އަންނަ ސީޒަނަށް ޔުވެންޓަސް އަށް ބަދަލުވެފައިވާ މިޑްފީލްޑަރު އަރްތޫރް މެލޯ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އަށް ނުކުޅޭނެ ކަމަށް ބުނެފިއެވެ.
ކުރިން ބެލެވިފައިވަނީ ޗެމްޕިއަންސް ލީގުގައި އަރްތޫރު ބާސެލޯނާއަށް ކުޅޭނެ ކަމަށެވެ. ނަމަވެސް އެކުލަބަށް ނުކުޅެން އޭނާ ނިންމީ ބާސެލޯނާއިން އޭނާގެ ނުގަބޫލުގައި ޔުވެންޓަސް އަށް އޭނާ ވިއްކާލުމުންނެވެ. އަދި އޭގެ ފަހުން ސްޕެނިޝް ލީގުގައި ބާސެލޯނާ ކުޅުނު ގިނަ މެޗުތަކުގައި އޭނާއަށް ކުޅުމުގެ ފުރުސަތު ދީފައިނުވާތީވެ ކުޅުންތެރިޔާ ހުރީ ކުލަބާމެދު ވަރަށް ބޮޑަށް ނުރުހިފައެވެ.
ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން ބުނީ އަރްތޫރު ހާލަތު އޭނާއަށް ނޭނގޭ ކަމަށާއި ނަމަވެސް އޭނާގެ ބަދަލުގައި ޔުވެންޓަސްއިން ބާސެލޯނާއަށް ގެނައި މިޑްފީލްޑަރު މިރަލެމް ޕިޔަނިކް ޓިމުގަ ފަރިތަކުރުންތަކުގައި ރަނގަޅަށް ބައިވެރިވާނެ ކަމަށެވެ.
ޗެމްޕިއަންސް ލީގަށް ބާސެލޯނާ ނުކުންނައިރު އެޓީމު އޮތީ ނާޒުކު ފައްތަރެއްގައެވެ. އެއީ ސްޕެނިޝް ލީގު ގެއްލިދިއުމާއެކު ކޯޗު ސެޓިއެންގެ މަގާމާމެދު ވެސް ސުވާލު އުފެދިފައިވާތީއެވެ.