ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ މަސައްކަތްތަކަށް ލިބެނީ %96.6 މާކުސްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު ވިދާޅުވެއްޖެއެވެ.ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ އެންމެފަހު ޖަލްސާ މިއަދު ނިންމާލައްވަމުން މެމްބަރުންނާއި މުޚާތަބުކުރައްވާ މަސީހު ވިދާޅުވީ، މަޖިލީހުން 26 ބިލެއް ނިންމާފައިވާ ކަމަށާއި ސަރުކާރުން ހުށަހެޅި 22 މައްސަލައެއް ނިންމާފައިވާ ކަމަށެވެ. އަދި ރިޔާސަތުން ހުށަހެޅި 6 މައްސަލަ ނިންމިއިރު މެންބަރުން ހުށަހެޅި 1 މައްސަލަ އާއި ވަޒީރުންނާ ސުވާލު ކުރުމުގެ 1 މައްސަލަ މަޖިލީހުގައި ކުރިއަށް ގެންގޮސް ނިމިފައިވާ ކަމަށެވެ. އަދި މީގެ އިތުރުން އެހެނިހެން 11 މައްސަލައެއް ނިންމާފައިވާކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އަދި މެންބަރުންގެ އެހީއާ އެކު މަޖިލީހުން ކުރަމުން ދަނީ ރާއްޖޭގެ ރައްޔިތުންގެ ތަރައްގީއަށް ޓަކައި ކުރެވޭ މަސައްކަތްތައް ކަމަށްވެސް މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް މަސީހު ވިދާޅުވިއެވެ.