ރާއްޖޭގެ 99 އިންސައްތައަކީ ކަނޑުގެ ސަރަޙައްދެވެ. އަދި ރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑުވެސް ބިނާވެފައި ވަނީ ރާއްޖޭގެ ކަނޑުތަކުގެ ދިރުންތަކަށެވެ. ކަނޑުގެ ދިރުންތަކުގެ ދުޅަހެޔޮކަމަކީ މުޅި ޤައުމުގެ ކުރިމަގާއި ގުޅިފައިވާ މުހިއްމު ދާއިރާއެކެވެ.
ކަނޑުފަޅުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މިމަސައްކަތުގައި އެންމެ އިސްދައުރެއް އަދާކުރާ އެއް އިދާރާއަކީ ދިވެހިރާއްޖޭގެ ކަނޑުފަޅުތަކުގެ ދިރާސާކުރާ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓެވެ.
އެއިންސްޓިޓުޓަށް މިއަދު 36 އަހަރު ފުރިފައިވާއިރު ވޭތުވެދިޔަ ދިގު މާޒީގައި އެތަނުން ވަނީ ގިނަ މަސައްކަތްތަކެއް ކާމިޔާބީތައްވެސް ހޯދާފައެވެ.
މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓަކީ ފިޝަރީޒް މިނިސްޓްރީގެ ދަށުން 1984ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު ވަކި ސެކްޝަނެއްގެ ގޮތުގައި ވަރަށް އާދައިގެ ގޮތަކަށް އުފެއްދިތަނެކެވެ. ކަނޑުތަކާއި ގުޅޭގޮތުން ދިރާސާކުރުމާއި މައުލޫމާތު އެއްކުރުމާއި މިދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމަށް މަސައްކަތްކުރާ ސެކްޝަނެއްގެ ގޮތުގައި ވަކި ސެކްޝަނެއް އުފައްދަވާ މިމަސައްކަތް ކުރިއެރުވުމުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި މަސައްކަތްކުރެއްވީ އޭރު މައިޒާން ހަސަން މަނިކުއެވެ.
މީގެ އިތުރުން މިދާއިރާއަށް މީހުން ޝައުގުވެރިކުރުވައި މިއީ ބަލައިގަންނަ އިދާރާއަކަށް ހެއްދެވުމަށް ހަސަން މަނިކު ގިނަ މަސައްކަތްތައްކެއް ކުރައްވާފައިވާކަން މެރިން ރިސަރޗް އިންސްޓިއުޓުން ފާހަގަކުރައްވައެވެ. އެގޮތުން އޭރު އުފެދުނު މެރިން ރިސަރޗް ސެކްޝަންގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ކަނޑުތަކާއި ގުޅޭ ސައިންޓިފިކް ދިރާސާތަކުގެ ދާއިރާ ކުރިއެރުވުމާއި މިދާއިރާއިން މީހުން ބިނާކުރުމުގެ އިތުރުން މާލެއިން ބޭރުގައި ރިސަރޗް ސެންޓަރެއް ޤާއިމުކުރުމެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މެރިން ރިސަރޗް ސެކްޝަން އުފެދުނީއްސުރެން މިއަދާ ހަމައަށް މަސައްކަތްކުރައްވަމުން ގެންދަވާ ސީނިއާ ބަޔޮލޮޖިސްޓް ހަސަން ޝަކީލް ވަނީ މިމަސައްކަތް ފެށިގެންއައިގޮތް ކިޔައި ދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި 1984 ވަނަ އަހަރުން ފެށިގެން 15 އަހަރުވަންދެން ކަނޑުތަކާއި ގުޅޭ ދިރާސާތަކާއި ހޯދުންތައް ހޯދުމުގެ ހުރިހާ މަސައްކަތެއް ކުރަމުންދިޔައީ މިނިސްޓްރީގެ ސެކްޝަނެއްގެ ދަށުންނެވެ. އޭގެފަހުން 1999 ވަނަ އަހަރު މޯލްޑިވްސް މެރިން ރިސަރޗް ސެންޓަރުގެ ނަމުގައި ވަކި އިދާރާއެއްގެ ގޮތުގައި ސެންޓަރެއް ވަނީ އުފައްދަވާފައެވެ. މިއާއެކު ބޭރުގެ އެކި އިންސްޓިޓިއުޓްތަކާއެކު ރާއްޖޭގައި ދިރާސާކުރުމުގެ ފުރުސަތުތައް ފަހިވެ ގިނަ އެހީތަކެއް ލިބިގެން ދިޔަކަމުގައި ހަސަން ޝަކީލް ފާހަގަކުރެއްވިއެވެ.
