ނިމެންދެން އަދީބު ބަންދުކުރުމަށް އެެދެނީ އޭނާ ފިއްލަވާފާނެކަމުގެ ބެލެވޭތީކަމަށެވެ.
ދައުލަތުގެ މި އަމުރާއި އެކު ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަވަމުން އަދީބު ވިދަޅުވީ މައްސަލައިގެ ހުރިހާ ލިޔެކިޔުންތައް ލިބިވަޑައިގަތީ އިއްޔެކަމަށެވެ. އެހެންކަމުން ވަކީލަކު އައްޔަންކުރުމުގެ ފުރުސަތަކަށް އަދީބު އެދިވަޑައިގަތެވެ. އަދި މީގެކުރިން ފިލި މައްސަލާގައި އަދަބު ލިބިފައިކަމަށާއި، މިހާރުވެސް ފުލުހުން އޭނާގެ ހަރަކާތްތައް މޮނިޓަރކުރަމުންދާއިރު އެނާއަށް ފިލައިގެން ނުދެވޭނެކަމަށްވެސް އަދީބު ވިދާޅުވިއެވެ.
އަދީބުގެ ވާހަކަތަކަށް ޖަވާބުދާރީވަމުން މައްސަލަ ބައްލަވާ ބެންޗުން ވިދާޅުވީ މީގެކުރިންވެސް އަދީބު ފިއްލަވާފައިވާތީ ބަންދުގެ އަމުރާއި މެދު ވީ އެންމެ އަވަހަކަށް ގޮތެއް ނިންމަވަން ބޭނުންވާކަމަށާއި އެކަމުގައި ގިނަވަގުތު ދެވެން ނޯންނާނެކަމަށެވެ. އެހެންކަމުން ވަކީލަކު ހަމަޖެއްސުމަށް އަދީބަށް ވަގުތު ދެއްވާ މި މައްސަލައިގެ އިތުރު އަޑުއެހުމެއް މިއަދު 3 ޖަހާއިރު ބާއްވަން ފަނޑިޔާރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އަދީބާއި ދެކޮޅަށް ދައުލަތުން އުފުލި ހަތް ދައުވާއެއް ބާތިލުކޮށް ކުރިމިނަލްކޯޓުން ބޭރުކޮށްލީ މިމަހުގެ 14 ވަނަދުވަހުއެވެ. ކޯޓުން އެ މައްސަލަ ބޭރުކޮށްލާފައިވަނީ ތަހުގީގުގެ ތެރެއިން ކުށަށް އިއުތިރާފުވުމާއި ގުޅޭގޮތުން އަދީބާ އެކު ދައުލަތުން ހަދާފައިވާ އެއްބަސްވުމަކީ ޤާނޫނު އަސާސީއާއި ހިލާފް އެއްބަސްވުމެއްކަމަށް ނިންމުމަށްފަހުއެވެ. އެ އެއްބަސްވުމަކީ އަދީބަށް ބޭސްފަރުވާގެ ކަންކަން ޝަރުތުކޮށް ކުށަށް އިއުތިރާފުވުމަށް މަޖުބޫރުކޮށްގެން ހަދާފައިވާ އެއްބަސްވުމެއްކަމުން އެއީ ޓޯޗާކުރުންކަމަށްވެސް ކްރިމިނަލްކޯޓްގެ ނިންމެވުމުގައިވެއެވެ.
ކްރިމިނަލްކޯޓްގެ ޤާޟީ އިސްމާޢީލް ރަޝީދު މި ނިންމެވުމާއި އެކު ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވަނީ އެ ނިންމެވުމަށް ފާޑު ވިދާޅުވެ މައްސަލަ ބެއްލެވި ޤާޟީގެ ސުލޫކީ މައްސަލަ ޖޭއެސްސީއަށް ހުށައަޅުއްވާފައެވެ. ޝަމީމް ވިދާޅުވީ ދަޢުވާތައް ބާޠިލްކުރައްވަން ގާޒީ ކުރެއްވި ހުކުމުގައި ދައުލަތުން ހުށަނާޅާ ލިޔުންތަކަކަށް ރިޢާޔަތް ކުރައްވާފައިވާއިރު އެއީ ކޮން ގޮތަކުން ޤާޒީއަށް ލިބިވަޑައިގެންނެވި މަޢުލޫމާތުތަކެއްކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ގައިދީންގެ ބޭސްފަރުވާގެ ކަންކަމަކީ ޕީޖީއާ ބެހޭކަމެއް ނޫންކަމަށް ކްރިމިނަލް ކޯޓުން ނިންމި ޙުކުމުގައިވާކަމަށާ، އެކަމަކީ އެއޮފީހާ ބެހޭ ކަމަކަށްނުވާއިރު ގައިދީންގެ ބޭސްފަރުވާގެ ކަންކަމުގެ މައުލޫމާތު ކޯޓުން ޕީޖީކުރެން ސާފުކުރަނީ ކީއްވެތޯ ޝަމީމް ވަނީ ސުވާލު އުފައްދަވާފައެވެ.
ޖޭއެސްސީން ވަނީ މި މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ޤާޟީ އިސްމާޢީލް ރަޝީދު، 2 މަސްދުވަހަށް ސަސްޕެންޑްކޮށްފައެވެ. ޖޭއެސްސީން ވިދާޅުވީ ޤާޟީ އިސްމާޢީލް ރަޝީދު ސަސްޕެންޑްކުރީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ފާޅުކަންބޮޑު ގޮތެއްގައި ކަނޑައެޅިގެން ޚިލާފަށް އޭނާ ޢަމަލުކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އެކޮމިޝަނުން ތަޙްޤީޤުކުރަމުންދާތީކަމަށެވެ.