މާލޭ ފަޅުތެެރޭ ދޯނި ފަހަރުގައި މަސްކަނޑާ ވިއްކާ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
އެ ކައުންސިލުން ވިދާޅުވީ ފަހަކަށް އައިސް މާލޭ އުތުރު ފަރާތު މަސްމާރުކޭޓް ކުރިމަތިން އޮންނަ ފަޅަށް ވަންނަ ބައެއް ދޯނިތައް ފަޅުތެރޭގައި އޮވެގެން ދޯނީގައި މަސްކަނޑާ އެސަރަހައްދުގެ މޫދުން ލޮނުނަގާ މަސްދޮވުމަށްފަހު ދޯނީގައި ބަހައްޓައިގެން އާންމުންނަށް މަސްވިއްކަމުން ގެންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.
އެސަރަހައްދުގެ ފަޅުތެރޭގައި އަޅާފައި ހުންނަ ބައެއް އުޅަނދު ފަހަރުން ފަޅުތެރެއަށް ތެލާއި، ކުނިބުނީގެ ބާވަތްތައް އެޅުމުގެ ސަބަބުން ފަޅުތެރޭގެ ލޮނުގަނޑު ތަޣައްޔަރުވުމުގެ އިތުރުން ވަރަށް ބޮޑަށް ނަޖިހުގެ އަސަރު ހުންނަކަން ފާހަގަވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި މިކަމާއި ގުޅިގެން ފަޅުތެރެއިން ލޮނު ނަގައިގެން މަސްކަނޑާ މަސްދޮވެ ނުހެދުމަށާއި އަދި އެހެން ބޭނުންތަކަށްވެސް އެސަރަހައްދުގެ މޫދުލޮނު ބޭނުން ނުކުރުމަށް ދޯނިތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ތަކުރާރުކޮށް އަންގާފައިވާނޭކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
އެހެންނަމަވެސް މި އެންގުންތަކާ ޚިލާފަށް ދޯނިފަހަރު ގެންގުޅޭ ބައެއް ފަރާތްތަކުން އެ ދޯނިތަކުގައި ޤަވާޢިދާ ޚިލާފަށް ގެންގުޅޭ ބިދޭސީ މަސައްކަތު މީހުން ލައްވާ ދޯނީގައި ގިނައަދަދަކަށް މަސްކަނޑާ ފަޅުތެރެއިން ލޮނު ނަގައިގެން މަސްދޮވެ ވިއްކަމުން ގެންދާކަމުގެ ގިނަ ޝަކުވާތަކެއް އެކި ފަރާތްތަކުން ކައުންސިލަށް ހުށައަޅަމުން އަންނަކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ މީގެ ފަހުން މާލޭ ފަޅުތެެރޭ ދޯނި ފަހަރުގައި މަސްކަނޑާ ވިއްކާ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެކަމަށެވެ. މިގޮތުން މާލެއާއި ވިލިނގިލީގެ ފަޅުބެލެހެއްޓުމާ ބެހޭ ޤަވާޢިދުގެ ދަށުން ޖޫރިމަނާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.