އައު ސެންޓަރާއެކު މިދާއިރާގެ މަސައްކަތްތައްވެސް ވަނީ ފުޅާކޮށްފައެވެ. އެގޮތުން ދިރާސާތައް ކުރުމުގެ އެކި މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް 1999 ވަނައަހަރު ސަރުކާރުންވަނީ ވ.ބޮޑުމޮހޮރާ މެރިން ރިސަރޗް ސެންޓަރަށް ދޫކުރުމުގެ އިތުރުން 2008ވަނަ އަހަރު ކ.މަނިޔަފުށިވެސް އެއިދާރާއަށް ދޫކޮށްފައެވެ. ކަނޑުފަޅާ ގުޅުންހުރި ދިރާސާތަކާއި މަސައްކަތްތައް ފުޅާވެ މިއަދު ރާއްޖޭގައި މިކަމަށް ޚާއްސަ 3 ސެންޓަރުވަނީ ޤާއިމުކޮށްފައެވެ. މީގެތެރެއިން ހުޅުލޭގައި ކަނޑުގެ ދިރުންތަކުގެ ސިއްޙަތާ ބެހޭ މަރުކަޒެއް ޤާއިމުކޮށްފައިވާއިރު ގއ.މާނާގަލާގައި ވަނީ ވިޔަފާރި އުސޫލުން ކަނޑުގެ ދިރުންތައް އާލާކުރުމުގެ މަސައްކަތް ކުރާނެ މަރުކަޒެއް ޤާއިމުކޮށްފައެވެ. މީގެ އިތުރުން ކ.މަނިޔަފުށީގައި މެރިކަލްޗަރ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
މެރިން ރިސަރޗް ސެންޓަރުގެ ނަމުގައި ހިންގަމުން އައި ސެންޓަރުގެ މަސައްކަތް އިތުރަށް ފުޅާކޮށް އޭގެ 20 އަހަރުފަހުން ސަރުކާރުންވަނީ މިދިޔަ އަހަރު ސެންޓަރުގެ ނަން މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓަށް ބަދަލުކޮށްފައެވެ. އަދި އިންސްޓިޓުޓްގެ ދައުރު ފުޅާކޮށް ކަނޑުގައި އުޅޭ ދިރުންތަކުގެ މައުލޫމާތު ހޯދައި ސްޕެސިމަން އެއްކޮށް ބެލެހެއްޓުމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަދުވަމުންދާ ބާވަތްތަކާއި ނެތި ހިނގައިދާނެކަމުގެ ބިރުހީވެފައިވާ ބާވަތްތަކާއި ކަނޑުގެ މާހައުލުގެ ދުޅަހެޔޮކަމަށް މުހިންމު ބާވަތްތައް ދެނެގަނެ އެ ބާވަތްތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ މައުލޫމާތާއި ލަފަޔާއި އިރުޝާދު ކަމާގުޅޭ ފަރާތްތަކާ ހިއްސާކުރުންވަނީ އެމްއެމްއާރްއައިގެ މެންޑޭޓުގައި ހިމަނާފައެވެ. ހަމައެއާއެކު މަސްވެރިކަންކުރަނީ ތިމާވެއްޓާ ރައްޓެހި ގޮތެއްގައިތޯ ބަލާ އެކަން ދިރާސާކޮށް އެކަމުގައި ބޭނުންވާ ފަންނީ ލަފާ ފިޝަރީޒް މިނިސްޓްރީއަށް އެރުވުމަކީވެސް އެއިދާރާގެ މަސްއޫލިއްޔަތެކެވެ.
މެރިން ރިސަރޗް އިންސްޓިޓިއުޓަށް 36 އަހަރުފުރުމުގެ މުނާސަބާ ކޯވިޑް-19ގެ ސަބަބުން ކުލަގަދަކޮށް ފާހަގަނުކުރެވުނު ނަމަވެސް އެއިންސްޓިޓުޓްގެ މުހިއްމުކަން މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް ޒަހާ ވަޙީދުވަނީ ޕީއެސްއެމްނިއުސްއާ ހިއްސާކުރައްވާފައެވެ. އެގޮތުން މިދާއިރާ ފުޅާކުރުމަކީ ރާއްޖޭގެ އިޤްތިޞާދާއި ގުޅިފައިވާ ދާއިރާއެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ މިދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އެގޮތުން ރިސަރޗްގެ ދާއިރާއަށް ކުރިން ނުލިބޭ ބަޖެޓް މިހާރު ފޯރުކޮށްދެމުންދާކަން މިނިސްޓަރ ޒަހާ ފާހަގަކުރެއްވިއެވެ.
ކަނޑާއި ކަނޑުގެ ދިރުންތަކުގެ މައްޗަށް ރާއްޖޭގެ އިޤުތިޞާދު ބިނާވެފައިވާއިރު މިދާއިރާގެ ރައްކާތެރިކަމަށް އަދުގެ ޖީލު ހޭނުވުމަކީ މުހިއްމުކަމެއްކަމަށް އެމްއެމްއާރްއައިއިން ފާހަގަކުރައްވައެވެ. އަދި ރާއްޖޭގެ ގުދުރަތީ ވެށި ހިމާޔަތްކުރުމަށް ޢާއްމުންގެ އެއްބާރުލުން ހޯދުމަށް ޢާއްމުން ހޭލުންތެރިކުރުވުމަށްވެސް އެއިދާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.