ކުޅިވަރު

ސިޓީ - މެޑްރިޑް މެޗު އިނގިރޭސިވިލާތުގައި ކުޅުމާމެދު ސުވާލު އުފެދިއްޖެ


އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އާއި ސްޕޭނުގެ ރެއާލް މެޑްރިޑް ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ކުޅޭ ފަހު ލެގުގެ މެޗު އިނގިރޭސިވިލާތުގައި ކުޅެވިދާނެ ކަމާމެދު ވަރަށް ބޮޑަށް ސުވާލު އުފެއްދިއްޖެއެވެ.

މި ދެ ޓީމު އަންނަ މަހުގެ އަށް ވަނަ ދުވަހު ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ކުޅެން އޮތް މެޗު ސުވާލުމާކެއްގެ ތެރެއަށް ދިޔައީ ސްޕޭނުން އަންނަ މީހުން 14 ދުވަހަށް ކަރަންޓީން ކުރުމަށް އިނގިރޭސި ސަރުކާރުން ނިންމުމުންނެވެ.

މިހެންވެ ޔޫރަޕުގެ ފުޓްބޯޅަ ޖަމާއަތުން މިހާރު ވަނީ މިކަމާމެދު އިނގިރޭސި ސަރުކާރާ ވެސް މަޝްވަރާކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުން މެޗާމެދު ވަކި ގޮތެއް ނިންމާނީ އިނގިރޭސި ސަރުކާރުންނެވެ.

އިނގިރޭސި ސަރުކާރުން ސްޕޭނުން އެ ގައުމަށް އެތެރެވާ މީހުން ކަރަންޓީން ކުރަން ނިންމީ ކޯވިޑް-19 މިހާރު ވެސް ސްޕޭނުގައި ކޮންޓްރޯލްނުވެ ފެތުރެމުންދާތީވެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

އިނގިރޭސި ސަރުކާރުގެ މި ނިންމުމާމެދު ދެ ކުލަބު އަދި ވަކިއެއްޗެއްނުބުނެއެވެ.

ސިޓީ އާއި ރެއާލް ބައްދަލުކުރާއިރު މުބާރާތުގެ ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑީ ވެސް ސިޓީ އަށެވެ. އެއީ މި ދެ ޓީމު މެޑްރިޑުގައި ކުޅުނު މެޗު 1-2 އިން ސިޓީ ކާމިޔާބުކޮށްފައިވާތީއެވެ.