ޔުރޮޕާ ލީގު ކާމިޔާބުކުރުމަކީ އުއްމީދެއްކަމަށް އިންޓަރ މިލާންގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.
ރޭ ގެނޮވާ އަތުން މޮޅުވި މެޗަށްފަހު ވާހަދައްކަމުން ކޮންޓޭ ބުނީ ލީގުގެ ދެވަނަ މަގާމުގައިއޮވެ ނިންމާލަން ފުރުސަތު ލިބުމަކީ ގޯސް ސީޒަނެއް ނޫންކަން ދައްކައިދޭ ހެއްކެއް ކަމަށެވެ.
ކޮންޓޭ ބުނީ ކާމިޔާބާއަށް ހަމަޔަށް ދެވޭނީ އަޒުމެއް އޮވެގެން ކަމަށާއި އެއަށް އުއްމީދުތަކެއް ވެސް ކޮށްގެންކަމަށެވެ. އެގޮތުން ޔޫރޮޕާ ލީގު ކާމިޔާބު ކުރަމަކީ މިހާރު އެންމެ ބޮޑަށް ކުރާ އުއްމީދުކަމަށް ކޮންޓޭ ބުންޏެވެ.
އެކަމަކު އެއީ އެހާ ފަސޭހަކަމެއް ނޫން ކަމަށާއި އެ މުބާރާތުގައި އިނގިރޭސި ކްލަބް މެންޗެސްޓަރ ޔުނައިޓެޑްވެސް ވާދަކުރުން އެއީ ޗެލެންޖެއްކަން ކޮންޓޭ ފާހަގަކުރިއެވެ. އޭނާ ބުނީ ޔުނައިޓެޑްގެ ވިސްނުން ހުންނާނީ މުބާރާތް ކާމިޔާބުކުރަން ކަމަށެވެ. އެހެން ނަމަވެސް އިންޓަރ މިލާނުން ކުރިމަތިލާނީ މުބާރާތް ކާމިޔާބުކުރުމުގެ ވިސްނުމާއެކު ކަމަށް ކޮންޓޭ ބުންޏެވެ.
ޔޫރޮޕާ ލީގުގެ ގަދަ ސޯޅައިގައި އިންޓަ މިލާން ނުކުންނާނީ ސްޕެއިންގެ ގެޓާފޭއާ ދެކޮޅަށެވެ.