ޚަބަރު

ރަޝިޔާއިން ބައިނަލްއަޤުވާމީ ދަތުރުތައް ފަށަނީ


އޮގަސްޓު މަހުގެ 1ވަނަ ދުވަހުން ފެށިގެން ބައިނަލްއަޤުވާމީ ދަތުރުތައް ބައެއް ޤައުމުތަކަށް ފެށުމަށް ރަޝިޔާއިން ނިންމައިފިއެވެ.

ދުނިޔޭގައި ހަތަރުވަނައަށް އެންމެ ހަލުވިކޮށް ކޯވިޑް-19 ފެތުރޭ ޤައުމަކީ ރަޝިޔާއެވެ. އެ ޤައުމުގައި 800،000އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހި، 13،000 މީހުންވަނީ މަރުވެފައެވެ. ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރަޝިޔާއިން ކުރާ ބައިނަލްއަޤުވާމީ ވައިގެ ދަތުރުތައްވަނީ މާރިޗުމަހުގެ 30ވަނަ ދުވަހު ހުއްޓާލައި އެ ޤައުމު ފުރަބަންދުކޮށްފައެވެ. އޭގެ ފަހުން ޖޫން މަހުގެ ތެރޭގައި މަސައްކަތުގެ ބޭނުމަށާއި ތަޢުލީމަށާއި ޞިއްޙީ ފަރުވާ ހޯދުމަށް ދަތުރުކުރަން ބޭނުންވާ މީހުންނަށްވަނީ ސަރަޙައްދީ ރޮނގު ހުޅުވާލައިފައެވެ.

ރަޝިޔާގެ ސަރުކާރުން ބުނީ ވެރިރަށް މޮސްކޯއާއި ސެއިންޓު ޕީޓަސްބާގާއި ރޮސްޓޮފުއޮންޑޮންގެ ވައިގެ ބަނދަރުތަކުން ބައެއް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ދަތުރުތައް ކުރަނީ ތުރުކީވިލާތުގެ އިސްތަންބޫލަށާއި އަންކާރާއަށާއި ޓެންޒޭނިއާގެ ޒިންޖިބާރަށާއި އިނގިރޭސިވިލާތުގެ ލަންޑަނަށެވެ. އޮގަސްޓު މަހުގެ 10ވަނަ ދުވަހުން ފެށިގެން ތުރުކީވިލާތުގެ އެހެން ބައެއް މަންޒިލުތަކަށްވެސް ދަތުރުތައް ފަށާނެކަމަށް ރަޝިޔާއިންވަނީ ބުނެފައެވެ. އަލުން ދަތުރުތައް ފެށުމުން ބަލި ފެތުރޭ މިންވަރު އިތުރުވިޔަނުދިނުމަށް މަސައްކަތްކުރާނެކަމަށް ރަޝިޔާގެ ސަރުކާރުން ބުނެއެވެ.